Roadha Mihaaru
ވިލާގެ މުވައްޒަފުންނަށް ދެން ލިބޭނީ 1،000ރ.

ވިލާގެ މުވައްޒަފުންނަށް ދެން ލިބޭނީ މަހަކު 1،000ރ.

23 އެޕްރީލް 2020

ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކާ ހެދި، މި މަހުން ފެށިގެން ކުރިއަށް އޮތް ތިން މަހު ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ މުވައްޒަފުންނަށް ކޮންމެ މަހަކު ދެވޭނީ ކޮންމެ މީހަކަށް 1،000ރ. ކަމަށް ނިންމައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކާ ހެދި، މި މަހުން ފެށިގެން ކުރިއަށް އޮތް ތިން މަހު ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ މުވައްޒަފުންނަށް ކޮންމެ މަހަކު ދެވޭނީ ކޮންމެ މީހަކަށް 1،000ރ. ކަމަށް ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކުންފުނިން ނެރުނު ސާކިއުލާއެއްގައި ބުނީ، މިދިޔަ މާޗް މަހުގެ ބޮޑުބައެއްގައި ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށްވެ، އާމްދަނީ ވަރަށް ބޮޑު ތަނުން ދަށް ވިޔަސް، އެ މަހުގެ މުސާރަ އާއި އިނާޔަތްތަކުން އެއްވެސް އަދަދެއް އުނިކޮށްފައި ނުވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން، ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުގެ ސަބަބުން، ވިލާގެ ހުރިހާ މުވައްޒަފުންގެ މުސާރަ 10-15 ޕަސެންޓަށް ކުޑަ ކުރުމަށް ކުރިން އޮތީ ނިންމައިފަ އެވެ.

އެކަމަކު، މިހާރު އެ ކުންފުނިން ނެރުނު ސާކިއުލާގައި ބުނީ، ރިސޯޓުތަކަށް އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތުމުން މި މަހުން ފެށިގެން އެ އުސޫލަށް އަމަލުކޮށްގެން ވެސް މުސާރަ ދެވެން ނެތް ކަމަށެވެ. އެހެންވެ، މި މަހާއި މޭ އަދި ޖޫން މަހު ކޮންމެ މުވައްޒަފަކަށް ދެވޭނެ ކަމަށް ބެލެވެނީ 1،000ރ. ކަމަށް ސާކިއުލާގައި ވެ އެވެ. ނަމަވެސް ރޯދަ މަހުގެ އިނާޔަތާއި ސާވިސް ޗާޖު އެ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، އެ ކަން އަންގާނެ ކަމަށް ވިލާ އިން ބުންޏެވެ.

"ޖޫން 2020 ގެ ނިޔަަލަށް ރިސޯޓުތައް އޮޕަރޭޝަނަށް ނުގެނެވި، އާމްދަނީ ލިބޭނެ ގޮތެއް ނުފެނިއްޖެ ނަމަ، މުވައްޒަފުންގެ ވަޒީފާއާ މެދު ގޮތެއް ނިންމައި އެކަން ކޮންމެ މުވައްޒަފަކަށް ވެސް އަންގަމުން ގެންދާނެ އެވެ،" ސާކިއުލާގައި ވެ އެވެ.

"މި ނިންމުމަކީ މިހާތަނަށް މި ކުންފުނިން ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުމެވެ. މި ގޮތަށް މި ނިންމުން ނިންމީ ވެސް މި ހާލަތުގައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ދޫކޮށްލަން ބޭނުން ނުވާތީ އާއި ކުންފުންޏަށް އެއްވެސް ފައިސާއެއް ހޯދުނަސް އެ ފައިސާއެއް ހަމަހަމައަށް ހުރިހާ މުވައްޒަފުންގެ މެދުގައި ހިއްސާ ކުރުމުގެ މަގްސަދުފަ އެވެ.

"ޖޫން 2020 ގެ ނިޔަަލަށް ރިސޯޓުތައް އޮޕަރޭޝަނަށް ނުގެނެވި، އާމްދަނީ ލިބޭނެ ގޮތެއް ނުފެނިއްޖެ ނަމަ، މުވައްޒަފުންގެ ވަޒީފާއާ މެދު ގޮތެއް ނިންމައި އެކަން ކޮންމެ މުވައްޒަފަކަށް ވެސް އަންގަމުން ގެންދާނެ އެވެ،"

ވިލާ އިން ބުނިގޮތުގައި، އެއްވެސް ގޮތަކުން ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެން، މިހާރު ކަނޑައަޅާފައިވާ އަދަދު އިތުރު ކުރެވޭނެ ގޮތެއް ފެނިއްޖެ ނަމަ، މުސާރަ ދޭނީ އިތުރަށް ލިބޭ ބަޔާ އެކު އެވެ.

ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި ރާއްޖޭގެ ގިނަ ރިސޯޓުތައް ބަންދުކޮށްފައިވާތާ މިހާރު މަހަކާ ކައިރިވާއިރު، ގިނަ ބައެއްގެ އަތްމަތި ދަތިވެ، އަދި ތިބީ އިގްތިސޯދީ ގޮތުން ދެން ވާނެ ގޮތް ނޭނގުމެއްގެ ތެރޭގަ އެވެ.

ވިލާ ކުންފުނީގެ ދަށުން ފަސް ރިސޯޓެއް ހިންގަ އެވެ. އޭގެ ތެރެއިން ތިން ރިސޯޓުވަނީ ސަރުކާރަށް ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ދޫކޮށްފަ އެވެ.