Roadha Mihaaru
މޮނޮރެއިލް އަޅާފައި ދައްކާނަން: ނާޒިމް

މާލެ އާއި ހުޅުމާލެއާ ދެމެދު ފަސް އަހަރުން މޮނޮރެއިލް އަޅާފައި ދައްކާނަން: ނާޒިމް

18 ޖުލައި 2023

މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ މާލެ އާއި ހުޅުމާލެއާ ދެމެދު މޮނޮރެއިލެއް އަޅައި އެ ކަން ދައްކަވާނެ ކަމުގެ ޔަގީންކަން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ދެއްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ މާލެ އާއި ހުޅުމާލެއާ ދެމެދު މޮނޮރެއިލެއް އަޅައި އެ ކަން ދައްކަވާނެ ކަމުގެ ޔަގީންކަން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ރޭ ދެއްވައިފި އެވެ.

ސަލްޓަން ޕާކްގައި ބައެއް ޒުވާނުންނާ އެކު ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ، ސިނަމާލެ ބްރިޖް ހެދި އަގަށް ވުރެ މާ ހެޔޮކޮށް މާލެ އާއި ހުޅުމާލެއާ ދެމެދު މޮނޮރެއިލް އެޅޭނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ބްރިޖްގެ މަސައްކަތަށް ހޭދަކޮށްފައި ވަނީ 200 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. ޗައިނާގެ ލޯނުގެ އަދަދަކީ 72 މިލިއަން ޑޮލަރެވެ. ދިވެހި ސަރުކާރުން އެ މަޝްރޫއަށް ހަރަދުކުރީ 12 މިލިއަން ޑޮލަރެވެ.

ނާޒިމް ވިދާޅުވިގޮތުގައި، މޮނޮރެއިލެއް އެޅުމަކީ "ވަރަށް ފީޒިބަލް" ކަމެކެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ފުރަތަމަ ބްރިޖުގެ ކުރެހުން ކުރެހިއިރު މީގެ މޮނޮރެއިލް އަޅާފައި އޮންނާނެ،" ސިނަމާލެ ބްރިޖް ހެދުމާ ގުޅޭ ބައެއް މަޝްވަރާތަކުގައި އޭރުގެ ރައީސް ޔާމީންގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލެ އިން ހުޅުމާލެ އަށް ދާން މިހާރު 40 މިނިޓް ހޭދަވާ ކަމަށާއި މާލެ އާއި ހުޅުމާލޭގެ އާބާދީ އެތައް ހާހަކަށް މަތިވެފައި ވާއިރު ބްރިޖަށް ބާރު ބޮޑުވެފައިވާ ކަމަށެވެ.

"އެކަމަކު މިފަދަ ޓްރެއިންއަކުން ގުޅުވާލީމާ ކާކުތޯ ކޮންމެހެން ކާރުގައި ދާން ބޭނުންވާނީ. ކޮންޖެސްޝަން ފިލީއޭ. ކުރެވޭނެ،" ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

އެކި ކަހަލަ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ނާޒިމް ވިދާޅުވީ، މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖު އަޅަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއުލާން ކުރެއްވުމުން ވެސް އެއީ "ކޮސް ވާހަކައެއް" ކަމަށް ބުނެ ބައެއް ސިޔާސީ މީހުން ވާހަކަ ދެއްކި ކަމަށެވެ. އެކަމަކު، މިއަދު އެކަން ވެސް ކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބްރިޖުގެ އަރިމަތިން ލާފައި މޮނޮޓްރެއިންއެއް މޮނޮރެއިލެއް ދިއުމަކީ އެއްވެސް ކަމެއް ނޫން. ހަމަ އާދައިގެ ކަމެއް. އެ ކަމަށް ބޭނުންވާނެ ފައިސާ ވެސް ލިބޭނެ،" ނާޒިމް ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ސިނަމާލެ ބްރިޖް ހަދަން ފައިސާ ހޭދަކުރި ގޮތެވެ. ވިދާޅުވީ، ބްރިޖް ހަދާފައި ވަނީ ޗައިނާ ސަރުކާރުން ރާއްޖެ އަށް ކޮންމެ އަހަރަކު ދޭ ހިލޭ އެހީގެ ފައިސާ ތިން އަހަރަށް އެއްކޮށް ނަގައިގެން ކަމަށެވެ.

"ތިން އަހަރުގެ އެހީ [ޗައިނާ ސަރުކާރުގެ ހިލޭ އެހީ] އޭރުގައި ހުރި ރައީސުލްޖުމްހޫރިއްޔާ [ޔާމީން] ނެންގެވީ. ވިދާޅުވީ ތިމަންނަ އަށް ހެވޭ މި ތިން އަހަރު ޗައިނާ ސަރުކާރުން އެއްވެސް ކަމެއް ނުކޮށްދެއްވިޔަސް. ތިމަންނަ އަށް މި ބްރިޖު އަޅައިދޭށޭ. އަޅުގަނޑު ރައީސްގެ އަރިހުގައި އިނީމާ [އެކަން] އެނގެނީ،" ނާޒިމް ވިދާޅުވި އެވެ.

ބްރިޖުގެ އަރިމަތިން ލާފައި މޮނޮޓްރެއިންއެއް މޮނޮރެއިލެއް ދިއުމަކީ އެއްވެސް ކަމެއް ނޫން. ހަމަ އާދައިގެ ކަމެއް. އެ ކަމަށް ބޭނުންވާނެ ފައިސާ ވެސް ލިބޭނެ،"--- ނާޒިމް

"އެހެންވީމާ އަޅުގަނޑުމެންނަށް ހިލޭ އެހީގެ ބަޔަކާއި ފައިސާ ދީގެން [މޮނޮރެއިލް] އެޅޭނެ. އެ އަށް ވުރެ މާ ހަރަދު ކުޑަ ވާހަކައެއް މި ދައްކަނީ. މި ބްރިޖަށް ވުރެ މި މޮނޮރޮއިލް މާ އަގު ހެޔޮވާނެ."

ނާޒިމް ވިދާޅުވީ، ސިނަމާލެ ބްރިޖް ހަދަން ރޭވީ ހަ ލޭނަށް ކަމަށާއި އެއާ އެކު މޮނޮރެއިލެއް ވެސް ހިމެނި ކަމަށެވެ. އެކަމަކު، ޔާމީންގެ ސަރުކާރުން އެކަން ނުކުރީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލަންވީ ނުކުރެވޭނެއޭ ކިޔުމެއް ނޫން. ކުރެވޭނެ. ކުރާނަން. އެހެންވީމާ އިރާދަކުރެއްވިއްޔާ ޔަގީން ކުރައްވާ. ފަސް އަހަރުގެ ތެރޭގައި އެ މޮނޮރެއިލް އަޅާފައި އަޅުގަނޑުމެން ދައްކާނަން،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބްރިޖުގައި ދަތުރުކުރަން އިތުރު ލޭނުލައި ފުޅާކުރަން ޖެހޭ ކަމަށާއި ބްރިޖުގެ މަސައްކަތުގައި އުޅުނު ދިވެހި ބައެއް އިންޖިނިއަރުންނާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ލޭނުތައް އިތުރު ކުރެވޭނެ ކަމަށް ކެރިގެން ވިދާޅުވާން މިހާރު ކެރިވަޑައިނުގަތަސް ނާޒިމް ވިދާޅުވިގޮތުގައި މާލެ އާއި ހުޅުމާލެއާ ދެމެދު މޮނޮރެއިލް އެޅޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެ އިންޖިނިއަރުން ވަނީ ދީފަ އެވެ.