Roadha Mihaaru
ސިނަމާލެ ބްރިޖުގެ ގޭޓުން ދަބަރު ފިލުވަނީ

ސިނަމާލެ ބްރިޖުގެ ގޭޓުން ދަބަރު ފިލުވަނީ

05 ސެޕްޓެމްބަރ 2021

ސިނަމާލެ ބްރިޖުގެ ގޭޓްގައި ޖަހާފައިވާ ދަބަރު ފިލުވައި، ދަވާދުލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސިނަމާލެ ބްރިޖުގެ ގޭޓްގައި ޖަހާފައިވާ ދަބަރު ފިލުވައި، ދަވާދުލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ބްރިޖު މަރާމާތުކޮށް، ބެލެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ބްރިޖުގެ ޑެކަރޭޓިވް ޓަވަރާއި އާކް ގޭޓުން ދަބަރު ފިލުވައި، ދަވާދުލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސިނަމާލެ ބްރިޖުގެ މައި ދޮރާށީގައި ދަބަރު ފޮޅިފައި ހުންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެ އެވެ. ބްރިޖު ބެލެހެއްޓުމުގެ މަސައްކަތް ރަނގަޅަށް ނުކުރާ ކަމަށް ބުނެ، އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ވެސް މިކަމާ ގުޅިގެން އަމާޒުވެފައިވެ އެވެ.

ސިނަމާލެ ބްރިޖުގެ މައި ދޮރޯށީގައި ދަބަރު ފޮޅި، މާލޭގެ މޫނުމަތި ހަޑިވެފައި--. ފޮޓޯ: ނިޝާން އަލީ/މިހާރު

ސިނަމާލެ ބްރިޖުގެ މައި ދޮރޯށީގައި ދަބަރު ފޮޅި، މާލޭގެ މޫނުމަތި ހަޑިވެފައި--. ފޮޓޯ: ނިޝާން އަލީ/މިހާރު

މީގެ ކުރިން ވެސް ވަނީ ބްރިޖުގެ ދެ ފަރާތާއި މެދުގައި ޖަހާފައިވާ ދަގަނޑުތަކުގައި ދަބަރު ޖަހާތީ އާ މެޓީރިއަލެއް ބޭނުންކޮށްގެން ދަބަރު ނުޖަހާގޮތް ހަދައިފަ އެވެ. ނަމަވެސް މައި ދޮރާށީގައި ހުރި ދަނގަޑުތަކަށް އެއްވެސް ބަދަލެއް އޭރު ގެނެސްފައެއް ނުވެ އެވެ.

އޮގަސްޓް 30، 2018 ގައި ހުޅުވި ސިނަމާލެ ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ. މި ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެ އެވެ.