Roadha Mihaaru
ޗައިނާ ޓޫރިސްޓު ފޮނުވައި ނުލެވެނީ ދެކޮޅުހަދާތީ

ޗައިނާގެ ޓޫރިސްޓު މީހާ ވިސާ ހަމަވުމުން ވެސް ރާއްޖެއިން ދިއުމަށް ދެކޮޅު ހަދާތީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

31 އޮކްޓޯބަރ 2023

ޗައިނާގެ ޓޫރިސްޓު މީހާ ރާއްޖެ އިން ފޮނުވާނުލެވެނީ އޭނާ އެ ކަމަށް ދެކޮޅު ހެދުމުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޗައިނާގެ ޓޫރިސްޓު މީހާ ރާއްޖެ އިން ފޮނުވާނުލެވެނީ އޭނާ އެ ކަމަށް ދެކޮޅު ހެދުމުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އެއީ މި މަހުގެ 19 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަންތަނަށް ކުޅުޖަހައި، އަޑުގަދަކުރި މީހެކެވެ. އޭގެ ފަހުން އޭނާ ފުރަތަމަ އުޅެމުން ދިޔައީ އެއާޕޯޓުގަ އެވެ. ފުލުހުން އޭރު ބުނީ އެ މީހާ އަށް ތަކުރާރުކޮށް ނަސޭހަތް ދިނުމަށް ފަހު، އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން މިދިޔަ ހަފުތާއާ ހަމައަށް އޭނާ ދިރިއުޅެމުން އައީ މާފަންނު ޕޮލިސް ސްޓޭޝަންގަ އެވެ. އެ މީހާ އަށް ނަސޭހަތް ދިނުމުން ވެސް އުޅުނީ އެ ތަނުގައި ކަމަށް ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ މައްސަލާގައި އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޓޫރިސްޓު މީހާ ރާއްޖެ އިން ފުރަން އޮތީ މި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް ޗެކިން ވުމަށް ފަހު، އިމިގްރޭޝަން ކްލިއަރެންސް ވެސް ނިންމައި، އޭނާ ފްލައިޓަށް އެރުމަށް ދެކޮޅު ހެދީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެހެންވެ، ފްލައިޓުން އޮފްލޯޑު ކުރުމުން، އެއާޕޯޓުގެ ވެއިޓިން އޭރިއާގެ ގޮނޑި ބަރީގައި ނިދައި، އެއާޕޯޓު ބޭނުންކުރާ މީހުންނަށް އުނދަގޫވާ ގޮތަށް އެ މީހާގެ އަމަލުތައް ހުރުމުން ޓޫރިސްޓް ޕޮލިހުން އިމިގްރޭޝަނާ ހަވާލު ކުރި ކަމަށް ވެސް އިމިގްރޭޝަނުގެ ބަޔާނުގައި ވެ އެވެ.

މަނުޖެހުން ހިންގި ފަތުރުވެރިޔާ ޕޮލިސް ސްޓޭޝަން ތެރޭގައި ދިރިއުޅެމުންދާ ކަމަށް ފުލުހުން ބުނޭ.--

މަނުޖެހުން ހިންގި ފަތުރުވެރިޔާ ޕޮލިސް ސްޓޭޝަން ތެރޭގައި ދިރިއުޅެމުންދާ ކަމަށް ފުލުހުން ބުނޭ.--

އެކަމަކު، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި މި ވަގުތު އަންހެނުން ބަހައްޓަން ވަކި ހާއްސަ ޖާގައެއް ނެތުމުން އޭނާ އަށް ވީ އެންމެ އަވަހަށް ފުރުމަށް އެންގި ނަމަވެސް އެ ޓޫރިސްޓުގެ ފަރާތުން އެކަމަށް އެއްބާރުލުން ނުލިބުނު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ މެދުވެރިކޮށް، އޭނާގެ އާއިލާ އަށް ގުޅައި، ފުރުވައިލުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ކޮށްދިނުމަށް މިހާރު ފޮރިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި އެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ނަމަވެސް އޭނާގެ އަމަލުތައް ހުރި ގޮތުން، ފޮރިން މިނިސްޓްރީން އިންތިޒާމުތައް ހަމަޖެހެންދެން ވެސް ފުރުމާ ހަމައަށް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓުމަށް ނިންމީ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.