Roadha Mihaaru
ޔޫރޯ މާކެޓިންގެ ބޮންޑު: އަނެއްކާ ވެސް އާ ރެކޯޑެއް!

ޔޫރޯ މާކެޓިންގެ ބޮންޑު: އަނެއްކާ ވެސް އާ ކަމެއް، އާ މިސާލެއް!

13 މާޗް 2023

ދުޅަހެޔޮ ވިޔަފާރިއެއްގައި ބޮޑު ރިސްކެއް ނަގަން ކެރޭނީ ވަރަށް ހުޝިޔާރު ވިޔަފާރިވެރިންނަށެވެ؛ ޔޫރޯ މާކެޓިން އަކީ އޭގެ މިސާލެކެވެ. އެ ކުންފުންޏަށް ބަލާލިޔަސް، ވިޔަފާރިތައް ގުޅިފައި ހުރީ މުޅިންހެން އާ ކަންތައްތަކާ އެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ އޭގެ ކުރިން ދިވެހިން ދެކެފަރިތަ ވެފައި ނުވާ، މުޅި ރާއްޖެ އަށް ވެސް މުޅިން އާ ކަންތައްތަކެވެ. މިފަހަރު ވެސް އޮތީ އެކަހަލަ އާ ކަމެކެވެ. ބޮންޑު ވިއްކުމެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުޅަހެޔޮ ވިޔަފާރިއެއްގައި ބޮޑު ރިސްކެއް ނަގަން ކެރޭނީ ވަރަށް ހުޝިޔާރު ވިޔަފާރިވެރިންނަށެވެ؛ ޔޫރޯ މާކެޓިން އަކީ އޭގެ މިސާލެކެވެ. އެ ކުންފުންޏަށް ބަލާލިޔަސް، ވިޔަފާރިތައް ގުޅިފައި ހުރީ މުޅިންހެން އާ ކަންތައްތަކާ އެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ އޭގެ ކުރިން ދިވެހިން ދެކެފަރިތަ ވެފައި ނުވާ، މުޅި ރާއްޖެ އަށް ވެސް މުޅިން އާ ކަންތައްތަކެވެ. މިފަހަރު ވެސް އޮތީ އެކަހަލަ އާ ކަމެކެވެ. ބޮންޑު ވިއްކުމެވެ.

ވިޔަފާރީގައި އެވަރުގެ ބޮޑު ރިސްކެއް ނަންގަވާކަށް، ކުންފުނީގެ ދެ ޑިރެކްޓަރުން ކަމަށްވާ އިސްމާއިލް ނޫރައްދީން އާއި އަލީ ވަސީމަށް އުނދަގުލެއް ނުވި އެވެ. ސަބަބަކީ، އެ ދެ ބޭފުޅުންގެ ވިޔަފާރީގައި 25 އަހަރު ހޭދަކުރެއްވީ ވެސް އެކަހަލަ އާ ތަޖުރިބާތައް ކުރެއްވުމުގައި ކަމަށްވާތީ އެވެ.

"މިކަމުގައި މާބޮޑު އުނދަގުލެއް ނެތް. މިއަށްވުރެ މާ އުނދަގޫ ކަންކަމާ އަޅުގަނޑުމެން ކުރިމަތިލިން. އެކަމަކު މިކަމަކީ ވެސް އާ ކަމެއް ވީމަ އިތުރަށް ދަސްކުރަން ޖެހޭ ކަންކަން ހުންނާނެ،" ބޮންޑު ވިއްކަން ނިންމީ ކީއްވެގެންތޯ އެހުމުން އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ނޫރައްދީން "މިހާރު" އަށް ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ، ބޮންޑު ވިއްކުމަކީ ރާއްޖޭގެ ކުންފުނިތަކަށް ފައިސާ ހޯދަން އޮތް ރަނގަޅު ފުރުސަތެއް ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްމާއިލް ނޫރައްދީން "މިހާރު" އަށް ވާހަކަ ދައްކަވަނީ. އޭނާ ވިދާޅުވީ، ބޮންޑު ވިއްކުމަކީ ރާއްޖޭގެ ކުންފުނިތަކަށް ފައިސާ ހޯދަން އޮތް ރަނގަޅު ފުރުސަތެއް ކަމަށް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވަސީމް ވެސް ވިދާޅުވީ، މި ނިންމުން ނިންމުމުގައި މާބޮޑު ހާސަރުތަކެއް ދަމަން ނުޖެހުނު ކަމަށެވެ. ސަބަބަކީ ވިޔަފާރީގެ ނިންމުންތައް ނިންމުމުގައި އޭނާ އާއި އިސްމާއިލްގެ ހިޔާލު ވަރަށް އެއްގޮތް ކަމެވެ.

"އެކަހަލަ ނިންމުންތައް ނިންމަށް އަބަދުވެސް ވަރަށް ފަސޭހަ،" ވަސީމް ވިދާޅުވި އެވެ.

ޔޫރޯ މާކެޓިން އުފެއްދީއްސުރެ އެ ބޭފުޅުން ގެންދަވަނީ އެކަހަލަ ވަރަށް ގިނަ ތަޖުރިބާތައް ކުރައްވަމުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އެއާކޮންޑިޝަން ފިހާރައެއްގެ ގޮތުގައި ހުޅުވީ އެ ބޭފުޅުންގެ ޔޫރޯ ސްޓޯރެވެ. އޭރު ރާއްޖޭގައި ފިހާރަތަކުގައި އެއާކޮންޑިޝަން ފިހާރަ ހުޅުވުމަކީ ކުރާ ކަމެއް ނޫނެވެ.

ޔޫރޯ މާކެޓިންގެ ހިއްސާދާރު އަލީ ވަސީމު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫރޯ މާކެޓިންގެ ހިއްސާދާރު އަލީ ވަސީމު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖެ އަށް ޗޮކްލެޓާއި ކޮފީން ފައިދާ ބޮޑު ވިޔަފާރިއެއް ކުރެވޭނެ ކަން ވެސް ދެއްކެވީ ވެސް އެ ދެ ވިޔަފާރިވެރިންނެވެ. އާ ވައްތަރުގެ ތަންތަން ހުޅުވައި ކާމިޔާބު ކުރައްވައިފި އެވެ. އަދި، ވިޔަފާރީގައި ނުވާނެ ކަމަށް ގަބޫލު ކުރެވުނު އެތައް ވިޔަފާރިއަކާ އެކު އެ ބޭފުޅުން ރާއްޖޭގެ ޓްރެންޑް ވެސް ބަދަލުކޮށްލައްވައިފި އެވެ. ޔޫރޯ މާކެޓިން ފެށުނީއްސުރެ މިއަދާ ޖެހެންދެން ވެސް އާ ކަންކަން ކުރުމުގެ ސަގާފަތެއް އެ ކުންފުނީގައި އެބައޮތެވެ. އެހެންވެ، ކެޕިޓަލް މާކެޓަށް ވަދެ، ބޮންޑެއް ވިއްކައިގެން އެކަން ކާމިޔާބު ކުރުމަކީ ވެސް ވެދާނެ ކަމެއް ކަން އެންމެ ފުރަތަމަ ވެސް ގަބޫލުކުރައްވާނެ ދެ ބޭފުޅަކީ ވެސް އެއީ އެވެ.

ވަސީމް އާއި އިސްމާއިލް އަކީ އާ ކަންކަން ކުރައްވަން ބޭނުންވާ، ވިޔަފާރި ކުރިއަށް ގެންދިއުމުގައި ދުރު ރާސްތާ އަށް ވިސްނަވައި، ރިސްކު ނަގަން ޖެހިލުން ކުޑަ، އަދި ވިޔަފާރި ކުރިއަށް ގެންދެވުމުގައި އަބަދުވެސް ތަފާތު ގޮތްތައް ގެންނަން ބޭނުންވާ "އިނޮވޭޓިވް" ދެ ބޭފުޅުންނެވެ.

ރާއްޖޭގައި ކެޕިޓަލް މާކެޓް މެދުވެރިކޮށް ބޮންޑެއް ވިއްކައިގެން ފުރަތަމަ ފަހަރަށް އަމިއްލަ ކުންފުންޏަކުން 25 މިލިއަން ރުފިޔާ ހޯދުމާ ގުޅޭ ގޮތުން އިސްމާއިލް އާއި ވަސީމްގެ ތަޖުރިބާތައް "މިހާރު" އާ ހިއްސާ ކުރެއްވި އެއް ސަބަބަކީ ވެސް މިފަދަ އާ ގޮތްތައް ބޭނުންކޮށްގެން އެހެން ވިޔަފާރިވެރިންނަށް ނަމޫނާ ދެއްކެވުމެވެ.

ޔޫރޯ މާކެޓިންގެ އިސްވެރިން އިންޓަވިއުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫރޯ މާކެޓިންގެ އިސްވެރިން އިންޓަވިއުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫރޯ މާކެޓިން އިން ބޮންޑު ވިއްކީ، ހުޅުމާލޭގައި ހަދާ ވެއާހައުސް ފެސިލިޓީއަށެވެ. މި ވަގުތު އެ ކުންފުނިން މުދާ ރައްކާ ކުރަން ޖެހެނީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގަ އެވެ. އެހެންވެ، ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި ލޮޖިސްޓިކް އުނދަގޫތަކާ ކުރިމަތިވެ، ހަރަދުތައް ބޮޑުވެ އެވެ. ހުޅުމާލޭގައި ކޯލްޑް ސްޓޯރޭޖަކާ އެކު ހަދާ ވެއާހައުސް އިމާރާތާ އެކު އެކުންފުނީގެ އާމްދަނީ 10 ވަރަކަށް ޕަސެންޓަށް ބޮޑު ކުރެވޭނެ އެވެ. އައިއޯއެސް ސްޓޭންޑާޑް އަށް ހަދާ އެތަނުގެ 50 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ވަސީމް ވިދާޅުވީ، ބޮންޑު އިޝޫ ކުރި އިރު ވެސް، އެކަން ކާމިޔާބު ވާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވި ފުރަތަމަ ސަބަބަކީ ރާއްޖޭގައި ފައިސާ ހުރި ގިނަ ބަޔަކު ތިބުމެވެ. އަދި އެ ފައިސާ ބޭނުން ކުރާނެ ގޮތެއް ނޭނގި ބޭންކުގައި ރައްކާކޮށްފައި ތިބި މީހުންނަށް މި ފުރުސަތު ހުޅުވާލުމުން، އެއީ އެ މީހުންގެ އާމްދަނީ އިތުރު ކުރަން ވެސް ލިބޭނެ ފުރުސަތެއް ކަމަށް ވަސީމް ވިދާޅުވި އެވެ.

"ގައުމުގައި ލާރި އެބަހުރި. ނެތް އެއްޗަކީ އެކަން މެނޭޖުކޮށްދޭނެ މީހުން. ނޫނީ އެކަމަށް އިނީޝިއޭޓް ކުރާނެ ބަޔަކު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 25 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ވެސް ކެޕިޓަލް މާކެޓުން ހޯދޭނެ ކަން މި ކުރެވުނު ތަޖުރިބާއިން ޔަގީން ވެއްޖެ ކަމަށެވެ.

ޔޫރޯ މާކެޓިންގެ ފިހާރައެއް: އެ ކުންފުނިން 25 މިލިއަން ރުފިޔާގެ ބޮންޑެއް ވަނީ އިޝޫކޮށްފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫރޯ މާކެޓިންގެ ފިހާރައެއް: އެ ކުންފުނިން 25 މިލިއަން ރުފިޔާގެ ބޮންޑެއް ވަނީ އިޝޫކޮށްފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫރޯ މާކެޓިން އިން އެ ކުންފުނީގެ ބޮޑު ޕްރޮޖެކްޓަކަށް ފައިސާ ހޯދަން ބޭންކަކަށް ދިއުމުގެ ބަދަލުގައި ބޮންޑެއް ވިއްކީ، އިންޓްރެސްޓް ކުޑަވެފައި، ރަހުނަކާ ނުލައި ފައިސާ ލިބޭނެތީ އެވެ.

"10،000 ރުފިޔާ އިންވެސްޓް ކުރަން ބޭނުންވާ މީހާއަށް ވެސް އެ ފުރުސަތު އެބަ ލިބޭ. އޭގެ ބަދަލުގައި އިންވެސްޓް ކުރާ މީހާ އަށް ވެސް ޕްރޮފިޓް ބޮޑުވޭ، ބޮންޑަށް އިންވެސްޓް ކުރުމުން،" އޭނާ ވިދާޅުވި އެވެ.

ޔޫރޯ މާކެޓިން އިން ހުޅުވާލި ފުރުސަތުގައި އުންމީދު ކުރިވަރަށް ވުރެ މާ ބޮޑު ތަރުހީބެއް ލިބުނެވެ. އެ މީހުން ބޭނުންވި ވަރަށް ވުރެ އިތުރަށް ވެސް އިންވެސްޓަރުން އިންވެސްޓު ކުރަން ބޭނުންވި އެވެ.

މިއީ ފަސޭހަ ކަމެއްތަ؟

ކެޕިޓަލް މާކެޓު މެދުވެރިކޮށް، ފައިސާ ހޯދާ ނަމަ ކުރަން ޖެހޭ އެންމެ ފުރަތަމަ ކަމަކީ އެ އިންވެސްޓަރުންނަށް މާލީ މައުލޫމާތުތައް ހާމަ ކުރުމެވެ. އަދި މާލީ ރަނގަޅު ރެކޯޑެއް އޮތުމުގެ އިތުރުން ވިޔަފާރި ހިންގުމުގައި ކޯޕަރޭޓް ގަވަނަންސް އުސޫލުތައް ގެންގުޅެން ޖެހެ އެވެ. އެކަމަކު ބައެއް ވިޔަފާރިވެރިން ޖެހިލުން ވަނީ އެ ފޮތް އާންމުކޮށް ހުޅުވާލައި، ކުންފުނީގެ ވިޔަފާރީގެ އެކަހަލަ ކަންކަން ވެސް އާންމުކުރަން ޖެހުމުންނެވެ.

އިސްމާއިލް ވިދާޅުވީ، ޔޫރޯ މާކެޓިން އަކީ ފެށުނީއްސުރެ ވެސް މާލީ މައުލޫމާތުތައް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ބަލަހައްޓަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި ކޮންމެ އަހަރަކު ހިސާބުތައް އޮޑިޓް ކުރާތީ، އެ މައުލޫމާތުތައް ހާމަކުރުމަކީ އުނދަގޫ ކަމަކަށް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ވަރަށް އޯޕަންކޮށް ހުންނަން ޖެހޭ އެއްޗެހި. ޔޫރޯ މާކެޓިންގެ ކަލްޗާގައި ފެށުނީއްސުރެ ވެސް ހުންނަ ކަމެއް [އޯޕަންނަސް] ހާމަކަން ބޮޑުވުމަކީ،" އޭނާ ވިދާޅުވި އެވެ.

"ފެށުނީއްސުރެ ވެސް އަޅުގަނޑުމެންގެ ހިސާބުތަކަކީ ބޭންކަށް ލިބޭ އެއްޗެހި. ސަރުކާރުގެ ރެގިއުލޭޓަރީ ބޮޑީތަކަށް ލިބޭ އެއްޗެހި. އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ ހުރިހާ ބޭފުޅުން ވެސް ލިބޭ އެއްޗެހި،" ވަސީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުންފުންޏެއް ފުޅާ ކުރަން ބޭނުން ނަމަ، ހިސާބުތައް ބަލަހައްޓައި ކުންފުނީގައި ރަނގަޅު ސަގާފަތެއް އޮންނަން ވާނެ ކަމަށެވެ. ހަމައެކަނި ހިސާބުތައް ފެނިގެން، ކުންފުންޏަށް ގެއްލޭނެ އެއްޗެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަސްޓް ނޭޝަނަލް ގެ ޓީމާ އެކު ޔޫރޯ މާކެޓިންގެ ހިއްސާދާރުން ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަސްޓް ނޭޝަނަލް ގެ ޓީމާ އެކު ޔޫރޯ މާކެޓިންގެ ހިއްސާދާރުން ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވަސީމް ވިދާޅުވި ގޮތަށް، ވިޔަފާރިއެއް ކުރިއަށް ގެންދަން، ދެފުށްފެންނަ ނިޒާމެއް ވަރަށް މުހިއްމެވެ. ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކުގެ މާލީ ހިސާބުތަކަކީ އާންމުންނަށް ފަސޭހައިން ލިބެން ހުންނަ މައުލޫމާތެވެ.

އެ މައުލޫމާތު ހާމަކުރަން ރާއްޖޭގެ ކުންފުނިތަކަށް އާ ވިޔަސް، ކެޕިޓަލް މާކެޓަށް ވަންނަން ބޭނުންވާ ކުންފުނިތަކުން، މާލީ ހިސާބުތައް ރަނގަޅު ނިޒާމެއްގެ ތެރެއިން ތައްޔާރުކުރަން ޖެހެ އެވެ. ޔޫރޯ މާކެޓިން އަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮންޑެއް ވިއްކާލެވުނީ، ފެށުނީއްސުރެ ވެސް ހިސާބުތައް ރަނގަޅަށް ބަލަހައްޓާތީ އެވެ.

ބޭނުން ވަނީ ކުންފުނި ޕަބްލިކް ކުރުން

ޔޫރޯ މާކެޓިން އަލަށް ކެޕިޓަލް މާކެޓަށް ވަދެ، ކުރި ތަޖުރިބާއިން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅުކޮށް، ވިޔަފާރީގެ ރަނގަޅު އުސޫލުތަކުގައި ހިފަހައްޓަން ފުރުސަތު ވަނީ ލިބިފަ އެވެ. ބޮންޑެއް ވިއްކައިގެން ފައިސާ ހޯދި އިރު އެ ކުންފުނިން ދެކޭ އަނެއް ހުވަފެނަކީ ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ލިސްޓުކޮށް އާންމުންނަށް ހިއްސާ ގަނެވޭނެ ފުރުސަތު ހުޅުވާލުމެވެ.

އިސްމާއިލް ވިދާޅުވީ، އެ ކުންފުނި ފެށިގެން މިހާތަނަށް އައި އިރު އެންމެ ބޮޑު އުންމީދަކީ، އެ ކުންފުންޏަކީ އާންމު ހިއްސާދާރުންނަށް ހުޅުވާލެވޭ ވަރުގެ ކުންފުންޏަކަށް ހެދުން ކަމަށެވެ. އެއީ ދުރު މުސްތަގްބަލުގައި ކުރަން ބޭނުންވާ ކަމެއް ނަމަވެސް، މިހާރުން ފެށިގެން ވެސް އެ ކުންފުނި ބައްޓަން ކުރަނީ އެކަން ކުރެވޭނެ ދުވަހަށް ތައްޔާރު ކުރުމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނި އެހިސާބަށް ދާން މަސައްކަތް ކުރާ އިރު، ކެޕިޓަލް މާކެޓާ ގުޅޭ ގާނޫނާއި ގަވައިދުތައް އިތުރަށް ފަސޭހަ ކުރަން ޖެހޭ ކަމަށް ޔޫރޯ މާކެޓިން އިން ދެކެ އެވެ. ވަސީމް ވިދާޅުވީ، މިހާރަށް ވުރެ ވެސް ފަސޭހައިން އިންވެސްޓަރުންނަށް އިންވެސްޓް ކުރެވޭނެ ގޮތްތައް އޮންނަން ޖެހެ އެވެ. ބޭރުގެ އިންވެސްޓަރުންނަށް ވެސް ރާއްޖޭގެ ކުންފުނިތަކުގައި އިންވެސްޓް ކުރެވޭނެ ފަސޭހަ ގޮތްތަކެއް އޮތުން ވަރަށް މުހިއްމު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި ފަސްޓް ނޭޝަނަލް ފަދަ، ލީޑް އެރޭންޖަރުން އިތުރުވެ، ކުންފުނިތަކަށް ބޮންޑު ފަދަ އިންސްޓްރޫމަންޓްތައް ވިއްކޭނެ ގޮތްތައް ތިލަކޮށްދޭނެ ގިނަ ބަޔަކު އުފެދެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާމިޔާބު ކަމާ އެކު ބޮންޑެއް ވިއްކާލި ފުރަތަމަ ޕްރައިވެޓް ކުންފުންޏަށް ޔޫރޯ މާކެޓިންވީ އިރު ކުރިއަށް އޮތްތަނުގައި ވެސް ކެޕިޓަލް މާކެޓު މެދުވެރިކޮށް ފަންޑު ހޯދަން އެ ކުންފުންޏަށް ވަނީ އާ ހިތްވަރެއް ލިބިފަ އެވެ.