Roadha Mihaaru
ބަރު ހިތެއް ނެތް، އެންމެންނަށް މާފުކޮށްފިން: ނާޒިމް

ބަރު ހިތެއް ނެތް، އެންމެންނަށް މާފުކޮށްފިން: ނާޒިމް

28 ޖެނުއަރީ 2019

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު ނުހައްގުން ޖަލުގައި އޮންނަން ޖެހި އަނިޔާތަކެއް ލިބިވަޑައިގަތަސް، އެއްވެސް މީހަކާ ދޭތެރޭގައި ބަރު ހިތެއް ނެތް ކަމަށާއި އެންމެންނަށް މާފުކޮށްފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު ނުހައްގުން ޖަލުގައި އޮންނަން ޖެހި އަނިޔާތަކެއް ލިބިވަޑައިގަތަސް، އެއްވެސް މީހަކާ ދޭތެރޭގައި ބަރު ހިތެއް ނެތް ކަމަށާއި އެންމެންނަށް މާފުކޮށްފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ޖެނުއަރީ، 2015 ގައި ނާޒިމް ދިރިއުޅުއްވި ގޭގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، އެ މައްސަލަ އަލުން ބެލުމަށް ފަހު ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.

ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފެނުނު ކަމަށް ބުނާ ފިސްތޯލަ އާއި ތިން ވަޒަނާއި ޕެންޑްރައިވް.

ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފެނުނު ކަމަށް ބުނާ ފިސްތޯލަ އާއި ތިން ވަޒަނާއި ޕެންޑްރައިވް.

ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލުން ވަނީ ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާތީ، ނާޒިމް ޖަލަށްލާން ކުރި ހުކުމަށް އަސަރު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނާޒިމްގެ ވަކީލުން ސިފަ ކުރި ގޮތުގައި، މިއީ އަދީބާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ދުރާލާ ރާވައިގެން، ނާޒިމްގެ ސިޔާސީ ހަޔާތް ބަރުބާދުކޮށްލުމަށް ހިންގި ބޮޑެތި ޖަރީމާތަކެއް ކަމަށްވާއިރު، އެބޭފުޅުންގެ މައްސަލަ ބަލައި ތަހުގީގު ކުރަން ޖެހޭނެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކުރިން އަނިޔާތަކެއް ލިބިވަޑައިގަތަސް، މިހާރު އެކަން ހަނދާނުން ފޮހެލާފައިވާ ކަމަށެވެ. މީހުންނާ ދޭތެރޭގައި ޒާތީ ކަންކަން ބާއްވައި، އޭގައި ހިފައިގެން ކުރިއެރުމެއް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގައުމު ދާންވީ ކުރިއަށް ނޫންތޯ؟ އަޅުގަނޑު ގަބޫލު ކުރަން ކުށެއްކޮށްފި ނަމަ، އަދަބު ލިބެން ޖެހޭނެ. އެކަމަކު، މާފުކޮށްގެން ކުރިއަށް ގެންދިއުމުގެ ރޫހު ހުންނަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އެހެން ވިދާޅުވި އިރު، އޭނާ ދިރިއުޅުއްވާ ކޮޓަރިން ނުރައްކާތެރި ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލައިދޭން ނާޒިމްގެ ފަރާތުން ހުށަހެޅުމުން އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިމުނު ގޮތަށް ރިއާޔަތްކޮށް، އެ މައްސަލައިގެ ތަހުގީގު އަލުން ކުރުމަށް ފުލުހުން ވަނީ ނިންމައިފަ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު. ނާޒިމްގެ ވަކީލުން ތުހުމަތު ކުރައްވާ ގޮތުގައި ނާޒިމް ގޭގައި ފިސްތޯލައެއް ބޭއްވީ އަދީބާއި ހުސެއިން ވަހީދު ދުރާލާ ރާވައިގެން ނާޒިމްގެ ސިޔާސީ ހަޔާތް ބަރުބާދުކޮށްލުމުގެ ބޭނުމުގައި.---ފޮޓޯ: ރައީސް އޮފީސް

ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަފްސީލް ދެއްވައި ނާޒިމް ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު ލިބޭ އަބުރުވެރި ބައެއްގެ ގޮތުގައި ހެދުން ކަމަށެވެ. ފުލުހުން އެ ދުވަހު އަމަލު ކުރި ގޮތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރިން ސިފައިންގޭގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ދިރިއުޅުއްވި ގޭގެ ކޮޓަރި އަށް ވަނުމަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވީ ހަމައެކަނި ފުލުހުންނެވެ. ނާޒިމްގެ ވަކީލުން ކޯޓުގައި ފާހަގަ ކުރެއްވި ގޮތުގައި، ނާޒިމްގެ ކޮޓަރި އަށް ފިސްތޯލަ އާއި ތިން ވަޒަނާއި ޕެންޑްރައިވް ކަޅު ދަބަހަކަށް ލައިގެން ވެއްދީ ނާޒިމް ދިރިއުޅޭ ގެއަށް ދިޔަ ފުލުހެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މާފު ކުރާނަންތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން ނާޒިމް ވިދާޅުވީ އެއްވެސް މީހަކާ ދޭތެރޭގައި ބަރު ހިތެއް ނުވަތަ ރުޅިވެރިކަން ބާއްވަން ބޭނުން ނުވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒްއާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ ފުލުހުންގެ އިސް މަގާމުގައި ނަވާޒް ހުންނެވި އިރު، އެތައް ބަޔަކަށް އަދަބު ލިބިގެންދިޔަ އިރު، އޭނާ އަށް ވެސް އަނިޔާތަކެއް ލިބިވަޑައިގެންނެވި ކަމަށެވެ.

"އެކަމަކު އަޅުގަނޑުގެ އެއްވެސް ބުރަ ކަމެއް ނެތް ހިތުގައި. އަޅުގަނޑުމެން ބޭއްވި ސަޔެއްގައި ބައިވެރިވެވަޑައިގެން އަޅުގަނޑުމެންނަކީ މިހާރު ވަރަށް ގާތް މީހުން،" ނާޒިމް ވިދާޅުވި އެވެ.