Roadha Mihaaru
އެކުގައި މަސައްކަތް ކުރުން، ނޫނީ އެންމެން މަރުވުން

މިހާރު އޮތީ އެކުގައި މަސައްކަތް ކުރުން، ނޫނީ އެންމެން މަރުވުން: ގުޓަރޭސް

08 ނޮވެމްބަރ 2022

ދުނިޔެ ހޫނުވުމުގެ މައްސަލައިގައި އިންސާނުންގެ ކުރިމަތީގައި މިހާރު އޮތީ، ދެ ގޮތުން ކުރެ ގޮތެއް އިޚްތިޔާރުކުރުން ކަމަށާއި އެއީ، އެންމެން އެކުގައި މަސައްކަތްކުރުން ނުވަތަ އެންމެން އެކުގައި އަމިއްލަ އަށް މަރުވުމާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އިއްޔެ އިންޒާރުކުރައްވައިފި އެވެ.

ދުނިޔެ ހޫނުވުމުގެ މައްސަލައިގައި އިންސާނުންގެ ކުރިމަތީގައި މިހާރު އޮތީ، ދެ ގޮތުން ކުރެ ގޮތެއް އިޚްތިޔާރުކުރުން ކަމަށާއި އެއީ، އެންމެން އެކުގައި މަސައްކަތްކުރުން ނުވަތަ އެންމެން އެކުގައި އަމިއްލަ އަށް މަރުވުމާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އިއްޔެ އިންޒާރުކުރައްވައިފި އެވެ.

މިސްރުގެ ޝަރްމުއް ޝައިޚްގައި މިދިޔަ އާދީއްތަ ދުވަހު ފެށި، އދ.ގެ ތިމާވެއްޓާ ބެހޭ މަހާސިންތާ، ކޮޕް27ގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ ދުނިޔެ ހޫނުވުމުގެ މައްސަލަ މިހާރު އޮތީ އަތްނުފޯރާ ފަށުގައި ކަމަށެވެ. އެހެންކަމުން، ދެ ގޮތުން ކުރެ ގޮތެއް އިޚްތިޔާރުކޮށް މި މައްސަލަ އަށް ނިމުމެއް ގެނައުމުގެ ވަގުތު ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންސާނިއްޔަތަށް ދެ އިޚްތިޔާރެއް އެބަ އޮތް، އެއްބާރުލުން ދިނުން ނުވަތަ މަރުވުން. އެއީ މޫސުމީ ބަދަލުތަކާ ދެކޮޅަށް އެއްބައިވަންތަވުމުގެ އެއްބަސްވުމެއް ނުވަތަ ޖަމާއަތުގައި އަމިއްލައަށް މަރުވުމުގެ އެއްބަސްވުމެއް،" މި އިންޒާރާ އެކު، ދުނިޔޭގެ މުއްސަނދި ގައުމުތަކަށް އޭނާ ގޮވައިލެއްވީ، ވިހަ ގޭސްތައް އެންމެ މަދުން ޖައްވަށް ދޫކުރާ ގައުމުތައް ކަމަށްވާ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް އެހީވެދިނުމަށެވެ.

މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި ކުރިމަތިވި ގުދުރަތީ ކާރިސާތަކުގައި އެތައް ހާސް ބައެއްގެ ފުރާނަ ގެއްލި އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ވަނީ ލިބިފަ އެވެ. ނައިޖީރިއާ އާއި ޕާކިސްތާނަށް ކުރިމަތިވި ފެން ބޮޑުވުމުގެ ހާދިސާތަކާއި، ކެންޔާ އާއި ސޯމާލިޔާ އަދި އެމެރިކާ އަށް ކުރިމަތިވި ހަނަފަސްކަމުގެ އިތުރުން، އޭޝިޔާ، އެމެރިކާ އަދި އެފްރިކާ އަށް ކުރިމަތިވި ހޫނު ރޯޅިތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ނޮވެމްބަރ 7، 2022؛ މިސްރުގެ ޝަރަމުއް ޝައިޚްގައި ކުރިއަށް ދާ، އދ.ގެ މޫސުމާ ބެހޭ މަހާސިންތާ، ކޮޕް27 ގައި ބައިވެރިވާ ބައެއް ގައުމުތަކުގެ ވެރިން ގުރޫޕް ފޮޓޯއެއްގައި. --އޭއެފްޕީ

ނޮވެމްބަރ 7، 2022؛ މިސްރުގެ ޝަރަމުއް ޝައިޚްގައި ކުރިއަށް ދާ، އދ.ގެ މޫސުމާ ބެހޭ މަހާސިންތާ، ކޮޕް27 ގައި ބައިވެރިވާ ބައެއް ގައުމުތަކުގެ ވެރިން ގުރޫޕް ފޮޓޯއެއްގައި. --އޭއެފްޕީ

ގުޓަރޭސް ވިދާޅުވީ ދުނިޔެ ހޫނުވުމުގެ މައްސަލަ އާއި މޫސުމީ ބަދަލުތަކުގެ ހާލަތު ކިތަންމެ ގޯސްވެފައި އޮތަސް، އެކަން ހައްލުކުރުމަށް ފިޔަވަޅު ނާޅައި ދޫކޮށްލެވެން ނެތް ކަމަށެވެ. އެހެންކަމުން، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރާ މިންވަރު ދެ ގުނަ އިތުރު ކުރުމަށްޓަކައި، އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ ގައުމުތަކާއި، އެންމެ ގިނައިން ވިހަ ގޭސްތައް ޖައްވަށް ދޫކުރާ މުއްސަނދި ގައުމުތަކާ ދެމެދު ތާރީޚީ އެއްބަސްވުމެއް ގާއިމުކުރުމަށް އޭނާ ގޮވައިލެއްވި އެވެ.

ދުނިޔެ ހޫނުވަމުންދާ ކަން ފާހަގަކުރެވި އެ ވާހަކަ ދައްކަމުން އަންނަތާ އަހަރުތަކެއް ފާއިތުވެގެން ދިޔައިރު ވެސް، ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާ ކަން، ގުޓަރޭސް ފާހަގަކުރެއްވި އެވެ. ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން ކުރަންޖެހޭ އެތައް ކަމެއް ފާހަގަކޮށްފައި ވިޔަސް، އެކަންތައް ތަންފީޒުކުރުމަށް ބައެއް ގައުމުތަކުން ފަސްޖެހޭ ކަމަށާއި، ކުރާ ކަމެއް ވެސް ކުރެވެނީ އެހާ ލަސްލަހުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން، ބައިނަލްއަގުވާމީ މުއާހަދާތަކުގެ ބައިވެރިންގެ މެދުގައި ސިލްސިލާ ބައްދަލުވުންތަކެއް އަހަރަކު އެއް ފަހަރު ބާއްވަން ފެށީ 1995 ވަނަ އަހަރު އެވެ. މިހާރު މިސްރުގެ ޝަރްމުއް ޝައިޚްގައި ހިނގަމުން އެދަނީ މި ސިލްސިލާގެ 27 ވަނަ މަހާސިންތާ އެވެ.

ކޮޕް27ގެ މަހާސިންތާގައި އިއްޔެ އާއި މިއަދު އޮތީ، ތިމާވެށި ހިމާޔަތްކުރުމަށް ގެންގުޅޭ ސިޔާސަތުތަކާ ބެހޭ ގޮތުން، ގައުމުތަކުގެ ވެރިން ތަގުރީރު ކުރެއްވުމެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއާސް ދާ މި މަހާސިންތާގައި، ގައުމުތަކުގެ ސިޔާސަތުތައް ތަންފީޒުކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުންތައް ފެށޭނީ، ވެރިންގެ ތަގުރީރުތަކަށް ފަހު އެވެ.