Roadha Mihaaru
އެމްޕީއެލްގެ ބޮންޑުން މަސް ދުވަހުން 50 މިލިއަން

އެމްޕީއެލް އިން ބޮންޑު ވިއްކައިގެން މަސް ދުވަހުން 50 މިލިއަން ހޯދައިފި

21 ޖޫން 2023

އެމްޕީއެލްއިން ފުރަތަމަ ފަހަރަށް ޕްރައިވެޓް މާކެޓްގައި ވިއްކަން ހުޅުވާލި 200 މިލިއަން ރުފިޔާގެ ބޮންޑުގެ ފުރަތަމަ "ޓްރާންޗް" ނުވަތަ ފުރަތަމަ ހުޅުވާލި ބޮންޑުގެ ބައި ކުރު މުއްދަތެއްގެ ތެރޭގައި ވިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލްއިން ފުރަތަމަ ފަހަރަށް ޕްރައިވެޓް މާކެޓްގައި ވިއްކަން ހުޅުވާލި 200 މިލިއަން ރުފިޔާގެ ބޮންޑުގެ ފުރަތަމަ "ޓްރާންޗް" ނުވަތަ ފުރަތަމަ ހުޅުވާލި ބޮންޑުގެ ބައި ކުރު މުއްދަތެއްގެ ތެރޭގައި ވިއްޖެ އެވެ.

ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ތެރޭގައި އޯވަ ސަބްސްކްރައިބްވި ނުވަތަ ވިއްކަން ކަނޑައެޅި މިންވަރުގެ އިތުރަށް އިންވެސްޓަރުން ލިބުނު މި ބޮންޑަކީ ހަތް އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ބޮންޑެކެވެ.

މި ބޮންޑު ވިއްކި އެމްޕީއެލްގެ ލީޑް އޭޖެންޓް ފަސްޓް ނޭޝަނަލް އިން ބުނީ، ފުރަތަމަ ޓްރާންޗްގެ ގޮތުގައި 50 މިލިއަން ރުފިޔާ ހޯދުމަށް ހުޅުވާލުމާ އެކު ރާއްޖޭގެ ބޮޑެތި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނާއި އާންމު ރީޓެއިލް އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

އެ ކުންފުނީގެ އަމާޒަކީ ޖުލައި ފަހު ކޮޅު އަނެއްކާ ވެސް ބޮންޑުގެ އިތުރު 50 މިލިއަން ރުފިޔާ ވިއްކަން ހުޅުވާލުމެވެ.

އެމްޕީއެލްއިން ބޮންޑުގެ ފުރަތަމަ ޓްރާންޗް ހުޅުވާލީ މިދިޔަ މަހުގެ 11 ގަ އެވެ. އަދި ފުރަތަމަ ޓްރާންޗު އޯވަސަބްސްކްރައިބު ވުމާ އެކު މިމަހުގެ 19 ގައި ވަނީ އެ ބޮންޑަށް އިންވެސްޓް ކުރުމުގެ ފުރުސަތު ބަންދުކޮށްފަ އެވެ.

މި ބޮންޑު ގަތް ފަރާތްތަކަށް އަހަރަކު ފައިދާގެ ގޮތުގައި ހަތް ޕަސެންޓު ލިބޭނެ އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މި ބޮންޑު އޯވަ ސަބްސްކުރައިބްވުމަކީ ރާއްޖޭގެ މާލީ ދާއިރާއައް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ބޮންޑަށް އިންވެސްޓް ކުރި ހުރިހާ ފަރާތްތަކަށް، ކަނޑައަޅާފައިވާ ގޮތަށް ފައިދާ ލިބޭނެ ކަމަށެވެ.

އެމްޕީއެލްއިން ބޮންޑު ވިއްކަން ހުޅުވާލީ، އެ ކުންފުނިން ކުރިއަށް ގެންދާ ޕޯޓްގެ މަސައްކަތްތަށް އިތުރަށް ފުޅާކުރުމަށް ފައިސާ ހޯދުމަށެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 800 މިލިއަނެއްހާ ރުފިޔާ ލިބުނު އިރު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރާއްޖޭގެ ފައިނޭންޝަލް މާކެޓު ފުޅާވަމުން އަންނަ އިރު ވޭތުވެދިޔަ ނުވަ މަހު، ރާއްޖޭގެ ތިން ކުންފުންޏަކުން ވަނީ ބޮންޑާއި ސުކޫކު ވިއްކައިގެން 96 މިލިއަން ރުފިޔާ ހޯދައިފަ އެވެ.