Roadha Mihaaru
ރިސޯޓެއްގައި ޓޫރިސްޓަކު ރޭޕުކުރި މައްސަލައެއް ބަލަނީ

ރިސޯޓެއްގައި ޓޫރިސްޓަކު ރޭޕުކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

18 ޖޫން 2023

ރާއްޖޭގެ ރިސޯޓެއްގައި ޗައިނާގެ ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖޭގެ ރިސޯޓެއްގައި ޗައިނާގެ ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އެ ތުހުމަތުކުރި އުމުރުން 26 އަހަރުގެ ޗައިނާ އަންހެން މީހާ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އޭނާ ރާއްޖެ އައީ މި މަހުގެ ހަ ވަނަ ދުވަހު ޑައިވް ގުރޫޕަކާ އެކުގަ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި، އަނބުރާ ދިއުމުގެ ކުރިން އޭނާ ދިޔައީ މާލެ އަތޮޅުގައި އޮންނަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލަންޑް ރިސޯޓުގައި މަޑުކޮށްލާށެވެ.

ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އޭނާ ލިޔެފައިވާ ދިގު ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އޭނާ ރޭޕްކުރީ ރިސޯޓުގައި އޭނާ ހުރި ރޫމަށް ކަނޑައަޅާފައިވާ ބަޓްލަ އެވެ. އެހެންވެ، އެ މައްސަލަ ފުލުހުންގެ އިތުރުން މާލޭގައި ހުންނަ ޗައިނާ އެމްބަސީގެ ސަމާލުކަމަށް ވެސް ގެނެސްފައި ކަމަށް ބުންޏެވެ.

އެ މައްސަލައިގެ ބައެއް ލިޔުންތައް ވެސް އޭނާ ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. ލިޔުންތަކުން އެނގޭ ގޮތުގައި މައްސަލަ ހުށަހެޅީ ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަނަށް މިދިޔަ އާދީއްތަ ދުވަހު އެވެ. ހަމަ އެ ދުވަހު، ކ. އަތޮޅު ސިއްހީ މަރުކަޒުން އެ އަންހެން މީހާގެ މެޑިކަލް ވެސް ވަނީ ހައްދައިފަ އެވެ.

ރިޓްޒް ކާލްޓަން ރިސޯޓުން ބުނީ، އެ ހާދިސާ އާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް ރިސޯޓުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށެވެ.

"ދެން އެފަދަ ހާދިސާއެއް ނުހިނގާނެކަން ޔަގީންކުރުމަށް އިންޓާނަލް ޕޮލިސީ ވެސް އަޅުގަނޑުމެން ވާނީ އިތުރަށް ވަރުގަދަކޮށްފަ،" ރިޓްޒް ކާލްޓަން ރިސޯޓުގެ މެނޭޖުމަންޓުގެ ފަރާތުން އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި އެވެ.

ނަމަވެސް، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ، އެ ހާދިސާގައި ތުހުމަތުވާ މުވައްޒަފާ މެދު ފިޔަވަޅެއް އެޅި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ވިދާޅެއް ނުވި އެވެ.

ފުލުހުން ބުނީ، ކ. އަތޮޅު ރިސޯޓެއްގައި ޓޫރިސްޓަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ މި މަހުގެ ހަ ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި، ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އެޑިޓާސް ނޯޓު: މި ހަބަރުގައި ރިޓްސް ކާލްޓަން ރިސޯޓަށް މި ހާދިސާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ލިޔެފައިވަނީ އެއިރު އެ ރިސޯޓުން ވާހަކަ ދެއްކި އޮފިޝަލަކު ދެއްވި މައުލޫމާތަކަށް ބިނާކޮށެވެ. ނަމަވެސް، އެ އޮފިޝަލު މައުލޫމާތު ދިނީ ހާދިސާގެ މައުލޫމާތު ނޭނގި ކަމަށް ރިސޯޓުން ބުނުމުން، މި ހަބަރުގައި ރިސޯޓުން ފަހުން ދިން މައުލޫމާތު އެވަނީ ހިމަނައިފަ އެވެ.