Roadha Mihaaru
ރަނިން މޭޓަކަށް ފައިސަލްއާއެކު ނަންތަކެއް އެބަހުރި

ރަނިން މޭޓަކަށް ނަންތަކެއް އެބަހުރި, ފައިސަލް ވެސް ވެދާނެ: ރައީސް

02 އޯގަސްޓް 2023

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ދެ ދުވަހެއްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވާނެ ކަމަށާއި ރަނިން މޭޓަކަށް، މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް، އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ދެ ދުވަހެއްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވާނެ ކަމަށާއި ރަނިން މޭޓަކަށް، މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް، އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. އަދި ށ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މީޑިއާތަކާ ވާހަކަފުޅުދައްކަވަމުން، "މިހާރު"ން ކުރި ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ މާލެ ވަޑައިގަތުމަށްފަހު މިރޭ ނުވަތަ މާދަމާ ރަނިންމޭޓަކާ މެދު ގޮތެއް ކަނޑައަޅުއްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ބަލަނީ ބުރާސްފަތި ނޫނީ ހުކުރު ދުވަހު އަޅުގަނޑުގެ ފޯމު ސަބްމިޓްކުރެވޭތޯ. ވެދާނެ [ރަނިން މޭޓަކަށް އާ ބޭފުޅަކަށް ވުމުގެ ފުރުސަތު]. އަދި އަޅުގަނޑު ފައިނަލް ޑިސިޝަނެއް ނުނަގަން. އަޅުގަނޑު އަތުގައި އެބަހުރި ނަންތަކެއް. އަޅުގަނޑު އެކަން ނިންމާނީ، އަޅުގަނޑުމެން އެންމެންގެ ތެރޭގައި މަޝްވަރާކުރުމަށް ފަހު. [މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް] ފެނުމުގެ ފުރުސަތު އެބައޮތް. އެ ވެސް އެބައޮތް. އާ ބޭފުޅުން ވެސް އެބަތިއްބެވި." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކޯލިޝަނަކާ އެކު ކުރިއަށްދާތީ އެ ޕާޓީތަކުގެ މަޝްވަރާތައް ވެސް އޮންނާނެ ކަމަށެވެ. އެމްޑީޕީ އަދި އަދާލަތު ޕާޓީ އާއި އެމްޑީއޭއާ ވާހަކަ ދެއްކުމަށްފަހު، މިރޭ މާލެ ވަޑައިގެން، އެންމެ ފަހުގެ ބައްދަލުވުން ބޭއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.

"އީސީއަށް ހުށަހެޅުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި އަޅުގަނޑަށް ޖަވާބެއް ގާނޫނީ ގޮތުން ލިބޭނެ. ހަތް ވަނަ ދުވަސް މިއީ އެންމެ ފަހު ދުވަސް ކަމަށް ވާތީ، އެއްވެސް އިޝޫއެއް އޭގައި އުޅޭ ކަމަށް ވަންޏާ އެ ބަދަލުކޮށްފައި ހުށަހެޅުމަށް ޖާގައެއް ބޭއްވުމުގެ ގޮތުން އިރާދަކުރެއްވިއްޔާ ހުކުރު ދުވަހު އަޅުގަނޑު މި ގަސްތުކުރަނީ ރަނިން މޭޓަކާއެކު ފޯމު ހުށަހަޅަން."

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރުމަށް، އަންނަ ހޯމަ ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ. އެ އިންތިހާބަށް ފަސް ވަރަކަށް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވިޔަސް، މިހާތަނަށް ފޯމު ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ. ނަމަވެސް، ޖަލު ހުކުމެއް ތަންފީޒުކުރައްވާތީ އެ މަނިކުފާނުގެ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.