Roadha Mihaaru
ދައުވާތައް ސާބިތުވެއްޖެއްޔާ ޓްރަމްޕު ހަނާވެގެންދާނެ

ދައުވާތައް ސާބިތުވެއްޖެއްޔާ ޓްރަމްޕު ހަނާވެގެންދާނެ

12 ޖޫން 2023

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބައި ދައުވާ ވެސް ސާބިތުވެއްޖެ ނަމަ، ވިލިއަމް ބާރް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ތެރެއިން ދެ ބައިކުޅަ އެއްބައި ދައުވާ ވެސް ސާބިތުވެއްޖެ ނަމަ، ވިލިއަމް ބާރް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވިލިއަމް ބާރް އަކީ ޓްރަމްޕުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އެމެރިކާގެ ބަންޑާރަ ނާއިބުކަން (ފެބްރުއަރީ 2019 – ޑިސެމްބަރު 2020) ކުރެއްވި، ގާނޫނީ ތަޖުރިބާކާރެކެވެ.

ދައުލަތުގެ ސިއްރު ލިޔުންތަކެއް ގާނޫނާ ޚިލާފަށް ފޮރުވައިގެން ގެންގުޅުއްވި މައްސަލައިގައި ޓްރަމްޕުގެ މައްޗަށް ކުރާ 37 ދައުވާގެ ތަފްސީލުތައް، އެ މައްސަލައިގައި ދައުލަތް ތަމްސީލުކުރައްވާ ދައުލަތުގެ ވަކީލުން އިއްޔެ ވަނީ އާންމު ކުރައްވައިފަ އެވެ. އެ މައްސަލައިގައި ޓްރަމްޕަށް ކުރާ ދައުވާތަކުގެ ތެރޭގައި ޖާސޫސް ކުރުމުގެ ގާނޫނުގެ ދަށުން ކުރާ ދައުވާތަކެއް ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ދައުލަތުގެ ސިއްރު ލިޔުންތަކެއް ގާނޫނާ ޚިލާފަށް ގެންގުޅުއްވުމަށް ފަހު އެކަން ފޮރުވުމަށް ދޮގު ބަޔާންތަކެއް އާންމުކުރެއްވި މައްސަލައިގައި ވެސް، ދައުލަތަށް އޮޅުވާލައި ދޮގު ހެއްދެވުމުގެ ދައުވާ ވެސް ކުރާނެ އެވެ.

"އެ ލިޔުންތަކުގައި ހުރި ވާހަކަތަކުގެ ހައްސާސްކަމާ މެދު އަދި އެ ލިޔުންތަކުގެ ގިނަކަމާ މެދު އަހަރެން މިހުރީ ކުއްލި ސިހުމެއްގައި. އަހަރެން ގަބޫލުކުރާ ގޮތުގައި، އަމިއްލަ އިޚްތިޔާރުގައި ސިއްރު ލިޔުންތަކެއް ގާނޫނާ ޚިލާފަށް ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ޖާސޫސް ކުރުމުގެ ގާނޫނުގެ ދަށުން އެ ކުރާ ތުހުމަތުތަކަކީ ވަރަށް ވަރުގަދަ ތުހުމަތުތަކެއް،" އެމެރިކާގެ ފޮކްސް ނިއުސް ޓީވީ ޗެނަލަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިލިއަމް ބާރް ވިދާޅުވި އެވެ.

"އެ ތުހުމަތުތަކުގެ ތެރެއިން ދެ ބައިކުޅ އެއްބައި ތުހުމަތު ވެސް ސާބިތުވެއްޖެ ނަމަ، ޓްރަމްޕު ހަނާވެގެންދާނެ."

ސިއްރު ލިޔުންތަކުގެ މައްސަލައިގައި ޓްރަމްޕުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ފުރަތަމަ އަޑުއެހުމަށް، މަޔާމީގެ ފެޑެރަލް ކޯޓަށް މާދަމާ ހާޒިރުވުމަށް ޓްރަމްޕަށް ވަނީ އަންގައިފަ އެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ، ވެރިކަމުގެ ދައުރު ނިންމަވައި، ޖެނުއަރީ 2021 ގައި ވައިޓް ހައުސް އިން ނުކުމެވަޑައިގެންނެވި އިރު، ސަރުކާރުގެ ސިއްރު ލިޔުންތަކެއް ފޮރުވައިގެން ގެންގޮސް، އަމިއްލަ ގޭގައި ބަހައްޓައިގެން އުޅުނު މައްސަލައިގަ އެވެ.

ގާނޫނާ ޚިލާފަށް ގެންދެވި ސަރުކާރުގެ ސިއްރު ލިޔުންތައް ފޮރުވާފައި ހުރީ، ފްލޮރިޑާގައި ހުންނަ ޓްރަމްޕުގެ އަމިއްލަ ގެ ކަމަށްވާ މާރް-އާ-ލާގޯ ރިސޯޓްގަ އެވެ. އެ މައްސަލައިގައި އެމެރިކާގެ ޖިނާއީ ތަހުގީގުތަކާ ބެހޭ މަރުކަޒީ އިދާރާގެ އޮފިޝަލުން އެ ގެކޮޅަށް ވަދެ ބަލައި ފާސްކުރީ، އޮގަސްޓް 8، 2022ގަ އެވެ.

ދައުލަތުގެ ވަކީލުން ބުނެފައިވާ ގޮތުގައި، ރައީސް ޓްރަމްޕު އެ ލިޔުންތައް އަމިއްލަ ގޭގައި ފޮރުވައިގެން ގެންގުޅުނީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި އަދި ސަލާމަތް ބުއްދީގައި ހުންނަވައިގެންނެވެ. އެ ލިޔުންތައް ބަހައްޓާފައި ހުރި ގެއަކީ އާންމުންގެ މެދުގައި ވަރަށް މަޝްހޫރު އަދި، ކޮންމެ އަހަރަކު އެތައް ހާސް މެހުމާނުން ޒިޔާރަތް ކުރާ ތަނެއްގައި ކަމަށް ވެސް ދައުލަތުގެ ވަކީލުން ބުންޏެވެ.

އޭގެ އިތުރުން، އެ ގޭގައި ފޮރުވާފައި ހުރި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ވަރަށް ހައްސާސީ މައުލޫމާތު ހިމެނޭ ބައެއް ލިޔުންތައް ބަހައްޓާފައި ހުރީ އެ ގޭގެ ފާޚާނާއެއްގަޔާއި ފާޚާނާއާ ވަކިން ހުންނަ ފެންވަރާ ބައެއްގައި ކަމަށް ވެސް ދައުލަތުގެ ވަކީލުން ބުންޏެވެ.

ފާޚާނާ ތެރެއިން ފެނުނު ސިއްރު ލިޔުންތަކުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ދިފާއީ ގާބިލުކަމާ ބެހޭ މައުލޫމާތު ހިމެނޭ ލިޔުންތަކާއި، އެމެރިކާގެ ނިއުކްލިއާ ޕްރޮގްރާމްތަކާ ބެހޭ ސިއްރު ލިޔުންތައް ވެސް ހިމެނެ އެވެ. އޭގެ އިތުރުން އެމެރިކާ އަށް ދީފާނެ އަސްކަރީ ހަމަލާތަކާ ބެހޭ ސިއްރު މައުލޫމާތުތަކާއި، އެފަދަ ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ އިން ހަމަލާ ދޭނެ ގޮތުގެ މައުލޫމާތު ހިމެނޭ ލިޔުން ވެސް ހިމެނެ އެވެ.

މީގެ ކުރިން ވެސް އެމެރިކާގެ ބައެއް ރައީސުންނާއި ނައިބު ރައީސުން މަގާމުން ވަކިވެވަޑައިގަތުމަށް ފަހު، ސަރުކާރުގެ މުހިންމު ލިޔުންތައް ގެންގުޅުއްވާފައިވެ އެވެ. ނަމަވެސް ޓްރަމްޕުގެ މައްސަލަ މިހާ މަޝްހޫރުވެގެން މިއުޅެނީ، އެ މައްސަލައިގެ ތަހުގީގަށް ޓްރަމްޕު އެއްބާރުލުން ނުދެއްވުމުގެ އިތުރުން، އެ ލިޔުންތައް ސަރުކާރާ ހަވާލުކުރުމަށް ވެސް އެންމެ ފުރަތަމަ ދެކޮޅު ހެއްދެވުމުންނެވެ.

މި މައްސަލަ ފެންމަތިވުމާ އެކު ޓްރަމްޕުގެ ވިދާޅުވަމުން ގެންދަވަނީ އޭނާ އެކަމުގައި އެއްވެސް ގޯހެއް ނުހައްދަވާ ކަމަށެވެ. އަދި ސިއްރު ކަމަށް އެ ބުނާ ލިޔުންތަކަކީ، އޭނާ ވެރިކަމުގައި ހުންނެވި ދުވަސްވަރު، ސިއްރު ނޫން ކަމަށް ކަނޑައެޅުއްވި ލިޔުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވަނީ، ސިއްރު އެއްވެސް ލިޔުމެއް، ސިއްރު ނޫން ކަމަށް ޓްރަމްޕުގެ ކަނޑައެޅުއްވި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.