Roadha Mihaaru
ޕާޓީން ވަކިވާން ނަޝީދު ސޮއިކުރެއްވި ގަލަން ހަސަންއަށް

އެމްޑީޕީން ވަކިވާން ނަޝީދު ސޮއި ކުރެއްވި ގަލަން ހަވާލު ކުރެއްވީ ހަސަން ލަތީފްއާ

21 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވާން ސިޓީގައި ސޮއި ކުރެއްވުމަށް ފަހު ގަލަން ހަވާލު ކުރެއްވީ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވާން ސިޓީގައި ސޮއި ކުރެއްވުމަށް ފަހު ގަލަން ހަވާލު ކުރެއްވީ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ހުށަހެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފައްދަން މަސައްކަތް ކުރާ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ވިދާޅުވީ ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅޭ ގޮތުން މިއަދު ގިނަ ވާހަކަތަކެއް ނުދަންނަވާނެ ކަމަށެވެ.

އާއްމުންނާ ހިއްސާކުރައްވަން މިވަގުތަށް އޮތް ހަމައެކަނި ވާހަކައަކީ، ހަސަން ވިދާޅުވި ގޮތުގައި، ނަޝީދު އަތްޕުޅުން ސިޓީ ލިޔުއްވައި ސޮއި ކުރެއްވި ގަލަން ހަވާލުކުރެއްވީ އޭނާއަށެވެ.

"ނަޝީދު މިއަދު އެ ވަކިވެވަޑައިގަތީ އެމްޑީޕީން. ވަކިވެވަޑައިގަންނަވަން ސިޓީ ލިޔުއްވީ އަދި ސޮއި ކުރެއްވި ގަލަން ދެއްވީ އަޅުގަނޑަށް." ނަޝީދާ އަރިސް މެމްބަރު ހަސަން ލަތީފް ވިދާޅުވި އެވެ.

ނަޝީދު މިއަދު އެމްޑީޕީން ވަކިވެވަޑައިގަތީ އެ ޕާޓީގައި މިވަގުތު ދެމިހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެވެ.

ނޫސްވެރިން އިތުރަށް ސުވާލު ކުރުމުން ހަސަން ވިދާޅުވީ ދަ ޑިމޮކްރެޓްސް އަށް ނަޝީދަށް ދައުވަތު ދެއްވައި މަރުހަބާ ކިޔަން ޖެހޭ ވަރަށް ވުރެ އެމަނިކުފާނު ގާތް ވާނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓާ ކުރަން ހުރަސް އަޅާ ކަމަށް ހަސަން ތުހުމަތު ކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީން ނަޝީދު ވަކިވާން ޖެހުނު އެއް ސަބަބެއް ކަމަށް އޭނާ އަށް ގަބޫލު ކުރެވޭ އެއް ކަމަކީ ވެސް ސިޔާސީ ޕާޓީތައް ރަޖިސްޓާ ކުރަން ހުރަސް އެޅުން ކަމަށެވެ.

"ނަޝީދުގެ ސިޓީފުޅުގައި އޮވޭ ކަންކަން ހިނގަމުންދާ ގޮތުން ޕާޓީގައި ހުންނެވުމަކީ ރަނގަޅު ކަމެއް ނޫން ކަމެއް. ސިޔާސީ ޕާޓީޢެއް އުފެއްދުމަށް ކުރާ މަސައްކަތަށް ސަރުކާރުން ހުރަސް އެޅުން، އެމްޑީޕީ ސަރުކާރުގެ މައި ހިއްސާދާރުގެ ގޮތުގައި އޮވެގެން އެކަންކަން ކުރެއްވުން އެއީ އެއް ސަބަބަށް ވާނެ." އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވަނީ ދަ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމުގެ ޔަގީން މިއަދު ވެސް ދެއްވައިފަ އެވެ.