Roadha Mihaaru
މިހާތަނަށް އެންމެ ހޫނުވީ މިދިޔަ ހޯމަ ދުވަހު

މިހާތަނަށް އެންމެ ހޫނުވީ މިދިޔަ ހޯމަ ދުވަހު

05 ޖުލައި 2023

ދުނިޔޭގެ ފެންވަރުގައި ފިނިހޫނު މިނުގެ ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން، މުޅި ދުނިޔޭގެ ނިސްބަތުން މިހާތަނަށް ހޫނުމިން އެންމެ މަތިވީ މިދިޔަ ހޯމަ (ޖުލައި 3، 2023) ދުވަހު ކަމަށް އެމެރިކާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ ފެންވަރުގައި ފިނިހޫނު މިނުގެ ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން، މުޅި ދުނިޔޭގެ ނިސްބަތުން މިހާތަނަށް ހޫނުމިން އެންމެ މަތިވީ މިދިޔަ ހޯމަ (ޖުލައި 3، 2023) ދުވަހު ކަމަށް އެމެރިކާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމެރިކާގެ ނޭޝަނަލް ސެންޓާސް ފޯ އެންވަޔަރްމެންޓަލް ޕްރެޑިކްޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މީގެ ކުރިން މުޅި ދުނިޔޭގެ ނިސްބަތުގައި އެވްރެޖް ހޫނުމިން އެންމެ މައްޗަށް ދިޔައީ، އޮގަސްޓް 2016 ގަ އެވެ. އެ ފަހަރު އެންމެ މަތީ އެވްރެޖް ހޫނުމިނެއްގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ 16.92 ޑިގްރީ ސެލްސިއަސް (62.46 ފެރަންހައިޓް) އެވެ.

ނަމަވެސް، މި މަހުގެ ތިން ވަނަ ދުވަހު ދުނިޔޭގެ އެވްރެޖް ހޫނުމިން ހުރީ 17.01 ޑިގްރީ ސެލްސިއަސް (62.62 ފެރަންހައިޓް)ގަ އެވެ. އެ ދުވަހަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް އާދަޔާ ޚިލާފަށް ހޫނު ދުވަހެއް ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

އެމެރިކާގެ ދެކުނު ސަރަހައްދުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާތާ މިހާރު ހަފުތާތަކެއް ވެއްޖެ އެވެ. ޗައިނާގައި ވެސް އެވްރެޖް ހޫނުމިން 35 ޑިގްރީ އަށް ވުރެ މަތީގައި ހުންނަތާ ދުވަސްކޮޅެއް ވެފައިވާ އިރު، އެފްރިކާގެ އުތުރު ސަރަހައްދުގެ ހޫނުމިން ވެސް މިދުވަސްކޮޅު ހުރީ އެވްރެޖް ގޮތެއްގައި 50 ޑިގްރީ ގަ އެވެ.

އެންޓާޓިކާ ސަރަހައްދުގައި މި ދުވަސްވަރަކީ ފިނި މޫސުން ކަމަށް ވިޔަސް، މި މޫސުމުގައި ފިނިހޫނުމިން ހުންނަ މިންވަރަށް ވުރެ މި ދުވަސްކޮޅުގެ ހޫނުމިން ހުރީ މަތީގަ އެވެ.

"މިއީ އަހަރެމެން އެކަން ފާހަގަކުރަން ޖެހޭ ފަދަ ކުރިއެރުމެއް ނޫން. މިއީ އިންސާނުންނާއި ދުނިޔޭގެ މާހައުލީ ނިޒާމަށް ކުރިމަތިވެފައިވާ މަރުގެ ހުކުމެއް،" އިނގިރޭސި ވިލާތުގެ އިމްޕީރިއަލް ކޮލެޖްގެ ގްރަންތަމް އިންސްޓިޓިއުޓް ފޯ ކްލައިމެޓް ޗޭންޖް އެންޑް ދަ އެންވަޔަރަންމެންޓްގެ މޫސުމާ ބެހޭ ސައެންސްވެރިޔާ ފްރެޑްރީކް އޮޓޯ ވިދާޅުވި އެވެ.

މުޅި ދުނިޔޭގެ އެވްރެޖް ހޫނުމިން، މި މަހުގެ 3 ވަނަ ދުވަހު އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާ ކަން ފާހަގަކުރެވުނު އިރު، މި މަހުގެ 2 ވަނަ ދުވަހު އިރުން ވަނީ ވަރަށް ބިޔަ ހުޅުގަނޑެއް ފަޅައިގެން ގޮސްފަ އެވެ. އެ ހުޅުގަނޑުން އުފެދުނު ރޭޑިއޭޝަންގެ ސަބަބުން، އެމެރިކާ އާއި ޕެސިފިކް ކަނޑުގެ ބައެއް ސަރަހައްދުތަކުގައި ރޭޑިއޯ ސިގްނަލްތައް 30 މިނެޓަށް މެދުކެނޑިގެން ދިޔަ އެވެ.