Roadha Mihaaru
ބަންގްލަދޭޝް ހިތްވަރުގަދަ، ކުވައިތު ފައިނަލަށް

ބަންގްލަދޭޝް ހިތްވަރުގަދަ، އިތުރު ވަގުތުގައި ޖެހި ލަނޑުން ކުވައިތު ފައިނަލަށް

01 ޖުލައި 2023

އިތުރު ވަގުތުގައި ކާމިޔާބު ކުރި ގޯލުން 1-0 އިން ބަންގްލަދޭޝް ބަލިކޮށް ކުވެއިތުން ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އިތުރު ވަގުތުގައި ކާމިޔާބު ކުރި ގޯލުން 1-0 އިން ބަންގްލަދޭޝް ބަލިކޮށް ކުވެއިތުން ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވި އިރު ދެ ޓީމު ވެސް ލަނޑެއް ނުޖެހި އެއްވަރު ވެފައި ވަނިކޮށް ކުވެއިތު މޮޅުވީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ގޯލުންނެވެ.

ބަންގްލަދޭޝް އިން 18 އަހަރު ފަހުން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިޔުމުގެ އުންމީދުގައި ތިއްބައި ކުވެއިތުން ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ އަބްދުﷲ އަބްލޯޝީ އެވެ. އޭގެ ކުރިން އެޓީމުގެ ޝަބައިބް އަލްހަލްދީ އާއި އީދު އައްރާޝިދީ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ބަންގްލަދޭޝްގެ ކީޕަރު އަނީސުއްރަހްމާން ވަނީ ދިފާއު ކޮށްފަ އެވެ.

އިތުރު ވަގުތުގެ ފަހު ހާފުގައި ނަތީޖާ އެއްވަރު ކުރަން ބަންގްލަދޭޝްގެ ރާކިބް ހުސެއިން ފޮނުވާޅި ނުރައްކާތެރި ހަމަލާ ދިފާއު ކުރީ ކުވެއިތުގެ ކީޕަރު އަބްދުއްރަހްމާން މަރުޒޫގް އެވެ.

ސެމީ ފައިނަލް މެޗުގެ ކުރިން ބަންގްލަދޭޝް ވަނީ ދެ ފަހަރެއްގެ މަތިން ކުވެއިތާ ދެކޮޅަށް ކުޅެފަ އެވެ. އެންމެ ފުރަތަމަ 1973 ވަނަ އަހަރު މެލޭޝިއާގައި އޮތް މާޑެކާ ކަޕްގައި 2-1 އިން ބަންގްލަދޭޝް ބަލިވި އިރު، އޭގެ ފަހުން 1986 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ބަލިވީ 4-0 އިންނެވެ.

ކުވެއިތަކީ މިއަހަރުގެ މުބާރާތުގައި ވާދަކުރާ، ސާފް ސަރަހައްދުން ބޭރުގެ ދެ ޓީމުގެ ތެރެއިން ޓީމެކެވެ. ސާފް ސަރަހައްދުން ބޭރުގެ ދެވަނަ ޓީމަކީ ލެބަނަން އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރު ލެބަނަން ބައްދަލުކުރާނީ އިންޑިއާއާ ދެކޮޅަށެވެ.

ކުވެއިތުން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހަން އަބްލޯޝީ ބޯޅަ ގޯލަށް ފޮނުވާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ކުވެއިތުން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހަން އަބްލޯޝީ ބޯޅަ ގޯލަށް ފޮނުވާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މިއަދުގެ މެޗު ފަށައިގެން އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ އުފެއްދީ ވެސް ބަންގްލަދޭޝް އިންނެވެ. އެޓީމުގެ ޝޭއިހް މޮރްސަލީން އަށް ހުސް ކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ އަބްދުއްރަހްމާން މަރުޒޫގް ދިފާއު ކުރި އެވެ. އަދި ރީބައުންސި ބޯޅަ މޮރްސަލީންގެ ފައިގައި ލައްވާލާ ގޮތެއް ނުވި އެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން ކުވެއިތުގެ ކެޕްޓަން ހާލިދު ހާޖިއާ ބޮލުން ފޮނުވާލި ހަމަލާއެއް، ބަންގްލަދޭޝްގެ ޑިފެންޑަރު އީސާ ފައިސަލް ގޯލް ލައިން މަތިން ދިފާއު ކުރި ވަގުތު ރީބައުންސް ބޯޅައަށް ވެސް ހާޖިއާ އެރި އެވެ. ނަމަވެސް މިފަހަރު ބޯޅަ މަތަކުރީ ކީޕަރު އަނީސުއްރަހްމާނެވެ. މީގެ އިތުރުން އީދު އައްރާޝިދީގެ ހަމަލާއެއް ވެސް އަނީސުއްރަހްމާން ދިފާއު ކުރި އެވެ.

ދެވަނަ ހާފުގައި ވެސް ބަންގްލަދޭޝް އިން ކުރީކޮޅު ކުވެއިތުގެ ގޯލަށް ނުރައްކާ ކުރި އެވެ. އެގޮތުން ރާކިބް ހުސެއިން ހަނި އޭންގަލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒު ވިއިރު، އޭގެ ކުރިން ރާކިބް ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.

ހާފުގެ ފަހުކޮޅު ކުވެއިތުން ފުލުފުލުގައި ފުރުސަތު ހޯދައި ބަންގްލަދޭޝްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް އެޓީމުގެ ޑިފެންޑަރު ޓޯޕޫ ބާމަން އާއި ތާރިގް ކާޒީ އަދި ބިޝްވަނާތު ގޯޝްގެ އިތުރުން ކީޕަރު އަނީސުއްރަހްމާން ފެނުނީ ހުށިޔާރު ކޮށެވެ. އަތުބީ ސާލިހް ފޮނުވާލި ހަމަލާއެއް ކީޕަރު ދިފާއު ކުރި އިރު އޭނާ ފޮނުވާލި އިތުރު ހަމަލާއެއް ދިޔައީ ގޯލު މަތިން ބޭރަށެވެ. މީގެ އިތުރުން އީދު އައްރާޝިދީ އާއި އަހުމަދު އަލްދެފެރީ ގެ ހަމަލާތައް ބަންގްލަދޭޝްގެ ކީޕަރު ދިފާއު ކުރި އެވެ.

ރެފްރީގެ ނިންމުންތަކާ ހިތްހަމަ ނުޖެހުން ފާޅުކުރުމުން ބަންގްލަދޭޝް ޓީމުގެ ފިޒިއޯތެރަޕިސްޓް ޑޭވިޑް ޑޮބާރޯ މަގަން އަށް ފުރިހަމަ ވަގުތު ހަމަވާން 15 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ވަނީ ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ބަންގްލަދޭޝް އަށް ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ފޮއިސަލް ފަހީމް ގޯލު ކުރިމައްޗަށް ނަގައިދިން ހުރަސް، ރާކިބްގެ ބޮލުގައި ލައްވައެއްނުލި އެވެ.

ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ހަތް މިނިޓު ދެއްކި އިރު ފުރަތަމަ މިނިޓުގައި ކުވެއިތުގެ މުހައްމަދު އަބްދުﷲ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލު ހުރަސް ދަނޑި މަތިން ބޭރަށެވެ.