Roadha Mihaaru
އެޕަލް އަށް އިންޑިއާ ވަރަށް ބީރައްޓެހި

އެޕަލް އަށް އިންޑިއާ ވަރަށް ބީރައްޓެހި

17 ޖުލައި 2018

ޗައިނާ މާކެޓް އެޕަލް އަށް ފަހިވެފައި އޮތްއިރު، އެ ދުވަސް ގެއްލިދާނެ ކަމަކަށް އެޕަލް ހިއެއްނުކުރެ އެވެ. ނަމަވެސް، ވާވޭ، އޮޕޯ އަދި ޝޯމީ ފަދަ ޗައިނާ އަށް އުފަން ސްމާޓްފޯން ކުންފުނިތަކުން މާކެޓަށް ވަދެގަނެ ވަނީ އެޕަލް މަތަކޮށްފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޗައިނާ މާކެޓް އެޕަލް އަށް ފަހިވެފައި އޮތްއިރު، އެ ދުވަސް ގެއްލިދާނެ ކަމަކަށް އެޕަލް ހިއެއްނުކުރެ އެވެ. ނަމަވެސް، ވާވޭ، އޮޕޯ އަދި ޝޯމީ ފަދަ ޗައިނާ އަށް އުފަން ސްމާޓްފޯން ކުންފުނިތަކުން މާކެޓަށް ވަދެގަނެ ވަނީ އެޕަލް މަތަކޮށްފަ އެވެ.

ޗައިނާގައި އެޕަލް އަށް ތަރުހީބު ކުޑަވުމާ އެކު އިންޑިއާ އަށް އެޕަލް މިސްރާބުޖެހި އެވެ. ނަމަވެސް، އެޕަލް ހީކުރި ކަހަލަ މާކެޓަކަށް އިންޑިއާ ވެސް ނުވި އެވެ. އައިފޯނު ވިޔަފާރި ވައިގައި ހިފައި، ތަކުލީފުކުޑަވާތީ ނުފެނެ އެވެ.

އެޕަލް އަށް ދުނިޔޭގެ މާކެޓުން ތަޖުރިބާކުރަން ޖެހިފައި އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ، އެ ހިސާބެއްގެ އާބާދީ އަށް ކެތްކުރެވޭ ވަރަށް އައިފޯނުތަކުގެ އަގުހެޔޮނުކުރެވުމެވެ. އިންޑިއާގައި ޝޯމީ ވެފައި ވަނީ ގައުމީ ސްމާޓްފޯން ކުންފުންޏަށެވެ. ވާވޭ އަދި ސެމްސަންގް ވެސް އަންނަނީ އިންޑިއާ އަށް އަމާޒުކޮށް، އާ މޮޑެލްތައް އުފައްދައި، ދެއިރު ދަޅަ އަށް އަދި އިންތިހާ އަށް ހެޔޮ އަގުގައި ވިއްކަމުންނެވެ.

އައިފޯނުތައް ވިއްކާ އަގު ހެޔޮކުރުމަށް އެޕަލް ވަނީ އިންޑިއާގައި ފެކްޓަރީ ވެސް ބިނާކޮށްފަ އެވެ. މިއީ ޝޯމީ އަދި ސެމްސަންގް ވެސް ގެންގުޅޭ އުކުޅެކެވެ. ނަމަވެސް، ވާދަވެރިންނާ އެއް ހަމައަކުން ފޯނުތައް އަގުހެޔޮކުރުމަށް އެޕަލް އޮތް އެންމެ ބޮޑު ހުރަހަކީ، އައިފޯނަށް ބޭނުންވާ ގިނަ ބައިތައް، ކޮންމެވެސް އެހެން ބަޔަކު ލައްވައި، ކޮންޓްރެކްޓަށް އުފައްދަންޖެހުމެވެ. މިއީ އަމިއްލަ އަށް އުފައްދާ ނަމަ ހޭދަކުރަން ނުޖެހޭނެ ޚަރަދަކެވެ.

އިންޑިއާގައި އިންވެސްޓްކުރިއިރު އެޕަލް އަށް ހީވެފައި އޮތީ އަހަރަކަށް ވުރެ އަހަރެއް ފައިދާ އިތުރުވާނެ ކަމަށެވެ. ނަމަވެސް، ފާއިތުވި އަހަރާ ބަލާއިރު، މިއީ އެޕަލް އަށް ފާގަތި އަހަރަކަށް އަދި ނުވެ އެވެ. މިދިއަ އަހަރުގެ ފުރަތަމަ ކޮޅުގައި ވިކުނު އަދަދަށް ވުރެ މި އަހަރުގެ ހަމަ އެ މުއްދަތުގައި ވިކުނު އަދަދު ވަނީ ދަށްވެފަ އެވެ. މިއީ ކުރިން އަންދާޒާކުރި ގޮތާ މުޅިން ޚިލާފު ނަތީޖާއެކެވެ.

އެޕަލް އަށް އިންޑިއާ އިން މި ވަގުތު ދިމާވެފައި އޮތް އަނެއް ހިތާމަ އަކީ، އެޕަލް އިންޑިއާ ކުންފުނީގައި ވަރަށް އިސްކޮށް މަސައްކަތްކުރި ތިން އޮފިޝަލަކު، އެޕަލް ދޫކޮށް ދިއުމެވެ. މިކަން ވުމަށް މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އެހެން ނަމަވެސް، ކުންފުނިން ހުސްވި ޖާގަ ފުރަން ކުރަން ހުރީ ވެސް ބޮލުގައި ރިހޭ ޒާތުގެ މަސައްކަތްތަކެކެވެ.