Roadha Mihaaru

މޫސުމާ ގުޅޭ މައުލޫމާތު ލިބޭ އެޕެއް ލޯންޗުކޮށްފި

މޫސުމާ ގުޅޭ މައުލޫމާތު ލިބޭނެ މޯބައިލް އެޕްލިކޭޝަނެއް މެޓް އޮފީހުން މިއަދު ލޯންޗުކޮށްފި އެވެ.

މޫސުމާ ގުޅޭ މައުލޫމާތު ލިބޭ އެޕެއް ލޯންޗުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

25 ޖުލައި 2019

މޫސުމާ ގުޅޭ މައުލޫމާތު ލިބޭނެ މޯބައިލް އެޕްލިކޭޝަނެއް މެޓް އޮފީހުން މިއަދު ލޯންޗުކޮށްފި އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، "މޫސުން" އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

އެ އެޕްލިކޭޝަން ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން މިރޭ 12:00 ގެ ފަހުން ޑައުންލޯންޑުކުރެވޭނެ އެވެ.

އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ އެޕްލިކޭޝަން ތައްޔާރުކުރީ މެޓުގެ ހިދުމަތްތައް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމުންނާ ހަމައަށް މޫސުމާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށެވެ. އަދި މިއީ އެ އިދާރާއިން ދެމުން އަންނަ އެލާޓްތައް، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ ކޮމަން އެލާޓިން ޕްރޮޓޮކޯލް (ކެޕް) ސިސްޓަމަށް ބަދަލުވުމަށްޓަކައި އެ އޮފީހަށް ހާއްސަކޮށްގެން ކެޕް އެލާޓިން ސިސްޓަމެއް ގާއިމްކުރަން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.

އެޕްލިކޭޝަނުގައި ދުވަހެއްގެ މޫސުން ލަފާކުރާ ގޮތާއި ކުރިއަށް އޮތް ދުވަސްތަކަށް މޫސުން ލަފާކުރާ ގޮތާއި އެންމެ ފަހުގެ ރާޑަރު އަދި ސެޓްލައިޓް ފޮޓޯތަކާއި ބިންހެލުމުގެ މައުލޫމާތު ހިމެނެ އެވެ.