Roadha Mihaaru
ޔުނައިޓެޑަށް ބަދަލުވީ ރަނގަޅު ވަގުތުގައި: މައުންޓް

ޔުނައިޓެޑަށް ބަދަލުވީ އެންމެ ރަނގަޅު ވަގުތުގައި: މައުންޓް

05 ޖުލައި 2023

މެންޗެސްޓާ (ޖުލައި - 5) ޗެލްސީ ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމީ ކެރިއަރުގައި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ގަބޫލުކުރެވުމުން ކަމަށް މޭސަން މައުންޓް ބުނެފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

މެންޗެސްޓާ (ޖުލައި - 5) ޗެލްސީ ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ނިންމީ ކެރިއަރުގައި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ގަބޫލުކުރެވުމުން ކަމަށް މޭސަން މައުންޓް ބުނެފި އެވެ.

އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު މައުންޓް، 24، ފަސް އަހަރުގެ އެއްބަސްވުމުގައި ޔުނައިޓެޑަށް ބަދަލުވީ ގާތްގަނޑަކަށް 75 މިލިއަން ޑޮލަރަށެވެ.

މައުންޓް ޗެލްސީގެ އެކެޑަމީއާ ގުޅުނީއުމުރުން 6 އަހަރުގަ އެވެ. ޗެލްސީގެ ސީނިއާ ޓީމުގެ ސްކޮޑުން މައުންޓަށް ފުރުސަތު ލިބުނީ 2017 ވަނަ އަހަރު އެވެ. އެކަމަކު އޭގެފަހުން ނެދަލެންޑްސްގެ ވިޓެސީ އާއި އިނގިރޭސި ޗެމްޕިއަންޝިޕް ކްލަބް ޑާބީ ކައުންޓީ އަށް ލޯނު އުސޫލުން ކުޅުނެވެ. ޗެލްސީގެ ސީނިއާ ޓީމަށް ކުޅެން 2019 ވަނަ އަހަރު ފުރުސަތު ލިބުމާ އެކު މައުންޓް ވީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށެވެ. ކުޑައިރު ގުޅުނު ކްލަބުގައި މައުންޓް 18 އަހަރު ހޭދަކުރި އެވެ.

ޔުނައިޓެޑްގެ މެޑިކަލް ފުރިހަމަ ކުރުމަށް ފަހު މައުންޓް ސޯޝަލް މީޑިއާ އަށް ދޫކޮށްލި ވީޑިއޯ މެސެޖުގައި ބުނީ ޗެލްސީ ދުކޮށްލަން ނިންމީ އޭނާ އަމިއްލަ އަށް ކަމަށެވެ. އަދި، އެއީ ބައެއް ސަޕޯޓަރުން އުފާނުވާނެ ނިންމުމެއް ކަމަށް މައުންޓް ބުންޏެވެ.

"މިދިޔަ 18 އަހަރު ދުވަހު ޗެލްސީގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިތްވަރު ހަމައެކަނި މެސެޖަކުން ބަޔާންނުކުރެވޭނެ. އަހަރެންނަށް އެނގޭ ބައެއް ސަޕޯޓަރުން އުފާނުވާނެކަން. އެކަމަކު މިއީ މިވަގުތަށް އަހަރެންގެ ކެރިއަރަށް މުހިއްމު ބަދަލެއް" މައުންޑް ބުންޏެވެ.

ޔުނައިޓެޑުން މައުންޓް ގަންނަން އެންމެ ފުރަތަމަ ފޮނުވި ތިން ބިޑަށް ވެސް ޗެލްސީ އިން ވަނީ ނޫނެކޭ ބުނެފަ އެވެ. ޗެލްސީ އިން ޔުނައިޓެޑަށް މައުންޓް ވިއްކާލަން ނިންމީ އޭގެފަހުންނެވެ.

ޗެލްސީގެ ސީނިއާ ޓީމުގައި މައުންޓް ވަނީ 195 މެޗުގައި 33 ގޯލު ޖަހައިފަ އެވެ. މައުންޓަކީ 2021 ވަނަ އަހަރު ޗެލްސީ އިން ޗެމްޕިއަންސް ލީގު ހޯދި ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ޗެލްސީގައި މައުންޓް ހޯދި އެވެ.

މައުންޓުގެ އިތުރުން އެންގޯލޯ ކާންޓޭ އާއި ކަލިދޫ ކުލިބަކީގެ އިތުރުން ކައި ހަވާޓްޒް އާއި ރުބެން ލޮފްޓެސް ޗީކް އަދި މަޓެއޮ ކޮވަސިޗް ވަނީ ޗެލްސީ ދޫކޮށްލާފަ އެވެ.

އާ ސީޒަނަށް ޔުނައިޓެޑް ވަރުގަކުރުމުގެ ގޮތުން ގެނައި ފުރަތަމަ ކުޅުންތެރިއަކީ މައުންޓެވެ. ޔުނައިޓެޑުން އަންނަނީ ފޯވާޑަކާއި ގޯލްކީޕަރެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.