Roadha Mihaaru
ބޭރުގައި ވޯޓުފޮށި ބަހައްޓަން ބޮޑު ހަރަދެއް، މުހިއްމު؟

ބޭރުގައި ވޯޓުފޮށި ބަހައްޓަން ބޮޑު ހަރަދެއް، މުހިއްމުތަ؟

13 ޖުލައި 2023

ގައުމުން ބޭރުގައި ދިރިއުޅޭ އެ ގައުމުތަކުގެ މީހުން ވޯޓު ލެވޭނެ ގޮތް ހަމަޖައްސަން، އެ ތަނަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮށި ފޮނުވުމަކީ ހަރަދު ބޮޑު އަދި ވޯޓުލުމުގެ ކޮމަން ޕްރެކްޓިސް އެއް ނޫނެވެ. އެ ފުރުސަތު ފަހިކޮށްދިނުމަށް ޕޯސްޓަލް ވޯޓިން ނުވަތަ އޮންލައިން ވޯޓިން ފަދަ ހަރަދު ކުޑަ ނިޒާމުތަކަށް މި ސަރަހައްދުގެ ބައެއް ގައުމުތަކުން އަމަލުކުރެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައުމުން ބޭރުގައި ދިރިއުޅޭ އެ ގައުމުތަކުގެ މީހުން ވޯޓު ލެވޭނެ ގޮތް ހަމަޖައްސަން، އެ ތަނަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮށި ފޮނުވުމަކީ ހަރަދު ބޮޑު އަދި ވޯޓުލުމުގެ ކޮމަން ޕްރެކްޓިސް އެއް ނޫނެވެ. އެ ފުރުސަތު ފަހިކޮށްދިނުމަށް ޕޯސްޓަލް ވޯޓިން ނުވަތަ އޮންލައިން ވޯޓިން ފަދަ ހަރަދު ކުޑަ ނިޒާމުތަކަށް މި ސަރަހައްދުގެ ބައެއް ގައުމުތަކުން އަމަލުކުރެ އެވެ.

ނަމަވެސް، ކައިރި ކައިރީގައި ގިނަ އިންތިހާބުތަކެއް ރާއްޖޭގައި ބޭއްވިއަސް، ގައުމުން ބޭރުގައި އުޅޭ މީހުންނަށް ވޯޓު ލެވޭނެ އިންތިޒާމުތައް ކޮންމެ ފަހަރަކު ހަމަޖައްސަން ޖެހެ އެވެ. މިއީ، ހަރަދުގެ ގޮތުން ބަލާއިރު ބޮޑު އަދި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެސް ކަންބޮޑުވުމެކެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވޯޓު ފޮށި ބެހެއްޓީ ދިވެހިން އާއްމުކޮށް ދިރިއުޅޭ އިންޑިއާ، ލަންކާ، މެލޭޝިޔާ، ސިންގަޕޫރު އަދި އިނގިރޭސިވިލާތުގަ އެވެ. ނަމަވެސް، ތައިލެންޑާއި ޖަޕާން އަދި ޔޫއޭއީއާ އެކު އެ ލިސްޓަށް މި އަހަރު ތިން ގައުމެއް އިތުރުވެ، އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބުގައި އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ކުރިއަށް އޮތް ތަނުގައި މި ގައުމުތައް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުގައި އުޅޭ މީހުންނަށް ވޯޓު ލެވޭނެ ގޮތް ހަމަޖެއްސުމަކީ، އީސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަންގެ މަސްއޫލިއްޔަތެއް ކަމަށެވެ. ބޮޑު ހޭދައެއް ކުރާތީ ކަންބޮޑުވިއަސް އެއީ ކޮމިޝަނަށް އޮތް އިހުތިޔާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި ހަރަދު ކުޑަކުރުމަށް އިންތިހާބުގެ އޮފިޝަލުން ހޯދުމުގައި އެންމެ ފުރަތަމަ ބަލަނީ އެ ގައުމުގައި ތިބި މީހުންނަށް ކަމަށެވެ. ރާއްޖޭން އޮފިޝަލުން ފޮނު ވަނީ ފަހުންނެވެ. ނަމަވެސް، ވޯޓު ކަރުދާހާއި ވޯޓު ފޮއްޓާއެކު، ރާއްޖެއިން މަދުވެގެން ދެ މީހުން އެ ގައުމަކަށް ދާނެ އެވެ.

"މިކޮޅުން ވޯޓު ފޮއްޓާއެކީގައި ދާ މީހުން ވީހާ ވެސް މަދުކުރެވޭތޯ ބަލަން. ކޮންމެ ގައުމެއްގައި ވެސް ފޯކަލް ޕޮއިންޓެއް ހުންނާނެ. ފޯކަލް ޕޮއިންޓް މެދުވެރިވެ، އަޅުގަނޑުމެން މި ވޯޓު ލާ މަރުކަޒުތަކަށް އޮފިޝަލުން ނަގަން މަސައްކަތް ކުރާނީ. އެ މަސައްކަތް ކުރުމުގެ ތެރޭގައި ވަރަށް ގިނަ ފަހަރަށް ލިބޭ ނަތީޖާއަކީ ހަމަ މީހުން ނުލިބުން. މީހުން ލިބޭނަމަ ކޮންމެހެން ނުޖެހޭނެ ބޭރަށް ފޮނުވާކަށް. އެކަމަކު ވޯޓު ކަރުދާހާއި ފޮއްޓާއެކީގައި ދެ މީހުން ދާންޖެހޭނެ. އެއީ ޕޯސްޓުން ފޮނުވޭނެ އެއްޗިއްސެއް ނޫން. އާއްމު ގޮތެއްގައި މާލެއިން ރާއްޖެއިން ބޭރަށް ފޮނުވާނެ ދެ މީހުން. ވޯޓު ފޮށީގެ ވެރިޔާއާ އެހީތެރިޔާ،" ހަބީބް ވިދާޅުވި އެވެ.

"ކޮމިޝަންގެ ބަޖެޓަށް ބަލާފައި ކޮންސާނެއް އެއީ އެހާ ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވާތީ. އެކަމަކު، ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި، ގާނޫނުން ކޮމިޝަނަށް ލާޒިމްކުރާ ކަމެއް ވީމަ އޭގައި މާ ބޮޑު އޮޕްޝަނެއް ނެތް."

ހަބީބް ވިދާޅުވީ މިކަން ކޮންޓްރޯލް ކުރުމުގައި ބަލަނީ ވެސް ރާއްޖޭގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓް ހުރި ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމާއި ފޮށި ބަހައްޓާއިރު ވެސް މަދުވެގެން 150 މީހުން ރަޖިސްޓްރީކޮށްފައިވޭތޯ ބަލާނެ ކަމަށެވެ.

އަށް ގައުމެއްގައި 13 ފޮށި ބަހައްޓަން ނިންމިއަސް، އެ އަދަދަށް ފޮށި ބަހައްޓާނީ އަންނަ އާދިއްތަ ދުވަހު ހުޅުވާލާ ރީ-ރަޖިސްޓްރޭޝަންގައި އެ ގައުމުތަކުގައި ވޯޓުލުމަށް ވަކި ވަރަކަށް ވުރެ ގިނައިން ރަޖިސްޓްރީވެފައިވާ ނަމަ އެވެ.

އީސީގެ ވެބްސައިޓުން ފެންނަ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ބޮޑު ހަރަދެއް ކުރެ އެވެ. އެގޮތަށް، އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބަށެވެ. އެ އަހަރު ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް 2.1 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ވެސް އެ ކޮމިޝަނުން ލައްކައިން ހަރަދުކުރެ އެވެ.

ރިޔާސީ އިންތިހާބަށް އެކަނި ވެސް މި އަހަރު 90 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކަށް އީސީން ކުރި ހަރަދުތައް.-- ގްރެފިކްސް: އަރޫޒާ ރަޝީދު/ މިހާރު

މީގެ ކުރިން ބޭއްވި އިންތިހާބުތަކަށް އީސީން ކުރި ހަރަދުތައް.-- ގްރެފިކްސް: އަރޫޒާ ރަޝީދު/ މިހާރު

ރާއްޖޭގައި ވެސް ދިރިއުޅޭ ބައެއް ބިދޭސީން، މި ތަނުގައި ތިބެގެން ޕޯސްޓަލް ވޯޓިން މެދުވެރިކޮށް އެ ގައުމުގެ އިންތިހާބުތަކުގައި ބައިވެރިވެ އެވެ. އެއީ ހަރަދު ކުޑަ ގޮތަކަށް ވިޔަސް، އެ ފަދަ ނިޒާމަކަށް ދިއުމުގެ ކުރިން އާއްމުންގެ އިތުބާރު ވަރަށް މުހިއްމު ކަމަށް ހަބީބް ވިދާޅުވި އެވެ.

މިހާރު ވެސް ވޯޓާ ގުޅިގެން ތުހުމަތުތައް ކުރާއިރު، އީ-ވޯޓިންނަށް ހިނގައްޖެ ނަމަ އެ ތުހުމަތުތައް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަހަލަ ނިޒާމަކަށް ދިއުމަށްޓަކައި އެބަ ބޭނުންވޭ ވޯޓުލާ މީހުންގެ އިތުބާރު ވަރަށް ބޮޑަށް ހިފަހައްޓަން. އެއަށް މީހުން ހޭލުންތެރިވާން ޖެހޭ. އެއަށްފަހު، ގިނަ ބަޔަކު އެދޭ ކަމަށް ވަންޏާ އެ ކަހަލަ ނިޒާމަކަށް ދިއުމަކީ މި ފަދަ ޑިޖިޓަލް ދުނިޔެއެއްގައި ވަރަށް މުހިއްމު ކަމެއް ކަމަށް ފެންނަނީ." ހަބީބް ވިދާޅުވި އެވެ.

"އެހެންވީމަ އިތުބާރު ނިޒާމެއްގެ ތެރެއިން، އެއަށްވުރެ އިތުބާރު ކުޑަ ނިޒާމަކަށް ދަންޏާ ފަހަތަށް ދެވެނީ. އެކަމަކު، އަޅުގަނޑަށް ހީވަނީ އެ އޮޕްޝަން އޮތުން ރަނގަޅުހެން. އެމެރިކާ ތަންތަނުގައި ވެސް ބައެއް ސްޓޭޓްތަކުގައި ބެލެޓު ޕޭޕަރުގައި ވޯޓުލާ. އަނެއްބައި ތަންތަނުގައި ވޯޓުލާ މެޝިން ބޭނުންކޮށްގެން ވޯޓުލާ. މިހާރުގެ ޒުވާން ޖީލު ޓެކްނޮލޮޖީއާ ރައްޓެހިވެފައި، އެ މީހުން ބޭނުންވަނީ އީ-ވޯޓިން ކަހަލަ ފަސޭހަކަމާއެކު. ވަގުތަކީ ވެސް މިހާރު މުހިއްމު އެއްޗެއް. މި ނިޒާމުގައި މިހާރު ވަރަށް ގިނަ އިރު ކިއުގައި ވެސް ތިބެންޖެހޭ ބައެއް ފަހަރު. އެކަމަކު، އެ ނިޒާމުގައި އަމިއްލަ މޯބައިލް އިން ވެސް ކުރެވިދާނެ ނޫނީ ވޯޓުލާ މަރުކަޒުގައި ވޯޓިން މެޝިން ބަހައްޓާފައި އެ މެޝިން މެދުވެރިކޮށް ވެސް ކުރެވިދާނެ."

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ މެމްބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ މެމްބަރުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ ވޯޓިންގައި ރާއްޖެއިން އަމަލުކުރަނީ ހަރަދު ބޮޑު ނިޒާމެއް ކަމަށެވެ. ވޯޓުފޮށި ބަހައްޓާ ބޭރުގެ ގައުމުތައް ކުރިއަށް އޮތް ތަނުގައި އިތުރުވުމުގެ ފުރުސަތު އޮތުމުން، ވީހާ ވެސް ހަރަދު ކުޑަކޮށް މިކަން ކުރެވޭނެ ގޮތްތައް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އޭގެ އަނެއް ކޮޅުން، ވީހާ ވެސް ގިނަ ބަޔަކަށް ވޯޓު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އެ ޕާޓީން ވެސް ތާއީދުކުރާ ކަމެއްކަން އިބްރޭ ފާހަގަކުރެއްވި އެވެ.

"އެކަމަކު މިއަށްވުރެ ހަރަދުކުޑަ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް އަޅުގަނޑަށް ފެންނަނީ." އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މީގެ ކުރިން ޕޯސްޓަލް ވޯޓިން ގެންގުޅުނު ކަމަށް އިބްރޭ ވިދާޅުވި އެވެ. އެކަމަކު، ތަފާތު އެކި ސަބަބުތަކާ ހެދި ކަރުދާހުގައި ވޯޓު ލުމަށްފަހު ފޮއްޓަށް ލާ ގޮތަށް ބަދަލުކުރީ އެވެ.

ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ވަގުތާއި ހާލަތަށް ބަލާފައި އެންމެ މުހިއްމީ ރައްޔިތުންގެ އިތުބާރު އޮތް ގޮތަކަށް ވޯޓުލުމެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ޓެކްނޮލޮޖީއާ އެކީގައި ކުރިއެރުންތަކެއް ލިބިފައިވިޔަސް، ރާއްޖޭގައި ދިވެހިން ތިބީ އެ ފަދަ ބަދަލަކަށް ތައްޔާރުވެފައިތޯ ސުވާލު އުފައްދަންޖެހޭ ކަމަށް ވެސް، މަޑުއްވަރީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

"މިކަންކަމަށް ވިސްނައިގެން ކުރިއަށް ދިއުން މުހިއްމު ކަމަށް އަޅުގަނޑު ދެކެނީ. ހާއްސަކޮށް، މިއީ ރިޔާސީ އިންތިހާބަށް ވެފައި، މި އިންތިހާބުގައި ހުރިހާ އެންމެންނަށް ވެސް ވޯޓު ލުމުގެ ހައްގު ލިބުން އެއީ މުހިއްމު ކަމެއް ކަމަށް ދެކެނީ."

މިހާރު ވެސް ސުވާލު އުފެދެނީ ސަރުކާރުގެ ނުފޫޒާ ހެދި އީސީގެ ނަޒާހަތްތެރިކަމާ މެދު ކަމަށާއި އެ ކަންކަމަށް ސުވާލު ނުއުފެދޭ ވަރަށް ބަދަލުވުމުން އިލެކްޓްރޯނިކް ނިޒާމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. މިހާތަނަށް ބަލާފައި އެންމެ ރަނގަޅު ނިޒާމަކީ މިހާރު ގެންދާ ގޮތަށް ވޯޓު ފޮއްޓާއި ވޯޓު ކަރުދާސް ފޮނުވުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.