Roadha Mihaaru
ލެބަނަން އަށް އޮތީ އިންޑިއާ އަތުން ބަދަލުހިފުން

ގޯސްތައް ރަނގަޅުކޮށްގެން ލެބަނަން އަށް އޮތީ އިންޑިއާ އަތުން ބަދަލުހިފުން

01 ޖުލައި 2023

ބުބަނޭޝަވަރުގައި މި މަހުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ އިންޓަ ކޮންޓިނެންޓަލް ކަޕްގައި އިންޑިއާ އާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކޮށްގެން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ސެމީ ފައިނަލްގައި އިންޑިއާ ބަލިކުރަން ބޭނުންވާ ކަމަށް، ލެބަނަންގެ ކޯޗު އަލެކްޒެންޑާ އިލިޗް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބުބަނޭޝަވަރުގައި މި މަހުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ އިންޓަ ކޮންޓިނެންޓަލް ކަޕްގައި އިންޑިއާ އާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކޮށްގެން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ސެމީ ފައިނަލްގައި އިންޑިއާ ބަލިކުރަން ބޭނުންވާ ކަމަށް، ލެބަނަންގެ ކޯޗު އަލެކްޒެންޑާ އިލިޗް ބުނެފި އެވެ.

އިންޓަ ކޮންޓިނެންޓަލް ކަޕްގެ ލީގު ބުރުގައި އިންޑިއާ އާއި ލެބަނަން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ވެފައި ވާއިރު، ފައިނަލް މެޗު 2-0 އިން ކާމިޔާބު ކުރީ އިންޑިއާ އެވެ.

މިއީ ސަރަހައްދުން ބޭރު ގައުމުތަކަށް ދައުވަތު ދީގެން ސާފް ޗެމްޕިއަންޝިޕް ބާއްވާ ފުރަތަމަ ފަހަރެވެ.

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ލެބަނަން ޖާގަ ހޯދީ ރާއްޖެ އާ އެއް ގުރޫޕެއްގައި ވާދަކޮށް ތިން މެޗު ވެސް ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އިންޑިއާ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުވެއިތާ ދެކޮޅަށް ފަހު ވަގުތު އެއްވަރު ވުމުން އެޓީމަށް ލިބުނީ ގުރޫޕްގެ ދެވަނަ އެވެ. އެއްވަނަ ލިބުނީ ކުވެއިތަށެވެ.

"މިތާނގެ (ބެންގަލޫރުގެ) މޫސުން ވެސް އަހަރެމެންނަށް ފަސޭހަ. ކުރިން ބުބަނޭޝަވަރުގައި ކުޅުނު ދެ މެޗުން ފިލާވަޅު ނަގައިގެން އަހަރެމެން މާދަމާގެ މެޗު (މިއަދު ކުޅޭ ސެމީ ފައިނަލް މެޗު) ރަނގަޅު ކުރާނަން،" ލެބަނަންގެ ކޯޗު އިލިޗް ބުންޏެވެ.

"މިއީ އަހަރެމެންނަށް ވަރަށް މުހިއްމު މެޗެއް. ފާއިތުވި ދެ މަސްދުވަހު ވަރަށް ބުރަކޮށް މަސައްކަތް ކުރެވިއްޖެ. މި ތައްޔާރުވަނީ އިންޑިއާގައި އަހަރެމެން ކުޅޭ އަށްވަނަ މެޗަށް. މި މުބާރާތް ކުޅެނީ ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ނޫން، އެހެންވެ ދެ ކުޅުންތެރިން (ޖިހާދު އައްޔޫބް އާއި ސޫނީ ސާދު) ވަނީ އެމީހުންގެ ކްލަބްތަކަށް އަނބުރާ ގޮސްފައި. އެކަމަކު އިންޑިއާގެ ވަރުގަދަ ސްކޮޑާ ދެކޮޅަށް ކުޅެން އަހަރެމެން ތައްޔާރު."

އިންޑިއާގެ އެސިސްޓެންޓް ކޯޗު މަހޭޝް، އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިންޑިއާގެ އެސިސްޓެންޓް ކޯޗު މަހޭޝް، އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް އަށް ރަތްކާޑު ދެއްކުމާ ގުޅިގެން މެޗުގައި ޓީމަށް އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު މަހޭޝް ގޯލީ އެވެ. މަހޭޝް ބުނީ ކުޅުންތެރިން ތިބީ ލެބަނަން އާ ދެކޮޅަށް ކުޅެން ތައްޔާރަށް ކަމަށާއި ހެޑް ކޯޗަށް ދެއްކި ރަތް ކާޑާ ގުޅިގެން ފޯކަސް ނުގެއްލޭ ކަމަށެވެ.

"އަހަރެމެންގެ ކުދިން ތިބީ ލެބަނަން މެޗަށް ވަރަށް ބޮޑަށް ފޯކަސް ކޮށްގެން. މުބާރާތުގައި މިހާތަނަށް ދެއްކި ކުޅުން ލެބަނަން އާ ދެކޮޅަށް ވެސް ފެންނާނެ،" ކުޅުންތެރިއެއްގެ ގޮތުގައި އިންޑިއާ އާއެކު ދެ ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި މަހޭޝް، އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުންޏެވެ.

"ބުބަނޭޝްވަރުގެ މޫސުމާ ގުޅިގެން ކުރިން އަހަރެމެންގެ ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވި، އެކަމު މިތާނގައި ކުޅުންތެރިން އެބަ މާ ރަނގަޅަށް ކުޅޭ. މި މެޗު ވެގެންދާނީ ތަފާތު މެޗަކަށް. އެޓީމަކީ (ލެބަނަން އަކީ) ވަރުގަދަ އެޓޭކިން ޓީމެއް، އެމީހުންގެ ޖޯޒީ ނަމްބަރު 7 (ހަސަން މާތޫކް) އެއީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް."

އިއްޔެގެ ޕްރެސްގައި މަހޭޝް އާއެކު ބައިވެރިވި އިންޑިއާ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ބުނީ ހެޑް ކޯޗު ސްޓިމަކް ވަނީ ވަރަށް ފުރިހަމައަށް ޓީމު ތައްޔާރު ކޮށްފައި ކަމަށާއި، މެޗު ކުޅޭއިރު އޭނާ ބެންޗުގައި ނެތުމުގެ ފަޅުކަން އިހުސާސް ވާނެ ކަމަށެވެ. ނަމަވެސް އޭނާގެ އެސިސްޓެންޓް މަހޭޝް ގޯލީ އެކަން ފޫބައްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ޗެތުރީ ބުންޏެވެ.

އިންޑިއާ އިން ސެމީ ފައިނަލަށް ނުކުންނައިރު ކޯޗު އީގޯ ސްޓިމަކްގެ އިތުރުން ފަހު މެޗުގައި ރަތް ކާޑު ދެއްކި ފޯވާޑް ރަހީމް އަލީ އަށް ވެސް ނުކުޅެވޭނެ އެވެ. ހަމަ އެއާ އެކު ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ޑިފެންޑަރު ސަންދޭޝް ޖިންގަން އަށް ވެސް ސެމީ ފައިނަލް މެޗުގައި ލެބަނަން އާ ދެކޮޅަށް ނުކުޅެވޭނެ އެވެ.

އިންޑިއާ އާއި ލެބަނަން ބައްދަލުކުރާ މެޗު އިންނާނީ މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރެވެ.