Roadha Mihaaru
ރީ-ރަޖިސްޓްރޭޝަނަށް ތަރުހީބު ކުޑަވުމުން ކަންބޮޑުވެއްޖެ

ރީ-ރަޖިސްޓްރޭޝަނަށް ތަރުހީބު ކުޑަވުމުން އީސީން ކަންބޮޑުވެއްޖެ

20 ޖުލައި 2023

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ތަރުހީބު ކުޑަވުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކަންބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ތަރުހީބު ކުޑަވުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކަންބޮޑުވެއްޖެ އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް "މިހާރު" އަށް ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރަން މިދިޔަ އާދިއްތަ ދުވަހު ހުޅުވާލިއަސް މިހާތަނަށް ލިބުނީ މަދު ފޯމުތަކެއް ކަމަށެވެ.

އެއީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް އޮންލައިން ޕޯޓަލް، https://form.elections.gov.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނީ މި މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބަށް ރީ-ރަޖިސްޓަރީ ވާން ހުޅުވާލިޔަސް، މާލޭގައި ވޯޓުލުމަށް މީގެ ކުރިން ރަޖިސްޓަރީ ވެފައިވާ މީހުން އަލުން ރަޖިސްޓަރީ ކުރަން ނުޖެހޭނެ އެވެ. އެކަމަކު، މާލެ ފިޔަވައި، ރަށްވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ހުރިހާ މީހުން އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ.

ހަބީބް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަނަށް ދަރުބާރުގޭގައި 14 ކައުންޓަރު ބަހައްޓާފައި ހުއްޓަސް، މާލެ އިން މިހާތަނަށް ލިބުނީ 36 ފޯމު ކަމަށެވެ. ރީ-ރަޖިސްޓްރޭޝަންގެ ފުރަތަމަ ތިން ދުވަހު ރިސޯޓުތަކުން ތިން ފޯމާއި ރަށްރަށުން 88 ފޯމު އަދި ރާއްޖެއިން ބޭރުން ނުވަ ފޯމެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް ހަބީބް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް ހަބީބް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ފުރަތަމަ ތިން ދުވަހު 1،321 ފޯމު ހުށަހެޅި. އޭގެ ތެރެއިން އޮންލައިންކޮށް 1،185 ފޯމު ހުށަހަޅާފައިވޭ. އިންތިހާބަށް ބާކީ 50 ދުވަސް މި އޮތީ. ރީ-ރަޖިސްޓްރޭޝަނަށް ތަރުހީބު ކުޑަވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" ހަބީބް ވިދާޅުވި އެވެ.

ރީ-ރަޖިސްޓްރޭޝަނާ ގުޅޭގޮތުން ރާއްޖެ އިން ބޭރުގައި އުޅޭ ބައެއް މީހުން ޝަކުވާ ކޮށްފައިވެ އެވެ. އޮންލައިންކޮށް ފޯމު ހުށަހަޅާއިރު އެންމެ ފުރަތަމަ ޖަހަން ޖެހެނީ ފޯނު ނަމްބަރެވެ. އެ ޕްރޮސެސް ކުރިއަށް ގެންދާނީ އެ ނަމްބަރަށް ލިބޭ އޯޓީޕީ ޖަހައިގެންނެވެ. ނަމަވެސް، ރާއްޖެ އިން ބޭރުގައި އުޅޭ މީހުންނަށް އޯޓީޕީ ނުލިބޭތީ ޕޯޓަލް އިން ފޯމު ހުށަހަޅަން އުނދަގޫތައް ވަނީ ކުރިމަތިވެފަ އެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓްރޭޝަން ފޯމު ހުށަހަޅަން ބޭނުންވާ ނަމަ ރާއްޖޭގައި ހުރި މީހެއްގެ ފޯނު ނަމްބަރު ޖަހައިގެން އެ ޕްރޮސެސް ފުރިހަމަ ކުރެވޭނެ އެވެ.

އެކަމަކު، އެއިން އެއްވެސް ގޮތެއް ފަހިވާން ނެތް ނަމަ އެ ގައުމެއްގައި ހުންނަ އެމްބަސީ ނުވަތަ ކޮންސިއުލޭޓަށް ފޯމު ހުށަހަޅައިގެން ރީ-ރަޖިސްޓްރީ ކުރެވެ އެވެ.

ހަބީބް ވިދާޅުވީ މި އިންތިހާބުގެ ކަންކަން ވީހާ ވެސް ދެފުށް ފެންނަ ގޮތެއްގައި ކުރުމަށް، ރީ-ރަޖިސްޓްރީ ވާ މީހުންގެ މައުލޫމާތު އެ ކޮމިޝަންގެ ވެބްސައިޓުގައި އާއްމުކުރާނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް ޕާޓީތަކާ ވެސް ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހަފުތާ ތެރޭގައި ކޮމިޝަންގެ ވެބްސައިޓުގައި އާއްމުކުރަން ފަށާނެ ރީ-ރަޖިސްޓްރީ ވާ މީހުންގެ މައުލޫމާތު. އޭރުން އެ މީހާއަށް އެނގޭނެ. އެކަމަކު، އެ ލިސްޓަށް ޝަކުވާ ކުރެވޭނީ އެކަމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި." ހަބީބް ވިދާޅުވި އެވެ.