Roadha Mihaaru
ކްރިކެޓަށް މަރުދޭ އިންޑިއާގައި ޗެތުރީއަށް އޮތް ލޯބި

ކްރިކެޓަށް މަރުދޭ އިންޑިއާގައި ފުޓްބޯޅަ ތަރިއަކަށް އޮތް އަދަޔާހިލާފް ލޯތްބެއް

24 ޖޫން 2023

މުޅި އިންޑިއާގައި އެންމެ މަގުބޫލު ކުޅިވަރަކީ ކްރިކެޓެވެ. މި ގައުމަކީ ދުނިޔޭގެ ކްރިކެޓްގެ އެންމެ ބޮޑު ހަބެވެ. ކްރިކެޓްގެ އެންމެ ބޮޑު ފްރެންޗައިޒް ލީގާއި އެންމެ ބޮޑު އިންވެސްޓްމެންޓެއް ވެސް އޮތީ އިންޑިއާގަ އެވެ. އިންޑިއާގެ އެންމެ މަގުބޫލު ކުޅިވަރު ލިސްޓްގައި ފުޓްބޯޅަ އަށް ލިބެނީ ތިންވަނަ ބައެއް ސްޓޭޓްތަކުގައި ފުޓްބޯޅަ އަންނަނީ ކަބައްޑިގެ ފަހަތުން ހަތަރުވަނަ އަށެވެ.

މުހައްމަދު ޒަޔާން ޒާހިރު ބެންގަލޫރުން މުހައްމަދު ޒަޔާން ޒާހިރު

މުޅި އިންޑިއާގައި އެންމެ މަގުބޫލު ކުޅިވަރަކީ ކްރިކެޓެވެ. މި ގައުމަކީ ދުނިޔޭގެ ކްރިކެޓްގެ އެންމެ ބޮޑު ހަބެވެ. ކްރިކެޓްގެ އެންމެ ބޮޑު ފްރެންޗައިޒް ލީގާއި އެންމެ ބޮޑު އިންވެސްޓްމެންޓެއް ވެސް އޮތީ އިންޑިއާގަ އެވެ. އިންޑިއާގެ އެންމެ މަގުބޫލު ކުޅިވަރު ލިސްޓްގައި ފުޓްބޯޅަ އަށް ލިބެނީ ތިންވަނަ ބައެއް ސްޓޭޓްތަކުގައި ފުޓްބޯޅަ އަންނަނީ ކަބައްޑިގެ ފަހަތުން ހަތަރުވަނަ އަށެވެ.

ކްރިކެޓާއި ފީލްޑް ހޮކީ އަދި ކަބައްޑި އަށް އޮތްވަރުގެ މަގުބޫލު ކަމެއް ފުޓްބޯޅައިގައި އިންޑިއާ އަށް ނެތަސް، އިންޑިއާގެ ފުޓްބޯޅަ ކެޕްޓަން ސުނިލް ޗެތުރީ އަށް އިންޑިއާގައި އޮތީ އާދަޔާ ހިލާފު ލޯތްބެކެވެ.

މިދިޔަ ބުދަ ދުވަހު ބެންގަލޫރުގައި ފެށި ދެކުނު އޭޝިއާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގައި ގައުމީ ބަތަލަކަށް ދިން ވަރުގެ އިހުތިރާމެއް އިންޑިއާގެ ސަޕޯޓަރުން ޗެތުރީ އަށް އަދާކުރި އެވެ.

ސްރީ ކަންތީރަވާ ސްޓޭޑިއަމް އަށް އެއްވެ ތިބި އިންޑިއާ އެތައް ސެތާކެ ސަޕޯޓަރުން ސްޓޭޑިއަމް ގުގުމާލީ ޗެތުރީގެ ނަމުންނެވެ. ދަނޑުގެ ފެންސާއި އިސްތިހާރު ބޯޑްތައް މަތިން ފުންމާލައި ސަޕޯޓަރަކު ތިންފަހަރެއްގެ މަތިން ދަނޑުގެ ސަރަހައްދަށް ވެދެ ޗެތުރީއާ ބައްދަލު ކުރަން އުޅުނެވެ.

ޗެތުރީއާ ބައްދަލުކުރަން ދަނޑަށް އަރަން އުޅުނު ސަޕޯޓަރު މެޗުގެ ސެކިއުރިޓީން ހިފަހައްޓައިގެން: ތިން ފަހަރެއްގެ މަތިން އޭނާ ދަނޑަށް އެރި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޗެތުރީއާ ބައްދަލުކުރަން ދަނޑަށް އަރަން އުޅުނު ސަޕޯޓަރު މެޗުގެ ސެކިއުރިޓީން ހިފަހައްޓައިގެން: ތިން ފަހަރެއްގެ މަތިން އޭނާ ދަނޑަށް އެރި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދުނިޔޭގެ ބޮޑެތި މުބާރާތްތަކުގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނެލް މެސީ ކުޅޭ މެޗުތަކުގައި، މެޗު ތެރޭން ސަޕޯޓަރެއް ދަނޑަށް އަރައި އެ ކުޅުންތެރިން ގައިގައި ބައްދާލާ މަންޒަރަކީ އާއްމު ކަމެކެވެ.

ޗެތުރީއާ ބައްދަލުކުރަން އުޅުނު އިންޑިއާގެ ސަޕޯޓަރު ތިންވަނަ ފަހަރު ދަނޑަށް އެރީ މެޗުގެ ފަހު ވަގުތު ޗެތުރީ ބަދަލު ކުރި ފަހުން އޭނާ ބެންޗުގައި އިންދަ އެވެ.

ޕާކިސްތާނާ ދެކޮޅަށް މެޗު ފެށިގެން މާ ގިނައިރެއް ނުވެ ޗެތުރީ ވަނީ ދެ ގޯލު ޖަހައި އިންޑިއާ އަށް ލީޑު ވެސް ހޯދައިދީފަ އެވެ. އަދި ފަހު ހާފުގައި އޭނާ ވަނީ އިތުރު ގޯލެއް ޖަހައި ހެޓްރިކް ވެސް ފުރިހަމަ ކޮށްފަ އެވެ.

ހެޓްރިކާ އެކު ޗެތުރީ ވަނީ ގައުމީ ޓީމަށް 90 ގޯލު ހަމަކޮށްފަ އެވެ. އަދި ސާފް ޗެމްޕިއަންޝިޕްގައި 23 ގޯލު ޖަހައިގެން އަޝްފާގު ހަދާފައިވާ ރެކޯޑާ ވެސް ޗެތުރީ ވަނީ ކައިރި ކޮށްފަ އެވެ. ޕާކިސްތާނު ކޮޅަށް ޖެހި ތިން ގޯލާ އެކު އޭނާ މުބާރާތުގައި ޖެހި ގޯލުގެ އަދަދު ވަނީ 21 އަށް އަރައިފަ އެވެ.

އިންޑިއާގެ ސަޕޯޓަރުން ދަނޑު ފުރާލަފައި: ސަޕޯޓަރުން ގުގުމަމުން ދިޔައީ ޗެތުރީގެ ނަމުން  --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންޑިއާގެ ސަޕޯޓަރުން ދަނޑު ފުރާލަފައި: ސަޕޯޓަރުން ގުގުމަމުން ދިޔައީ ޗެތުރީގެ ނަމުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސަރަހައްދުގައި ވެސް ސިޔާސީ ވަރުގަދަ ދެ ބާރުގެ މެޗެއްގައި ސަލާމަތީކަންކަން ބަލަހައްޓަން ޖެހޭ ވަރަށް ކަންތީރަވާ ސްޓޭޑިއަމްގައި ސަލާމަތީ ކަންކަން ބަލަހައްޓާފައެއް ނެތެވެ. ޕިޗު ވަށައިގެން އޮންނަ ސިންތެޓިކް ދުވާ ޓްރެކާއި އުސްކޮށް ޖަހާފައިވާ އިސްތިހާރު ބޯޑުތަކާއި ފެންސުތައް ހުރަސްކޮށް ތިން ފަހަރު މަތިން ސަޕޯޓަރެއް ދަނޑަށް އެރި އިރު ވެސް ސެކިއުރިޓީންނަށް ދަނޑަށް އެރި މީހުން ހުއްޓުވަން މަސައްކަތް ކުރެވުނީ ޕިޗަށް އެރި ފަހުންނެވެ. ސެކިއުރިޓީންނާއި ދަނޑުގައި ހަރަކާތްތެރިވި ފުލުހުން ވެސް މެޗު ކުޅެމުން ދިޔަ ވަގުތު އެންމެ އިސްކަމެއް ދިނީ ފޯރީގައި މެޗު ބަލާށެވެ.

ޕާކިސްތާނު މެޗުގައި އިންޑިއާގެ ސަޕޯޓަރަކު މޫނުގައި ކުރަހަނީ: މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަތް  --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕާކިސްތާނު މެޗުގައި އިންޑިއާގެ ސަޕޯޓަރަކު މޫނުގައި ކުރަހަނީ: މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަތް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މެޗު ކުޅުނު ވަގުތު ވާރޭ ވެހުމާ ގުޅިގެން ބައެއް ސަޕޯޓަރުން ވަނީ ހިޔާވާން ދަނޑުގައި މުބާރާތް ކަވަރު ކުރަން ތިބި ނޫސްވެރިން ތިބޭ މީޑިއާ ސަރަހައްދަށް ވެސް ވަދެފަ އެވެ. އެތަނުން ސަޕޯޓަރުން ދުރުކުރަން ޖެހުނީ ނޫސްވެރިން، ސެކިރުރިޓީންގެ ކިބއިން އެދިގެންނެވެ. އެކަމަކު މެޗު ނިމުމާ ހަމައަށް ވެސް އެކަމަށް މާ ބޮޑު ހައްލެއް ލިބިފައެއް ނުވެ އެވެ. ދުރު ކުރާވަރަކަށް އެ ސަރަހައްދަށް ސަޕޯޓަރުން ޖަމާވެ އެވެ.

އިންޑިއާގެ ދެ ވަނަ މެޗުގައި މިރޭ 7 ޖަހާއިރު އެޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މެޗު ކާމިޔާބު ކޮށްގެން އިންޑިއާ އަށް ސެމީ ފައިނަލުގެ ޖާގައެއް ޔަގީން ވާނެ އެވެ. ނަމަވެސް ފުރަތަމަ މެޗުގައި 3-1 އިން ކުވެއިތު އަތުން ބަލިވެފައިވާ ނޭޕާލަށް މުބާރާތުގައި ކުރިއަށް ދާން މިއީ މޮޅުވުން މަޖުބޫރު މެޗެކެވެ.