Roadha Mihaaru
ޓްރަމްޕާ ދެކޮޅަށް ބާރު ލިބޭ އީމެއިލް އަކީ "ބޮމެއް"!

ޓްރަމްޕްގެ އިމްޕީޗްމަންޓާ ގުޅޭ އީމެއިލްއެއް: ޑިމޮކްރެޓުން ސިފަކުރަނީ ބޮޑު "ބޮމެއް" ކަމަށް

24 ޑިސެމްބަރ 2019

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން ކޮންގްރެސް އިން ނިންމި ބޮޑު ނިންމުމަށް ފަހު ސިޔާސީ ބޮޑު ބައިބައިވުމަކަށް ގޮސްފައި ވަނިކޮށް، ޓްރަމްޕަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އީމެއިލްތަކެއް ހާމަކުރުމާ އެކު، ސެނެޓްގެ ޝަރީއަތަށް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ބޭނުންވާ އިތުރު ހެކި ހުށައެޅުމުގެ ފުރުސަތު ފަހިކޮށްދޭން ބާރަކަށް ވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން ކޮންގްރެސް އިން ނިންމި ބޮޑު ނިންމުމަށް ފަހު ސިޔާސީ ބޮޑު ބައިބައިވުމަކަށް ގޮސްފައި ވަނިކޮށް، ޓްރަމްޕަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އީމެއިލްތަކެއް ހާމަކުރުމާ އެކު، ސެނެޓްގެ ޝަރީއަތަށް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ބޭނުންވާ އިތުރު ހެކި ހުށައެޅުމުގެ ފުރުސަތު ފަހިކޮށްދޭން ބާރަކަށް ވެއްޖެ އެވެ.

ޑިމޮކްރެޓުން ކޮންޓްރޯލް ކުރާ ކޮންގްރެސް އިން ޓްރަމްޕް އިމްޕީޗްކުރީ އަންނަ އަހަރު ބާއްވާ އެ ގައުމުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯދުމުގެ ރޭހުގެ ކުރީގައި އުޅުއްވާ ކުރީގެ ނައިބު ރައީސް ޖޯން ބައިޑަންއާ ދެކޮޅަށް ކޮރަޕްޝަންގެ ތަހުގީގެއް ހިންގަން ޔޫކްރެއިންއަށް ބާރު އެޅުއްވުމުންނެވެ.

ޔޫކްރެއިންގެ ހަކަތައާ ބެހޭ ކުންފުންޏެއްގެ ބޯޑުގައި ބައިޑަންގެ ދަރިކަލަކު އިންނެވުމަކީ މައްސަލައެއްގެ ގޮތުގައި ސިޔާސީ ބައެއް ފަރާތްތަކުން ނަގަ އެވެ. އެކަމަކު އޭގައި ބައިޑަންގެ އެއްވެސް ކަހަލަ ރޯލެއް އޮތްކަން އެއްވެސް އިރަކު ހާމަވެފައެއް ނެތެވެ.

ޔުކްރެއިންގެ ރައީސްގެ މަގާމަށް ވޮލޮޑިިމިއާ ޒެލެންސްކީ ހޮވިވަޑައިގަތުމާ އެކު ކުރެއްވި ފޯން ކޯލެއްގައި ބައިޑަންގެ ތަހުގީގު ފަށާކަން އާންމުކޮށް އިއުލާންކޮށްދެއްވަން ޓްރަމްޕް އެދިވަޑައިގަތެވެ. އެކަން ފަޅާއެރީ، ވައިޓް ހައުސްގެ ފޯންކޯލްތައް އަޑުއެހުމުގެ މަސްއޫލިއްޔަތު އުފުލާ ސިފައިންގެ ތެރެއިން އެކަކު، އެ ވާހަކަ އާންމުކުރުމުންނެވެ. އެއީ ކާކު ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ޒެލެންސްކީއާ ޓްރަމްޕް ގުޅުއްވާ ބައިޑަންގެ ތަހުގީގު އިއުލާންކުރައްވަން ޕްރެޝަރުކުރެއްވި ފޯން ކޯލުކުރެއްވިތާ 91 މިނިޓް ފަހުން، ވައިޓް ހައުސް އިން ޕެންޓަގަންއަށް އެންގީ ޔުކްރެއިންއަށް ދޭން ކޮންގްރެސް އިން ފާސްކުރި 400 މިިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓުމަށެވެ.

ފްރީޑަމް އޮފް އިންފޮމޭޝަންގެ ގާނޫނުގެ ދަށުން ހޯދި އީމެއިލްތަކުގެ ތެރޭގައި، ވައިޓް ހައުސްގެ ބަޖެޓް އޮފީހުގެ އޮފިޝަލެއް ކަމަށްވާ މައިކަލް ޑަފޭގެ އީމެއިލެއް ހިމެނެ އެވެ. އޭނާ ޕެންޓަގަންގެ އޮފިޝަލުންނަށް އެންގެވީ "މައްސަލައިގެ ބާވަތުން" މާ ބޮޑަށް ވާހަކަ ނުދެއްކުމަށެވެ.

ކޮންގްރެސް އިން ފާސްކުރާ ބަޖެޓެއް ދޫނުކޮށް ވައިޓް ހައުސް އިން ހިފަހައްޓާ ނަމަ އެކަން ކޮންގްރެސް އަށް އަންގަން ޖެހެ އެވެ. އެކަމަކު އެ ފޯނު ކޯލަށް ފަހު، ޔޫކްރެއިންގެ އެހީ ހިފަހައްޓަން ވައިޓް ހައުސްއިން އެންގުމާއި އެކަން ސިއްރުކުރުމަކީ، އިމްޕީޗްމަންޓްގައި ޑިމޮކްރެޓިކް މެމްބަރުން ދެއްކެވި ވާހަކައަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށް، މިހާރު ބެލެވެ އެވެ.

ޓްރަމްޕްގެ ތަހުގީގު، ކޮންގްރެސްގެ ތިރި ގެ، ހައުސް އިން ފެށީ، ޔުކްރެއިންގެ ރައީސަށް ޕްރެޝަރުކޮށް ބައިޑަންގެ ތަހުގީގު ފަށާކަން އިއުލާންކުރުމަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ފައިދާ ލިބޭ ގޮތަށް، ބޭރު ގައުމެއް ވެއްދުން ކަމަށް، ޑިމޮކްރެޓިކުން ގަބޫލުކުރާތީ އެވެ.

ހައުސްގެ ތަހުގީގަށް ޑަފޭ ހާޒިރުކުރަން ޗިޓް ފޮނުވި އެވެ. އެކަމަކު ޓްރަމްޕް ވަނީ ވައިޓް ހައުސްގެ ހަތަރު އޮފިޝަލަކު އެއިން އެއްވެސް ތަހުގީގަކަށް ނުފޮނުވާ ހިފަހައްޓަވައިފަ އެވެ. އަދި ހައުސް އިން އެދުނު ލިއެކިއުންތައް ވެސް ދުލެއް ނުކުރެ އެވެ. އިމްޕީޗްމަންޓްގެ ދެ ވަނަ ކުށް ކަމަށް ވާ، ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުން ބިނާކުރީ، އެ ދެކޮޅުހެދުންތަކަށެވެ.

ޔުކްރެއިންގެ އެހީ މަޑުޖައްސާލަން އެންގުމުގެ ސަބަބުން މައްސަލަތަކެއް ނުކުމެދާނެ ކަން ޑަފޭއަށް ވެސް އެނގިވަޑައިގަންނަވަ އެވެ. ޕެންޓަގަން ތެރޭގައި ވީހާ ވެސް ބޮޑަށް އެކަން ސިއްރުކޮށްދޭން އީމެއިލްގައި އޭނާ އެދިވަޑައިގަތީ އެހެންވެ އެވެ.

ފޯން ކޯލްގެ މައްސަލަ ފެންމަތިވުމާ އެކު، ޓްރަމްޕް ވަނީ އެ އެހީ ޔޫކްރެއިނަށް ދޫކުރައްވައިފަ އެވެ.

ޑަފޭގެ އީމެއިލްއާ ގުޅޭ ގޮތުން ވައިޓް ހައުސް އިން ބުނީ އީމެއިލްގެ އިބާރާތްތައް މާނަކޮށްގެން އުޅެނީ ނުބައިކޮށް ކަމަށެވެ. އަދި އެ އީމެއިލް ފޮނުވުމުގެ ކުރިން އަދި ޒެލެންސްކީއަށް ޓްރަމްޕް ގުޅުއްވުމުގެ ކުރިން ވެސް އެހީ މަޑުޖައްސާލިކަން އާންމުކޮށްފައިވާ ކަމަށް ވައިޓް ހައުސް އިން ބުންޏެވެ.

ޑަފޭގެ އީމެއިލް އާންމުވުމުން ޑިމޮކްރެޓުން އެކަން ސިފަކުރީ ޓްރަމްޕަށް ކުރަމުންދިޔަ ތުހުމަތުތަކަށް ބާރު ލިބުނު "ބޮމެއް"ގެ ގޮތުގަ އެވެ. އެހެންވެ، ސެނެޓްގެ އިމްޕީޗްމަންޓް ޝަރީއަތަށް ޑަފޭ ހާޒިރުކުރަން ޑިމޮކްރެޓުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ބާރެއް ވަނީ ލިބިފަ އެވެ.

"އެހީ ހިފެހެއްޓުމުގައި ގޯހެއް ހަދާފައި ނުވާ ނަމަ، އެކަން އެހެން މީހުންނަށް އެނގެން މައިކަލް ޑަފޭ ބޭނުން ނުވަނީ ކީއްވެ؟" ސެނެޓުގެ ޑިމޮކްރެޓުންގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ ވިދާޅުވި އެވެ.

ސެނެޓްގެ ޝަރީއަތަށް އިތުރު ހެކިންނާއި ލިއުންތައް ހުށައަޅަން މީގެ ކުރިން ސެނެޓްގެ މެޖޯރިޓީ ލީޑަރު، ރިޕަބްލިކަން ޕާޓީގެ މެޗް މެކޮނަލް ދެކޮޅުހެއްދެވި އެވެ. އެކަމަކު މިހާރު އޭނާ ވިދާޅުވަނީ "އެއީ ނުވާނެ ކަމެއް ކަން އެއްވެސް އިރަކު" ވިދާޅުވެފައި ނުވާނެ ކަމަށެވެ.

"އަހަރެމެން އެއްވެސް އިރަކު އެކަން ނުވާނެއެކޭ ނުބުނަން،" މެކޮނަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސެނެޓްގެ ޝަރީއަތާ މެދު އެއްވެސް އިރަކު ރިޕަބްލިކަން ޕާޓީގެ މެމްބަރުން ހާސްވެގެންނެއް ނޫޅެ އެވެ. އަދި ހައުސްގެ ނިންމުން ސެނެޓަށް ނުފޮނުވާ ޑިމޮކްރެޓިކް މެމްބަރުން ތިއްބަވަންޏާ އެގޮތަށް ތިއްބަވަންވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައުސްގެ ރައީސް ޑިމޮކްރެޓިކް ޕާޓީގެ ނެންސީ ޕެލޯސީ ނިންމަވާފައި ވަނީ ސެނެޓްގެ ޝަރީއަތުގެ އުސޫލުތައް ކަނޑައަޅަނީ އިންސާފުވެރި ޝަރީއަތަކަށް މަގުފަހިވާ ގޮތަށް ކަމަށް ޔަގީންވުމުގެ ކުރިން، އިމްޕީޗްމަންޓްގެ މައްސަލަ ސެނެޓަށް ރަސްމީކޮށް ހުށަނާޅުއްވާށެވެ. އެހެންވެ، ކްރިސްމަސް އާއި އާ އަހަރުގެ ޗުއްޓީއަށް ހައުސްގެ މެމްބަރުން ވަޑައިގަތީ ސެނެޓަށް މައްސަލަ ފޮނުއްވުމެއް ނެތި އެވެ.

މީގެ ކުރިން ހައުސްގައި އިމްޕީޗްކުރި ދެ ރައީސުންގެ މައްސަލައަށް ބަލާއިރު ފެނުނީ ތަފާތު މަންޒަރެކެވެ. ހައުސްގެ ވޯޓާ އެކު، އިމްޕީޗްގެ ކުށްތައް، ސެނެޓްގެ ޝަރީއަތަށް ވަގުތުން ހުށައެޅި އެވެ. އެހެންކަމުން އެމެރިކާގައި ދިމާވެގެން މި އުޅެނީ މުޅިން އާ މައްސަލައެކެވެ.

ރައީސް އިމްޕީޗްކުރުމަށް ފަހު ސެނެޓްގެ ޝަރީއަތަށް މައްސަލަ ހުށައަޅަން ވަކި މުއްދަތެއް، ގާނޫނުއަސާސީގައި ދީފައެއް ނުވެ އެވެ.

ރިޕަބްލިކަން މެމްބަރުން ބުނާ ގޮތުގައި ޑަފޭގެ އީމެއިލުން އާ އިތުރު އެއްވެސް ހެއްކެއް ހާމައެއް ނުވެ އެވެ. އެ އީމެއިލްއިން އެނގުނީ އެމެރިކާ ރައްޔިތުންގެ ފައިސާ ޔުކްރެއިން އިން ނާޖާއިޒު ގޮތުގައި ބޭނުންކޮށްފާނެތޯ ނުވަތަ ނޫންތޯ ޓްރަމްޕް ބެއްލެވި ކަން ކަމަށް، ރިޕަބްލިކަން މެމްބަރުން ދެކެ އެވެ.

ސެނެޓުގެ ޝަރީއަތުން ޓްރަމްޕް ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ. ރައީސްކަމުގެ މަގާމުން ވަކިވާނީ ސެނެޓްގެ ތިންބައި ކުޅަ ދެބައިގެ ވޯޓުންނެވެ. ޖުމްލަ 100 މެމްބަރުން ތިބޭ ސެނެޓްގެ މެޖޯރިޓީ ރިޕަބްލިކަންއަށް އޮތީ 53 މެމްބަރުންނާ އެކު އެވެ. ޑިމޮކްރެޓިކް ޕާޓީގެ 45 އަދި މިނިވަން ދެ މެމްބަރުން ތިއްބަވަ އެވެ. އެހެންކަމުން ޓްރަމްޕް މަގާމުން ވަކިކުރަން މަދުވެގެން ބޭނުންވާ 67 ވޯޓު ލިބޭނީ ރިޕަބްލިކަން ޕާޓީގެ 20 މެމްބަރަކު ވޯޓު ލައްވައިފި ނަމަ އެވެ.