Roadha Mihaaru
ރަނިން މޭޓަށް އެކި ނަންތައް އެބަ އާދޭ: ރައީސް

ރަނިން މޭޓަށް އެކި ނަންތައް އެބަ އާދޭ، މަޝްވަރާ ދަނީ ކުރަމުން: ރައީސް

17 ޖުލައި 2023

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭނު ކުރައްވަމުން ގެންދަވާއިރު، ރަނިން މޭޓަކަށް އެކި ބޭފުޅުންގެ ނަންތައް އަންނަމުންދާ ކަމަށާއި، އެކަމުގެ މަޝްވަރާތައް ޕާޓީގެ އިސް ބޭފުޅުންނާއެކު ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު ވ. ފުލިދޫ އާސިމާ ނިޒާރު

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭނު ކުރައްވަމުން ގެންދަވާއިރު، ރަނިން މޭޓަކަށް އެކި ބޭފުޅުންގެ ނަންތައް އަންނަމުންދާ ކަމަށާއި، އެކަމުގެ މަޝްވަރާތައް ޕާޓީގެ އިސް ބޭފުޅުންނާއެކު ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ވާވު އަދި މީމު އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ. ފުލިދޫގައި ނޫސްވެރިންނަށް ރައީސާ ބައްދަލުވި ވަގުތުކޮޅެއްގައި ރަނިން މޭޓެއް ކަނޑައެޅުއްވުމާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން، އެމަނިކުފާނު ވިދާޅުވީ އެއީ "އުނދަގޫ" ނިންމުމަކަށް ވެފައިވާ ކަމަށެވެ.

"އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ،" ރައީސް ވިދާޅުވި އެވެ.

މި އިންތިޚާބުގައި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ކޯލިޝަނަކުން ވާދަކުރައްވާއިރު، އެ ކޯލިޝަނުގެ ތެރެއިން ރަނިން މޭޓެއް ކަނޑައެޅުއްވުމުގެ ފުރުސަތު ވެސް އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދެހާސްއަށާރަ ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ފައިސަލް ނަސީމް އާއެކު ނުކުންނަވައިގެންނެވެ. އެކަމަކު މި އިންތިޚާބުގައި ރައީސާއެކު ކޯލިޝަން ނުހަދައި، ޖޭޕީން ނިންމާފައިވަނީ ވަކިން ވާދަކުރުމަށެވެ. މިގޮތުން، ޖޭޕީގެ ރިޔާސީ ޓިކެޓު ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަރުވައިފަ އެވެ.

މި އިންތިޚާބުގައި ރައީސްގެ ރަނިން މޭޓެއް އަދި ކަނޑައަޅާފައިނުވާއިރު، އެމްޑީޕީގެ ތެރެއިން އިސް ބައެއް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމުގެ އަޑުތައް ދަނީ އިވެމުންނެވެ.