Roadha Mihaaru
ރިސޯޓެއްގައި ރޭޕުގެ ތުހުމަތުވާ މީހާ ފުރުން މަނާކޮށްފި

ޗައިނާގެ ޓޫރިސްޓު ރޭޕްކުރި ކަމަށް ތުހުމަތުވާ މީހާގެ ޕާސްޕޯޓު ހިފަހައްޓައިފި

23 ޖޫން 2023

ރާއްޖޭގެ ރިސޯޓެއްގައި ޗައިނާގެ ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ތުހުމަތުވާ ދިވެހި މީހާގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ރިސޯޓެއްގައި ޗައިނާގެ ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ތުހުމަތުވާ ދިވެހި މީހާގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ފުލުހުން ބުނީ ރިސޯޓެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ފުރުން މަނާކުރުމުގެ އަމުރަކަށް އިއްޔެ ކޯޓުގައި އެދުމުން އެ އަމަރު ކޯޓުން ދީފައިވާ ކަމަށެވެ.

އެ މައްސަލާގައި ތުހުމަތުކުރެވެނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ނަމަވެސް އޭނާގެ ނަމާއި އިތުރު ތަފުސީލެއް ވެސް ފުލުހުން އަދި ނުދެ އެވެ.

އެކަމަކު ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލަންޑް ރިސޯޓުގައި ޗައިނާގެ ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފެށި ކަމަށް ބުނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެ ތުހުމަތުކުރި އުމުރުން 26 އަހަރުގެ ޗައިނާ އަންހެން މީހާ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އޭނާ ރާއްޖެ އައީ މި މަހުގެ ހަ ވަނަ ދުވަހު ޑައިވް ގުރޫޕަކާ އެކުގަ އެވެ. އަދި އަނބުރާ ގައުމަށް ދިއުމުގެ ކުރިން އޭނާ ދިޔައީ މާލެ އަތޮޅުގައި އޮންނަ ރިޓްޒް ކާލްޓަން މޯލްޑިވްސް ރިސޯޓުގައި މަޑުކޮށްލާށެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ އިތުރުން ޓްވިޓާގައި އޭނާ ލިޔެފައިވާ ދިގު ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އޭނާ ރޭޕްކުރީ ރިސޯޓުގައި އޭނާ ހުރި ރޫމަށް ކަނޑައަޅާފައިވާ ބަޓްލަރެވެ. އެހެންވެ، އެ މައްސަލަ ފުލުހުންގެ އިތުރުން މާލޭގައި ހުންނަ ޗައިނާ އެމްބަސީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށް ބުންޏެވެ.

އެ މައްސަލައިގެ ބައެއް ލިޔުންތައް ވެސް އޭނާ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. ލިޔުންތަކުން އެނގޭ ގޮތުގައި މައްސަލަ ހުށަހެޅީ ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނަށް މިދިޔަ ހަފުތާގަ އެވެ. އަދި ކ. އަތޮޅު ސިއްހީ މަރުކަޒުން އެ އަންހެން މީހާގެ މެޑިކަލް ވެސް ވަނީ ހައްދައިފަ އެވެ.

ރިޓްޒް ކާލްޓަން ރިސޯޓުން ކުރިން ބުނި ގޮތުގައި، އެ މައްސަލައާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ރިސޯޓުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ އެވެ.