Roadha Mihaaru
ބައިވަރު މަސައްކަތް ހުއްޓަސް އެއްބުރުން ވާނެ: އިމްރާން

ބައިވަރު މަސައްކަތް އެބަހުރި، އެކަމަކު އެއްބުރުން ކާމިޔާބުވާނެ: އިމްރާން

17 ޖޫން 2023

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އަދިވެސް ހުއްޓަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އާދަލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އަދިވެސް ހުއްޓަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އާދަލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އަދާލަތުން މި އަންނަ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީއާއެކު ކޯލިޝަން ހަދައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައީދުކުރަން އޮތީ ނިންމައިފަ އެވެ. އެ ނިންމުމާ އެއްގޮތަށް ކެމްޕޭން ފަށަން ތައްޔާރުވުމުގެ ގޮތުން ޕާޓީގެ މެމްބަރުންނާ އެކު ވަނީ ހަފުލާއެއް ބާއްވައިފަ އެވެ.

މި ހިސާބަކަށް އެހެން އެއްވެސް ކެނޑިޑޭޓެއްގެ ޓީމަކަށް މަސައްކަތެއް އަދި ނުކުރެވޭ ކައިރިއެއް ވެސް ނުކުރެވޭ: އިމްރާން

އެ ހަފުލާގައި އިމްރާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކޮށްދިނުމަށް އެ ޕާޓީން ވާން ޖެހޭ ތައްޔާރީތައް މިހާރު އޮތީ ނިމުމަކާ ގާތުގައި ކަމަށެވެ. ކެމްޕެއިން ދަތުރުތައް ޝެޑިއުލްކޮށް، ހަރަކާތްތައް ރާވައި މެނިފެސްޓޯގެ މަސައްކަތް ވެސް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. އަދި ރައީސްގެ މުޅި ޓީމު ވެސް އޮތީ ކެމްޕެއިނަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހިސާބަކަށް އެހެން އެއްވެސް ކެނޑިޑޭޓެއްގެ ޓީމަކަށް މަސައްކަތެއް އަދި ނުކުރެވޭ ކައިރިއެއް ވެސް ނުކުރެވޭ،" އިމްރާން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން އަދާލަތު ޕާޓީން ބޭއްވި ހަފުލާ.-- ފޮޓޯ: އަދާލަތު ޕާޓީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން އަދާލަތު ޕާޓީން ބޭއްވި ހަފުލާ.-- ފޮޓޯ: އަދާލަތު ޕާޓީ

"މި ކަންކަން މިހެން ހުރީމަ އެހެން ހުރިހާ ކެނޑިޑޭޓުންނަށް ވުރެ ކުރިއަށް ދިއުމުގެ މާ ބޮޑަށް ވެސް އިރާދަކުރެއްވިޔާ ފުރުސަތު ލިބޭ. މިކަން ރަނގަޅަށް ގެންދެވިއްޖެއްޔާ އަޅުގަނޑަށް ޔަގީންކަން އެބައޮތް ﷲގެ ރަހުމަތާއެކު އެއްބުރުން މި އިންތިހާބު ކާމިޔާބުކުރާނަން." އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އަދާލަތު ޕާޓީއަށް 18 އަހަރު ފުރުނުއިރު، އެ ޕާޓީން އަބަދުވެސް ކުރަމުން އައީ ދީނީ އަދި އިސްލާހީ މަސައްކަތްތައް ކަމަށެވެ. މިއަދު ވެސް ދެމިތިބީ އެގޮތުގެ މަތީގައި ކަމަށް ވިދާޅުވި އެވެ.

އެހެންވެ، ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް އެ ޕާޓީގެ ދައުރު މިހާރު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި އަދާލަތުން އެންމެ ބޮޑު އިސްކަމެއް ދެނީ އިސްލާމީ އުސޫލުތަކުގެ މަތިން ރާއްޖޭގައި ވެރިކަން ކުރެވޭނެ މަގު ކޮށައިދިނުމަށެވެ. އެކަމުގައި ދެން ވެސް ފަސް ނުޖެހޭނެ ކަމަށާއި ދީނީ ގޮތުން މިހާތަނަށް ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް، އެ ޕާޓީގެ މަސައްކަތުން ގެނެސްދެވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ވެރިކަން އުފެއްދުމަށް އެމްޑީޕީއާާ އެކު ކޯލިޝަން ހެދި އަދާލަތު ޕާޓީގެ ނިންމުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދޭން އިތުރު ފަސް އަހަރަށް ކޯލިޝަންގައި ދެމިތިބުމެވެ.