ސަރުކާރުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނަށް ވިއްކާފައިވާ ބޭސްތަކާއި އެހެނިހެން ކަންކަމަށް އެސްޓީއޯ އަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
10 ޖެނުއަރީ 2025
ސަރުކާރުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނަށް ވިއްކާފައިވާ ބޭސްތަކާއި އެހެނިހެން ކަންކަމަށް އެސްޓީއޯ އަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެއް ބިލިއަން ރުފިޔާ އަރަނީ ހެލްތު މިނިސްޓްރީ އާއި ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި އާސަންދަ ކުންފުންޏާއި އެންސްފާގެ އިތުރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް އެސްޓީއޯ އިން ފޯރުކޮށްދީފައިވާ ބޭހާއި އެހެން ހިދުމަތްތަކަށެވެ.
ރައްޔިތުންގެ މަޖިލިހުން އެދިގެން އޭގެ ބައެއް ތަފުސީލްތައް އެސްޓީއޯ އިން މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީއާ ވެސް ހިއްސާ ކޮށްފައިވާއިރު، ސިއްހީ ހިދުމަތް ދޭ ތަންތަނަށް އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ބިލްތަކަށް ލިބެން ޖެހޭ ފައިސާ ލިބުން ވަރަށް ބޮޑަށް ލަސްވުމުގެ މައްސަލަ ބޮޑު ކަމަށް އެ ކޮމިޓީގެ މެމްބަރަކު ވެސް "މިހާރު" އަށް ވިދާޅުވި އެވެ. މިއީ، އެސްޓީއޯ އިން ބޭސް ގެންނަން ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި އެ ކުންފުންޏަށް ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އެކި އިދާރާތަކުން އެސްޓީއޯ އަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހިފައިވާ ކަން ހިސާބުތަކުން އެނގެ އެވެ.
އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ހެލްތު މިނިސްޓްރީ އާއި އާސަންދަ ކުންފުންޏާއި އެންސްޕާ އިންނެވެ. އެ ކުންފުނިތަކުން އަހަރަކަށް ވާ ފައިސާ ނުދައްކާ އޮތްއިރު ބިލްތަކުގެ އަގު 200 މިލިއަން ރުފިޔާ އިން މައްޗަށް އަރަ އެވެ. އެސްޓީއޯގެ ހިދުމަތްތަކަށް އައިޖީއެމްއެޗުން ނުދައްކާ އޮތް ބިލުތަކުގެ އަގު 192 މިލިއަން ރުފިޔާ އަށް އަރަ އެވެ.
1- ހެލްތު މިނިސްޓްރީ- 289 މިލިއަން ރުފިޔާ
2- އާސަންދަ ކުންފުނި- 252 މިލިއަން ރުފިޔާ
3- އެންސްޕާ- 238 މިލިއަން ރުފިޔާ
4- އައްޑޫ ހޮސްޕިޓަލް- 5،369ރ.
5- ހުޅުމާލެ ހޮސްޕިޓަލް- 24 މިލިއަން ރުފިޔާ
6- އައިޖީއެމްއެޗް- 192 މިލިއަން ރުފިޔާ
އޮފިޝަލް ވިދާޅުވި ގޮތުގައި ބިލްތަކަށް ފައިސާ ނުލިބި ލަސްވެ، ބޭސް ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުން އެދިގެން އެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއާ ވެސް އެސްޓީއޯ އިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހިއްސާ ކޮށްފަ އެވެ. އެ މަހާ ހިސާބަށް ނުލިބި ހުރި ފައިސާގެ ތަފުސީލުތައް ހިއްސާކުރީ، ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ބޭސް ލިބުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުން މަޖިލީހުން އޮޅުންފިލުވަން ބޭނުންވުމުންނެވެ.
އެސްޓީއޯ އިން ވަނީ ކީމޯތެރަޕީ އަށް ބޭނުންވާ ބޭސް ރާއްޖެ އެތެރެކޮށް، ކުންފުނީގެ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އެކަމަކު "ޓާގެޓެޑް ތެރަޕީ" އަށް ބޭނުންވާ ބޭސް ހޯދުމުގައި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، ކެންސަރު ބަލި މީހުންނަށް ފަރުވާދެނީ ޑޮކްޓަރު ކަނޑައަޅާ ވަކި ހާއްސަ ޕްލޭނެއްގެ ދަށުން ކަމަށާއި އެ ޕްލޭނަށް ބޭނުންވާ ބޭސް އެ ކުންފުނިން ގެންނަނީ ކޮންމެ ބަލި މީހަކަށް ޑޮކްޓަރު ދޫކުރާ ބޭސް ސިޓީއަށް ކަމަށެވެ.
މި ބޭސްތަކުގެ ވަކި ސްޓޮކެއް ގެނެސް ގުދަންކޮށް ބެއްޓުމަކީ ވެސް ދަތިކަމެކެވެ. ބޭސް ގެނެސް ބަހައްޓާ ނަމަ މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) ގައި ރަޖިސްޓަރީ ކުރަންޖެހެ އެވެ. އެކަމަކު ރާއްޖޭގައި ބޭސް ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފޯރުކޮށްދޭން ބޭސް އުފައްދާ ކުންފުނިތަކުން އުޒުރުވެރިވާ ކަމަށް ވެސް މަޖިލީހަށް އަންގާފައިވާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ކޮމިޓީގެ މެމްބަރު ވިދާޅުވި އެވެ.
އެސްޓީއޯ އިން އަންނަނީ ކެންސަރު ބަލީގެ މީހުންގެ ފަރުވާ އަށް ދަތިނުވެ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުންނެވެ.
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
މަސްލަހަތު ފުށުއަރާ ބޭފުޅެއް އައިޖީއެމްއެޗް ބޯޑަށް!
ފެތުރޭ ރޯގާގެ ބޭހުގެ ސްޓޮކް އެބަހުރި: ހެލްތު
ކެންސަރު ދެނެގަތުމުގެ މެޝިން ގެންނަން ހަވާލުކޮށްފި
އިންޓާންޝިޕް އެގްރިމެންޓްގައި ސޮއިކުރުން މަޑުޖައްސާލައިފި
ޑޮކްޓަރުކަން ކިޔަވައިގެން މުސާރައަށް 15،000ރ!
އެންމެ ކުޑަ އަގު މެޑްޓެކުން، ބޮޑު އަގު އެސްޓީއޯއިން
ހަކުރުބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ހިންގައިފި
ކެންސަރަށް ހާއްސަ ބޭސްތަކެއް ރާއްޖޭގައި ތައާރަފްކޮށްފި