Roadha Mihaaru
އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން

އިޒްރޭލުން ބޮޑު އަގެއް އަދާކުރަންޖެހިދާނެ: އުރުދުޣާން

07 ޑިސެމްބަރ 2023

ތުރުކީ ވިލާތުގައި އުޅޭ، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މެމްބަރުން ހޯދައި އެމީހުން ނައްތައިލުމަށް އިޒްރޭލުގެ އޭޖެންޓުން އުޅޭ ނަމަ، އިޒްރޭލުން ބޮޑު އަގެއް ދައްކަންޖެހިދާނެ ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ އިންޒާރު ކުރައްވައިފި އެވެ.

ތުރުކީ ވިލާތުގައި އުޅޭ، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މެމްބަރުން ހޯދައި އެމީހުން ނައްތައިލުމަށް އިޒްރޭލުގެ އޭޖެންޓުން އުޅޭ ނަމަ، އިޒްރޭލުން ބޮޑު އަގެއް ދައްކަންޖެހިދާނެ ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ އިންޒާރު ކުރައްވައިފި އެވެ.

އުރުދުޣާން މި މޭރުމުން އިންޒާރު ކުރެއްވި އިރު، އިޒްރޭލު ސަރުކާރުން ވަނީ ހަމާސްގެ މެމްބަރުން ތިބި ކޮންމެ ތަނެއްގައި އެމީހުންނާ ދެކޮޅަށް އިޒްރޭލުން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ. އިޒްރޭލުގެ ދާޚިލީ ސަލާމަތާ ބެހޭ އިދާރާ ޝިން ބޭތުގެ ވެރިޔާ މިދިޔަ ހަފުތާގައި ބުނެފައިވަނީ ހަމާސްގެ ލީޑަރުން ގަތަރާއި ތުރުކީ އަދި ލުބްނާން ނުވަތަ ދުނިޔޭގެ އެހެން ގައުމެއްގައި ތިއްބަސް، އެ މީހުން މަރައިލުމަށް އިޒްރޭލުން ނިންމާފައިވާ ކަމަށެވެ.

އިޒްރޭލުގެ މި އިންޒާރާ ގުޅިގެން ރައީސް އުރުދުޣާން އިއްޔެ ވިދާޅުވީ ތުރުކީ ވިލާތުގައި ހަމާސްގެ އެއްވެސް މީހަކަށް އިޒްރޭލުން ގޯނާއެއް ކޮށްފިކަން އެނގިއްޖެ ނަމަ، ވަރަށް ނުރައްކާތެރި ނަތީޖާއަކާ އިޒްރޭލު ކުރިމަތިލާންޖެހޭނެ ކަމަށެވެ.

"އެމީހުންނަކަށް (އިޒްރޭލުގެ ޔަހޫދީންނަށް) ތުރުކީ ވިލާތުގެ މީހުންގެ ގޮތެއް ނޭނގެ. އަހަރެމެން މިއީ ކޮން ބައެއް ކަމެއް އެމީހުންނަކަށް ނޭނގޭ. އެމީހުން އެފަދަ ގޯހެއް ހަދައިފިއްޔާ، އެކަމަށްޓަކައި އެމީހުން ވަރަށް މަތީ އަގެއް އަދާކުރަންޖެހޭނެ ކަން ދަންނަންވާނެ،" ގަތަރުގެ ވެރިރަށް ދޯހާގައި އެގައުމުގެ ވެރިންނާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު ފުރާވަޑައިގަންނަވަމުން އުރުދުޣާން އިއްޔެ ވިދާޅުވި އެވެ.

"ތުރުކީ ވިލާތާއި ތުރުކީގެ ރައްޔިތުންނާ ދެކޮޅަށް އެމީހުން އެފަދަ ކަމެއް ކޮށްފިއްޔާ، ދެ ވަނަ ފަހަރަށް ކޮޅަށް ނުތެދުވެވޭ ވަރުގެ އަގެއް އެމީހުން ދައްކަންޖެހޭނެ. އެފަދަ ކަމެއް ކުރަން ހިތު ލާ މީހާ ވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ، އެކަމަށް އާދަޔާ ޚިލާފު ބޮޑު އަގެއް ދައްކަންޖެހޭނެކަން. ޖާސޫސީ ދާއިރާއިންނާއި ރައްކާތެރިކަމާއި ސަލާމަތީ ގޮތުން ތުރުކީ ވިލާތް ހޯދާފައިވާ ކުރިއެރުން، ދުނިޔޭގެ އެކަކަށް ވެސް މިހާރު ވަންހަނާވެގެނެއް ނުވާނެ."

ތުރުކީ ވިލާތަކީ އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިންގަމުންދާ ގަތުލު އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް އެންމެ ހަރު އަޑުން އަދި އެންމެ ފާޅުގައި އަޑުއުފުލާ އިސްލާމީ ގައުމެވެ. ތުރުކީ ވިލާތަކީ ޔޫރަޕްގެ ގައުމަކަށް ވުމުގެ އިތުރުން ނޭޓޯގެ ވެސް ވަރަށް ނުފޫޒު ގަދަ ގައުމެކެވެ.

ތުރުކީ ވިލާތް ފިޔަވައި ޔޫރަޕާއި ނޭޓޯގެ ހުރިހާ ގައުމެއްހެން، ޣައްޒާ ހަނގުރާމައިގައި ތާއީދު ކުރަނީ އިޒްރޭލަށެވެ. ނަމަވެސް އެ ގައުމުތަކުގެ އާންމު ރައްޔިތުންގެ ގިނަ ބަޔަކު ގެންދަނީ ފަލަސްތީނާ ބައިވެރިވުމުގެ މުޒާހަރާތައް ބާއްވައި އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ކުށްވެރި ކުރަމުންނެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ސިޔާސީ ވެރިން ފަލަސްތީނުން ބޭރުގައި އުޅޭ އިރު، އޭގެ ތެރެއިން ބައެއް ބޭފުޅުން އުޅުއްވަނީ އީރާނާއި ތުރުކީ ވިލާތުގަ އާއި ގަތަރު އަދި އެމިރޭޓްސް ފަދަ ގައުމުތަކުގަ އެވެ. އެއިން ކޮންމެ ގައުމެއްގައި ވެސް އިޒްރޭލުގެ ގިނަ އަދަދެއްގެ ޖާސޫސީ އޭޖެންޓުން ހަރަކާތްތެރިވެ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 62 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 16500 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7200 އަށް ވުރެ ގިނަ ކުޑަކުދިންނާއި 4900 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 43800 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8000 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.