Roadha Mihaaru
މަހްމޫދު އައްބާސް ޖެނީން އަށް

މަހްމޫދު އައްބާސް ޖެނީން އަށް

13 ޖުލައި 2023

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން އަރައި 48 ގަޑިއިރު ވަންދެން ހިންގި އަސްކަރީ ހަރަކާތްތަކުގައި ފުނޑުފުނޑުކޮށްލާފައި އޮތް، ހުޅަނގު އައްސޭރީގެ ޖެނީން ފޭލިގެ އަވަށަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އިއްޔެ ޒިޔާރަތް ކުރައްވައިފި އެވެ.

އިޒްރޭލުގެ އިސްތިއުމާރީ ސިފައިން އަރައި 48 ގަޑިއިރު ވަންދެން ހިންގި އަސްކަރީ ހަރަކާތްތަކުގައި ފުނޑުފުނޑުކޮށްލާފައި އޮތް، ހުޅަނގު އައްސޭރީގެ ޖެނީން ފޭލިގެ އަވަށަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އިއްޔެ ޒިޔާރަތް ކުރައްވައިފި އެވެ.

އިސްތިއުމާރީ ސިފައިން ޖެނީން ތަޅައިލިތާ ހަފުތާއެއް ފަހުން، ރައީސް އައްބާސް ޖެނީނަށް މިވަޑައިގަތީ، ޖެނީންގެ އާންމު ރައްޔިތުންގެ ހާލުއަހުވާލު އޮޅުންފިލުއްވައި، ޖެނީން އަލުން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވަލެއްވުމަށެވެ. މަހުމޫދު އައްބާސް ޖެނީނަށް މިވަޑައިގަތީ، އިޒްރޭލުގެ އުދުވާނުގައި ޝަހީދުވި ފަލަސްތީނުގެ ޒުވާނުންގެ ޖަނާޒާގައި ބައިވެރިވުމަށް ދިޔަ ފަލަސްތީނު ސަރުކާރުގެ އިސް އޮފިޝަލުންތަކެއް، ޖަނާޒާގައި ބައިވެރިނުކޮށް ފޮނުވައިލިތާ ދެތިން ދުވަސް ފަހުންނެވެ.

ފަލަސްތީނު ސަރުކާރުގެ އޮފިޝަލުން ޖަނާޒާގައި ބައިވެރިވުމަށް ޖެނީންގެ ރައްޔިތުން ހުރަސްއެޅީ، އިޒްރޭލު ސިފައިންގެ އުދުވާނީ ހަމަލާތައް ހުއްޓުވުމަށް ފަލަސްތީނު ސަރުކާރުން އެއްވެސް ކަމެއް ނުކުރާތީ އެކަމުގެ ރުޅީގަ އެވެ. ޖެނީންގެ ރައްޔިތުން ރުޅި ގަދަވެފައި ތިބުމާ ގުޅިގެން، ރައީސް އައްބާސް އެ އަވަށަށް ވަޑައިގަތީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާ އެކުގަ އެވެ.

ޖެނީންގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް އައްބާސް ވިދާޅުވީ ޖެނީންގެ ހިތްވަރުގަދަ ބަތަލުން އިސްތިއުމާރީންގެ އަޅުވެތިކަމާ ދެކޮޅަށް ވަރަށް ސާބިތުކަމާ އެކު ތެދުވެ ތިބި ކަމަށެވެ. އަދި އަމިއްލަ ވަޒަނުގެ ދިފާއުގައި ޖެނީންގެ ރައްޔިތުން އެމީހުންގެ ހުރިހާ އެއްޗެއް ގުރުބާންކޮށްފައިވާ ކަމަށާއި، އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހަލާކުވި ގެދޮރު އަލުން އިމާރާތް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވެރިކަންކުރާ ފަތަހް ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ނިޟާލް ވިދާޅުވި ގޮތުގައި ރައީސް އައްބާސް ޖެނީނަށް ވަޑައިގަތީ، ޖެނީންގެ ރައްޔިތުން އިޒްރޭލުގެ އިސްތިއުމާރާ ދެކޮޅަށް ކުރަމުންދާ ހިތްވަރުގައި ފަލަސްތީނު ސަރުކާރާއި ރައްޔިތުން ބައިވެރިވާކަން ސާބިތުކޮށްދެއްވުމުގެ ގޮތުންނެވެ.

ނަމަވެސް ޖެނީން ރައްޔިތުންގެ ވިސްނުން މުޅިން ތަފާތެވެ. އެމީހުން އުފައްދާ ސުވާލަކީ އިޒްރޭލު ސިފައިން ދެ ދުވަސް ވަންދެން ވަރުގަދަ އުދުވާނެއް ހިންގި އިރު ފަލަސްތީނުގެ ރައީސް ވީ ކޮން ތަނަކުތޯ އެވެ؟

"ހަމައެކަނި މިދަނޑިވަޅަކު ނޫން، ހުރިހާ ވަގުތެއްގައި ހުރިހާ ހާލަތެއްގައި ވެސް އަހަރެމެންނާ އެކުގައި ހުންނެވުން އަހަރެމެން އެދެނީ. އިޒްރޭލު ސިފައިން މިތަނަށް އަރައިގެން އުޅުނު އިރު އޭނާ ކޮބާ؟ އަހަރެމެން އަމިއްލަ އަށް ނަފްސު ދިފާއުކުރަން ޖައްސާފައި އޭނާ ހުރީ ކޮންތަނެއްގައި؟ އަހަރެމެންގެ ދަރިން ގެއްލިއްޖެ. އެތައް ބަޔަކު ޝަހީދުވެއްޖެ. އެތައް ބަޔަކު އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފި،" ޖެނީން އަވަށުގެ ރައްޔިތެއް ކަމަށްވާ ސާއިދާ، އަލް ޖަޒީރާ އަށް އޭނާގެ ޝަކުވާތައް ބަންޑުންކޮށްލި އެވެ.

އަނެއް ބަޔަކު ބުނި ގޮތުގައި ރައީސް އައްބާސްގެ ވާހަކަތައް އަޑުއެހުމަށް ވެސް އަދި އޭނާ އަށް މަރުހަބާ ކިޔުމަށް ވެސް ނުގޮސް ގޭގައި ތިބީ، އައްބާސްގެ އެ ޒިޔާރަތުން ހާސިލުވާނެ އެއްވެސް ކަމެއް ނެތުމުންނެވެ. އިއްޔެ ވެސް އަދި އޭގެ ކުރިން ވެސް އެމީހުން ތިބީ އިޒްރޭލު ސިފައިން ހަލާކުކުރި ގެތަކުގައި ކަމަށާއި، މަހްމޫދު އައްބާސް އައީ ހަމައެކަނި ފޮޓޯއެއް ނެގުމުގެ ބޭނުމުގައި ކަމަށް އެމީހުން ބުނެ އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން، 48 ގަޑިއިރު ވަންދެން އިޒްރޭލު ސިފައިން ޖެނީންގައި ހިންގި އަސްކަރީ އުދުވާނީ އަމަލުތަކުގައި ފަލަސްތީނުގެ 12 މީހުން ޝަހީދުވެ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. އެތައް ގެއެއް ހަލާކުކޮށްލައި އެތައް ފިހާރައެއް ސުންނާފަތިކުރުމާ އެކު، ޖެނީންގެ 3000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދިޔަ އެވެ.