Roadha Mihaaru
ފިނޭންސްގެ މައްޗަށް ނެރުނު އަމުރު ބާތިލެއް ނުކުރި

މުސްއަބުގެ މައްސަލާގައި ފިނޭންސްގެ މައްޗަށް ނެރުނު އަމުރު ހައި ކޯޓުން ބާތިލެއް ނުކުރި

05 ޖުލައި 2023

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ މުސްއަބު އަބްދުﷲ އެ މަގާމުން ވަކިކުރި މައްސަލާގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އޭނާއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ ދައްކަން ފިނޭންސް މިނިސްޓްރީގެ މައްޗަށް ނެރުނު އަމުރު ބާތިލް ނުކުރަން ހައި ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ މުސްއަބު އަބްދުﷲ އެ މަގާމުން ވަކިކުރި މައްސަލާގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އޭނާއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާ ދައްކަން ފިނޭންސް މިނިސްޓްރީގެ މައްޗަށް ނެރުނު އަމުރު ބާތިލް ނުކުރަން ހައި ކޯޓުން ނިންމައިފި އެވެ.

މުސްއަބު 2019 ވަނަ އަހަރު މަގާމުން ވަކިކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 1.1 މިލިއަން ދައްކަން ހައި ކޯޓުން ކުރިން ހުކުމް ކުރިޔަސް، ސީއެސްސީން އެ ފައިސާ ނުދައްކާތީ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ސިވިލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ފިނޭންސްގެ މައްޗަށް އަމުރެއް ނެރުނެވެ.

މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ދަރަނިވެރިޔާގެ މުދަލާއި ފައިސާ ތިން ވަނަ ފަރާތެއް (ގާނިޝީއެއް) އަތުގައި ހުރެއްޖެނަމަ އެ ފައިސާ ދައްކަން އެ ފަރާތަކަށް ކޯޓުން އަމުރު ކުރެވިދާނެ އެވެ. އެހެންވެ، ސިވިލް ކޯޓުން އެންގީ ސީއެސްސީން ދައްކަންޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ކޯޓަށް ދެއްކުމަށެވެ.

އެ ނިންމުން ފިނޭންސް މިނިސްޓްރީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ސީއެސްސީން ދައްކަންޖެހޭ ފައިސާއެއްގައި ގާނިޝީއެއްގެ ގޮތުގައި ސިވިލް ކޯޓުން އެ މިނިސްޓްރީ ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.

ހައި ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ މަދަނީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ގާނިޝީއެއްގެ ގޮތުގައި ވަކި ފަރާތެއް ކަނޑައެޅުމަކީ ކޯޓަށް އޮންނަ އިހްތިޔާރެއް ކަމަށެވެ. އަދި ގާނިޝީއަކަށް ކޯޓުން އެފަދަ ނޯޓިހެއް ފޮނުވިޔަސް، އެ ފައިސާއެއް ދެއްކުމަށް ޒިންމާވުމާ ބެހޭގޮތުން ގާނިޝީއަށް ކޯޓުގައި ބަހުސް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަކު މި މައްސަލާގައި ފިނޭންސްއިން އެ އިޖްރައާތު ފުރިހަމަ ނުކުރާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފިނޭންސް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން ނެރުނު ނޯޓިސްއާ ހައި ކޯޓުން މެދު މިވަގުތު ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ.

މުސްއަބަށް ބަދަލު ދޭން ހައި ކޯޓުން ކުރި ހުކުމުގެ މައްސަލަ ސީއެސްސީން މިހާރު އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ނިމެންދެން، ބަދަލު ދިނުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އޮތީ އަންގައިފަ އެވެ.