Roadha Mihaaru
އަލިފާނުގެ ހާދިސާ އަށް ފަހު ތުރުކީގައި ފެންބޮޑުވަނީ

އަލިފާނުގެ ހާދިސާ އަށް ފަހު ތުރުކީގައި ފެންބޮޑުވަނީ

12 އޯގަސްޓް 2021

އަންކަރާ (އޮގަސްޓް 12) - ތުރުކީ ވިލާތުގެ ހުޅަނގު ދެކުނު ސަރަހައްދުގެ ޖަންގަލިތަކާއި ދަނޑުބިންތަކުގައި އަލިފާން ރޯވުމުގެ ހާދިސާ އިން މުޅިން ސަލާމަތް ނުވެވިގެން އުޅެނިކޮށް، އެ ގައުމުގެ އުތުރު އައްސޭރި ސަރަހައްދަށް، އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެ އެވެ.

އަންކަރާ (އޮގަސްޓް 12) - ތުރުކީ ވިލާތުގެ ހުޅަނގު ދެކުނު ސަރަހައްދުގެ ޖަންގަލިތަކާއި ދަނޑުބިންތަކުގައި އަލިފާން ރޯވުމުގެ ހާދިސާ އިން މުޅިން ސަލާމަތް ނުވެވިގެން އުޅެނިކޮށް، އެ ގައުމުގެ އުތުރު އައްސޭރި ސަރަހައްދަށް، އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެ އެވެ.

ފެންބޮޑުވުމުގެ ސަބަބުން، ބައެއް އަވަށްތަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ އިރު، ބޮޑެތި ހައިވޭތަކުގައި ދަތުރުފަތުރުކުރުން ވެސް ވަނީ ދަތިވެފަ އެވެ. ތުރުކީ ވިލާތުގެ ދައުލަތުގެ މީޑިއާ އިން ބުނި ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ކުއްލި ޝޮކެއްގައި ހިތް ހުއްޓިގެން މީހަކު މަރުވެފައިވާ އިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ އިތުރު މީހަކު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ސިނޯޕް ޕްރޮވިންސަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ގެއެއް ވެއްޓިފައިވާ އިރު، މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑުގެ ތެރޭގައި ކާރުތަކާއި ޕިކަޕް ފަދަ ތަކެތި އޮޔާ ދެމޭ މަންޒަރު ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ. އެ ޕްރޮވިންސްގެ އެންމެ ބޮޑު ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި އާދަޔާ ހިލާފަށް ފެންބޮޑުވެ ހޮސްޕިޓަލުގެ ހިދުމަތްތައް މެދުކަނޑާލަން ޖެހުމުން، އެ ހޮސްޕިޓަލުން މިހާރު ވަނީ ހުރިހާ އެންމެން ނެރެ، ހޮސްޕިޓަލް ބަންދުކޮށްފަ އެވެ.

މިއަދާއި މާދަމާ ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ، އާންމުކޮށް ބޭރަށް ނުކުމެ ނޫޅުމަށާއި ފެންބޮޑުވާ ސަރަހައްދުތަކާ މެދު ސަމާލުވުމަށް ވަނީ މޫސުމާ ބެހޭ އިދާރާއިން އަންގައިފަ އެވެ. އަދި ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުގެ ފެންގަނޑު، ތިރި ސަރަހައްދުތަކަށް ފައިބަމުން ދާތީ، ބައެއް މަގުތައް ވަނީ އާންމުންނަށް ބަންދުކޮށްފަ އެވެ.

މިފަހަކަށް އައިސް ތުރުކީ ވިލާތަށް ވަނީ ގުދުރަތީ މިފަދަ ކާރިސާތަކާ ކުރިމަތިލާން ޖެހޭ މިންވަރު އިތުރުވެފަ އެވެ. ތަޖުރިބާކާރުން ބުރަވާ ގޮތުގައި، އާދަޔާ ހިލާފަށް ހޫނުވެ ޖަންގަލިތަކާއި ދަނޑުބިންތަކުގައި ރޯވުމާއި އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވަނީ، ދުނިޔޭގެ ހޫނުމިން މައްޗަށް ގޮސް މޫސުމަށް ނުރަނގަޅު ބަދަލުތަކެއް އައިސްފައިވާތީ އެވެ.

ތުރުކީ ވިލާތުގެ ޖަންގަލިތަކުގައި ރޯވެ އަނދާފައިވާ ސަރަހައްދެއްގެ މަތިން އޮގަސްޓް 3، 2021ގައި ނަގާފައިވާ ފޮޓޯއެއް. --އޭއެފްޕީ

ތުރުކީ ވިލާތުގެ ޖަންގަލިތަކުގައި ރޯވެ އަނދާފައިވާ ސަރަހައްދެއްގެ މަތިން އޮގަސްޓް 3، 2021ގައި ނަގާފައިވާ ފޮޓޯއެއް. --އޭއެފްޕީ

މިދިޔަ ދެ ހަފުތާގެ ތެރޭގައި ތުރުކީ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ، ދެކުނު ސަރަހައްދުގެ ޖަންގަލިތަކުގައި ރޯވެ އަނދަން ފެށުމެވެ. އެތައް ހާސް ހެކްޓަރެއްގެ ޖަންގަލި ސަރަހައްދު އަނދައި އަޅިއަށް ވެފައިވާ އިރު، އެ ސަރަހައްދުގައި އަލުން އެވަރަށް ގަސްތައް ހެދި ބޮޑުވާން އެތައް އަހަރެއް ނަގާނެ އެވެ.

މިދިޔަ ޖުލައި މަހަކީ، 1961 ވަނަ އަހަރަށް ފަހު ތުރުކީ ވިލާތުގެ ހޫނުމިން އެންމެ މައްޗަށް ދިޔަ ކަމަށް މިހާތަނަށް ރެކޯޑް ކުރެވުނު މަހެވެ. އެ މަހުގެ ތެރޭގައި ތުރުކީ ވިލާތުގެ އިރުދެކުނު ރަށެއް ކަމަށްވާ ޝިޒްރޭގެ ހޫނުމިން 49.1 ޑިގްރީ ސެލްސިއަސް އަށް އެރިކަމަށް ރެކޯޑްކުރެވިފައިވެ އެވެ.

ޖަންގަލިތަކުގައި ރޯވުމާއި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވާ އިރު، ހަނަފަސްކަން އިތުރުވުމުގެ ސަބަބުން ފެން ލިބުން ދަތިވެ، ދަނޑުވެރިކަމަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ.