Roadha Mihaaru
ސްވިޑްން ނޭޓޯއަށް ވެއްދޭކަށް އަދި ނެތް: އުރުދުޣާން

ސްވިޑްން ނޭޓޯއަށް ވެއްދޭކަށް އަދި ނެތް: އުރުދުޣާން

04 ޖުލައި 2023

އަންކާރާ (ޖުލައި 4) - ނޭޓޯގައި ބައިވެރިވުމަށް ސްވިޑްން އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ތުރުކީ ވިލާތުގެ ރުހުން ހޯދަން ބޭނުން ނަމަ، ތުރުކީ ވިލާތުން ހުށަހަޅާފައިވާ ކަންތައް ސްވިޑްން އިން ފުރިހަމަކުރަންޖެހޭނެ ކަމަށް، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އަންކާރާ (ޖުލައި 4) - ނޭޓޯގައި ބައިވެރިވުމަށް ސްވިޑްން އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ތުރުކީ ވިލާތުގެ ރުހުން ހޯދަން ބޭނުން ނަމަ، ތުރުކީ ވިލާތުން ހުށަހަޅާފައިވާ ކަންތައް ސްވިޑްން އިން ފުރިހަމަކުރަންޖެހޭނެ ކަމަށް، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވަމުން އުރުދުޣާން ވިދާޅުވި ގޮތުގައި ނޭޓޯގައި ސްވިޑްން ބައިވެރިކުރުމަށް ތުރުކީ ވިލާތުން ދެކޮޅު ހެދުން ހުއްޓޭނީ، ތުރުކީ ވިލާތުން ހުށަހަޅާފައިވާ ޝަރުތުތަކަށް ސްވިޑްން ސަރުކާރުން ފުރިހަމަ އަށް ބޯލަނބައިގެންނެވެ. އެނޫން ގޮތަކަށް އެ ދެކޮޅު ހެދުން ތުރުކީ ވިލާތުން ދޫކޮށްނުލާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޭޓޯގައި ސްވިޑްން ބައިވެރިކުރުމާ މެދު ތުރުކީ ވިލާތުން މިހާރު ވެސް ގެންގުޅެމުން އަންނަނީ މިދިޔަ އަހަރު ވެސް ގެންގުޅުނު ހަމަތަކާއި އުސޫލުތަކެވެ.

"ޓެރަރިސްޓް ޖަމާއަތްތަކަށާއި، ފެޓޯގެ (އިދިކޮޅު ލީޑަރު ފަތުހުﷲ ގުލެން ގެ ސިޔާސީ ހަރަކާތް) ޣައްދާރުންނަށް އެމީހުން ހިޔާވަހިކަން ދިނުމަކީ އަހަރެމެން ބޭނުންވާ ކަމެއް ނޫން. މި ހުރިހާ ޝަރުތުތަކެއް ފުރިހަމަވުމަށް ފަހުގައި ނޫނީ، އަހަރެމެންގެ ދެކޮޅުހެދުން އަނބުރައި ނުގެންނާނެކަން އެންމެންނަށް ވެސް އެނގެން އަހަރެމެން ބޭނުން."

މި މޭރުމުން އުރުދުޣާން ސްވިޑްން އަށް ރައްދު މި ދެއްވީ، ތުރުކީ ވިލާތުން ހުށަހެޅި ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރެވިއްޖެ ކަމަށް، މިދިޔަ ހަފުތާގައި ސްވިޑްން އިން ބުނެފައިވަނިކޮށެވެ. ސްވިޑްންގެ ޚާރިޖީ ވަޒީރު ޓޮބިއަސް ބިލްސްޓްރޯމް މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި ނޭޓޯގައި ބައިވެރިވުމަށް ތުރުކީ ވިލާތުން ރުހުން ދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ވާނީ ފުރިހަމަކޮށްފަ އެވެ.

އޭގެ އިތުރުން މިދިޔަ ޖޫން މަހުގެ ތެރޭގައި ތުރުކީ ވިލާތުގެ ވެރިރަށް އިސްތަންބޫލްގައި ރައީސް އުރުދުޣާންއާ ބައްދަލުކުރެއްވުމަށް ފަހު، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހާންސް ސްޓޯލެންބާގް ވެސް ވިދާޅުވެފައިވަނީ، ތުރުކީން އެދުނު ހުރިހާ ކަމެއް ސްވިޑްން އިން މިހާރު ފުރިހަމަކޮށްފި ކަމަށެވެ.

ސްވިޑްން އާއި ފިންލޭންޑްގެ އިތުރުން ޔޫކްރޭން ވެސް ނޭޓޯގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، ތުރުކީ ވިލާތާއި ފިންލޭންޑް އަދި ސްވިޑްންގެ އެންމެ އިސް ވެރިން މި ހަފުތާގައި ބްރަސެލްސްގައި ބައްދަލުކުރައްވާނެ އެވެ. އެއަށް ފަހު، މިއަންނަ ހަފުތާގައި އެ ބޭފުޅުން ވަޑައިގަންނަވަނީ ނޭޓޯގެ ވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް، ލިތުއޭނިއާގެ ވެރިރަށް ވިލިނިއަސް އަށެވެ.