Roadha Mihaaru
50 ޕޮއިންޓް ނުލިބޭ ސިވިލް ސާވަންޓުންނަށް ފްލެޓް ދެނީ

ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓުން ދަށުން ލިބުނު މީހުންނަށް ފްލެޓް ދެނީ

22 ޖޫން 2023

ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓު ލިބިފައިވާ މީހުންނަށް ފްލެޓް ދިނުމަށާއި ހުސްވެފައިވާ ފްލެޓްތައް ލިސްޓު ތަރުތީބުން ދެން ތިބި މީހުންނަށް ދޭން ވަޒީރުންގެ މަޖިލީހުގެ ލަފާއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީން 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓު ލިބިފައިވާ މީހުންނަށް ފްލެޓް ދިނުމަށާއި ހުސްވެފައިވާ ފްލެޓްތައް ލިސްޓު ތަރުތީބުން ދެން ތިބި މީހުންނަށް ދޭން ވަޒީރުންގެ މަޖިލީހުގެ ލަފާއާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެކި ސަބަބުތަކާހެދި ހުސްވެފައިވާ 145 ފްލެޓް ދޫކުރުމާމެދު ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ގޮތްތަކެއް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޕްލޭނިން މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރައްވަމުން ކަމަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިއަދު ގޮތެއް ނިންމީ ހިޔާ ސްކީމުގެ ސިވިލް ސާވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕޮއިންޓަށްވުރެ ދަށުން މާކްސް ލިބުނު މީހުންނަށް ފްލެޓް ހަވާލުނުކުރާގޮތަށް ސަރުކާރުން ކުރިން ނިންމަވާފައިވާ ނިންމުމުގެ ސަބަބުން އެ ކެޓަގަރީން ފްލެޓް ހަވާލު ނުކޮށްތިބި 45 މީހުންނަށް ފްލެޓް ހަވާލުކުރުމާ މެދުގައި ކަމަށެވެ.

ސިވިލް ސާވިސް ކެޓަގަރީ ފިޔަވައި ހިޔާ ސްކީމުގެ އެހެން އެއްވެސް ކެޓަގަރީއެއްގައި ދާއިމީ ލިސްޓްގައި 50 ޕޮއިންޓަށްވުރެ ދަށުން ޕޮއިންޓް ލިބުނު މީހުންގެ ގޮތުގައި ނަން ހިމަނާފައި ނުވުމާއި ސިވިލް ސާވިސް ކެޓަގަރީއަކީ މިނިސްޓްރީތަކާއި މާލެ ސިޓީ ކައުންސިލު ހިމެނޭ ގޮތަށް ކޮންމެ އޮފީހަކަށް ވަކި އަދަދެއް ކަނޑައަޅައިގެން އެ އޮފީސްތަކުގެ ފަންނީ، އިދާރީ އަދި ސަޕޯޓް ސާވިސްގައި މަސައްކަތްކުރާ ފަރާތްތަކަށް އަދަދު ކަނޑައަޅައިގެން ކުރިއަށްގެންގޮސްފައިވާ ކެޓަގަރީއެކެވެ.

އެހެންވެ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމަވާފައި ވަނީ ދާއިމީ ލިސްޓުގައި ހިމެނިފައިވާ އެ 45 މީހުންނަށް ފްލެޓް ހަވާލުކުރުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ވަނީ އެކި ސަބަބުތަކާހެދި ހުސްވެފައިވާ 145 ފްލެޓް، ރިޒާވް ލިސްޓުން މާކްސް ތަރުތީބުން ދިނުމަށް ވެސް ނިންމައިފަ އެވެ. އެހެންވެ، ޕޮއިންޓް ލިބިފައިވާ ތަރުތީބުން މި އަދަދަށް އިތުރު ބަޔަކަށް ފްލެޓް ދޭނެ އެވެ.