Roadha Mihaaru
އެޕަލް އަށް އިންޑިއާ މުހިންމުވާން ވެއްޖެ

އެޕަލް އަށް އިންޑިއާ މުހިންމުވާން ވެއްޖެ

31 ޖެނުއަރީ 2017

އެޕަލް އަށް އިންޑިއާ މުހިންމު ވެއްޖެ އެވެ. އެެއީ އާބާދީ ބޮޑު ގައުމެކެވެ. އައިފޯނު ވިޔަފާރި އިންޑިއާގައި ރަނގަޅުކުރެވިއްޖެ ނަމަ، ކުރިމަތިވަމުން އަންނަ ބިރުވެރިކަމުން އެޕަލް ސަލާމަތްވީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އަށް އިންޑިއާ މުހިންމު ވެއްޖެ އެވެ. އެެއީ އާބާދީ ބޮޑު ގައުމެކެވެ. އައިފޯނު ވިޔަފާރި އިންޑިއާގައި ރަނގަޅުކުރެވިއްޖެ ނަމަ، ކުރިމަތިވަމުން އަންނަ ބިރުވެރިކަމުން އެޕަލް ސަލާމަތްވީ އެވެ.

އައިފޯނު ވަނީ ޗައިނާގައި ރަސްކަންކޮށްފަ އެވެ. އެންމެ ގިނައިން ވިކުނު ފޯނުގެ ގޮތުގައި ޖެހިޖެހިގެން އައިފޯނު ވަނީ ފަސް އަހަރު ކުރި ހޯދާފަ އެވެ. އެހެނެއް ކަމަކު، އައިފޯނު ވަރު ފޯނެއް ނެތް ކަމަށް ޗައިނާ މީހުން ބެލި ޒަމާން މިހާރު ހިނގައްޖެ އެވެ.

ވޭތުވެ ދިއަ އަހަރު އެޕަލް އަށް ޗައިގާނައި ރަނގަޅަކަށް ނުކުޅެވުނެވެ. ވާދަވެރި ކުންފުނިތަކުގެ ސަބަބުންނެވެ. މި ވާހަކަތައް ވަނީ އެތައް ފަހަރަކު ދައްކާފަ އެވެ. ވާދަވެރިންގެ ފޯނުގައި ހުރި ފަސޭހަތައް އައިފޯނަށް ގެނެސްގެން ނޫން ގޮތަކަށް ސަލާމަތްނުވާނެ ވާހަކަ އެވެ.

ސްމާޓްފޯނު މާކެޓްގައި މިހާރު އެންމެ ބާރަށް ހިނގަނީ މެދު ފަންތީގެ ފޯނުތަކެކެވެ. އެޕަލް އަށް އަދި އެ ފުރުސަތެއް ނެތެވެ. ބޭނުންކުރާ މީހުންގެ ތަރުހީބު ހޯދުމަށްޓަކައި، ރެކެވެން ނެތް ފީޗާތައް އައިފޯނުގައި ހިމަނަން ވެއްޖެ އެވެ. މިސާލަކަށް، "ފާސްޓް ޗާޖިން" އެވެ. މެދު ފަންތީގެ އައިފޯނުތަކުގެ ފަހަތުގައި ދެ ކެމެރާ އަދި "އެމޯލެޑް" ސްކްރީނަކީ މިހާރު ކޮންމެހެން ވެސް އައިފޯނަށް އަންނަން ވެއްޖެ ފީޗާއެކެވެ.

އިންޑިޔާއާ ޚިލާފަށް ސްމާޓްފޯނު އުފައްދާ އަމިއްލަ ކުންފުނިތައް ޗައިނާގައި ގިނަ އެވެ. ހުސްވި އަހަރު އެންމެ ގިނަ ފޯނު ވިއްކި ޗައިނާ ކުންފުންޏަކީ އޮޕޯ އެވެ. ވީވޯ ދެ ވަނަ އަދި ތިން ވަނަ އަށް އެންމެ ގިނަ ފޯނު ވިއްކީ ވާވޭ އެވެ. އެޕަލް އާއި ޝޯމީ މާކެޓް ޝެއާ ވަނީ ދާދި އެއް ހަމައަކަށް ވެއްޓިފަ އެވެ.

އެޕަލް އަށް އިންޑިއާ މުހިންމު ވަނީ މި ބުނި ސަބަބުތަކާ ހެދި އެވެ. އެހެން ނަމަވެސް އިންޑިއާގައި އެޕަލް އަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އައިފޯނުގެ އަގެވެ. އެހެންކަމުން ސްމާޓްފޯނު މާކެޓްގައި އެޕަލުން ކުޅެމުން އައި ވައްޓަފާޅި ބަދަލުކޮށް ދަރަޖަތަކަކަށް ޚިދުމަތްދޭން ވިސްނަން ވަނީ ޖެހިފަ އެވެ.