Roadha Mihaaru
ރައީސް ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓް ހިމެނޭ ހުރަވަޅި ރިސޯޓް، ރައީސް ހުޅުއްވައިދެއްވައިފި

30 ޖެނުއަރީ 2017

ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް ގާއިމްކޮށްފައިވާ ޅ. ހުރަވަޅި އައިލެންޑް ރިސޯޓް، ރައީސް އަބްދުﷲ ޔާމީން މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް ގާއިމްކޮށްފައިވާ ޅ. ހުރަވަޅި އައިލެންޑް ރިސޯޓް، ރައީސް އަބްދުﷲ ޔާމީން މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުންޏެއް ކަމަށްވާ ޗަމްޕާލާސް ހޯލްޑިންގްސް އިން ތަރައްގީ ކޮށްފައިވާ ހުރަވަޅި ރިސޯޓް މިދިޔަ މަހު 1 ގައި ވަނީ ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ. އެ ރިސޯޓް ހުޅުވުން ފާހަގަކުރުމަށް، 50 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ލިބޭ އޮފާއެއް ވެސް ތައާރަފްކޮށްފައިވެ އެވެ.

ހުރަވަޅި ރިސޯޓްގެ އެންމެ ހާއްސަ ކަމަކީ ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓް މި ރަށުގައި ގާއިމްކޮށްފައިވުމެވެ. "5.8 އަންޑަސީ"ގެ ނަން ދީފައިވާ މި ރެސްޓޯރަންޓުގައި 24 މީހުންނަށް ތިބެވޭއިރު، މުޅިން ވެސް ހުންނަނީ ދެ މީހުންނަށް ތިބެވޭ ގޮތަށް ގޮނޑި އަތުރާފައިވާ މޭޒުތަކެވެ. އެއީ ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމާއި ރީތިކަން ބަލަމުން، ވީހާ ވެސް އެކަހެރި މާހައުލެއްގައި މީރު ކެއުމަކަށް އިންސާފް ކުރުމުގެ ފުރުސަތު ދިނުމަށެވެ.

ހުރަވަޅި ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓް.--ފޮޓޯ:ހުރަވަޅި ރިސޯޓް

ހުރަވަޅި ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓް.--ފޮޓޯ:ހުރަވަޅި ރިސޯޓް

ގާތްގަނޑަކަށް 5.8 މީޓަރު އަޑީގައި ގާއިމްކޮށްފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ. އެ އަށް ފަހު ރައީސް އާއި ރައީސްގެ އަނބިކަނބަލުންނާއި މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން މި ރެސްޓޯރަންޓްގައި ރޭގަނޑުގެ ފަރިއްކޮޅަށް އިންސާފުކުރެއްވި އެވެ.

ހުރަވަޅި ރިސޯޓާއި ކަނޑުއަޑީގެ ރެސްޓޯރަންޓް ހުޅުވުމަށް އެ ރިސޯޓުގައި މިރޭ ބޭއްވި ހަފްލާގައި އުއްޗު ވިދާޅުވީ އެ ހިޔާލް ލިބިވަޑައިގަތީ ރާއްޖޭގައި ފުރަތަމަ ހުޅުވި އަދި ދުނިޔޭގެ ވެސް އެންމެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި ގާއިމްކުރުމުން ކަމަށެވެ. އެހެންކަމުން، އެ އަށް ވުރެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރަންޓެއް ހެދުމަށް ހިޔާލުކުރެއްވި ކަމަށް ވިދާޅުވި އެވެ.

މި މަސައްކަތުގައި އެންމެ ބޮޑު ހިތްވަރެއް ލިބިވަޑައިގަތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށް އުއްޗު ވިދާޅުވި އެވެ. ރައީސް ބާއްވަވާ ގާތްކަމާއި ދެއްވާ ސަޕޯޓް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަކީ ކަށިން ބުއްދި ނެރުއްވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

"ހިތްވަރު ލިބުނު ފަރާތްތަކަކީ ރައީސުލްޖުމްހޫރިއްޔާ އަދި ޓޫރިޒަމް މިނިސްޓަރު، އެ ބޭފުޅުން ވިދާޅުވަނީ އުއްޗުއަށޭ މިކަހަލަ ކަމެއް ރަނގަޅަަށް ކުރެވޭނީ. އެެހެންވީމަ އެހެން ވިދާޅުވި ވިދާޅުވުން އަޅުގަނޑު ނަގަނީ ވަރަށް ބޮޑު ހިތްވަރަކަށް. އެއީ ޔާމީން އެހެން ވިދާޅުވުން. އެހެންވީމަ، އެއީ އަޅުގަނޑަށް މިކަން ކާމިޔާބުވުމުގެ އެންމެ ބޮޑު ސިއްރަކީ،" އުއްޗު ވިދާޅުވި އެވެ.

ހުރަވަޅި ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އާއި ރައީސްގެ އަނބިކަނބަލުންނާއި ޓޫރިޒަމް މިނިސްޓަރާއި އުއްޗު ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ:ހުރަވަޅި ރިސޯޓް

ހުރަވަޅި ރިސޯޓުގެ ކަނޑުއަޑީގެ ރެސްޓޯރަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އާއި ރައީސްގެ އަނބިކަނބަލުންނާއި ޓޫރިޒަމް މިނިސްޓަރާއި އުއްޗު ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ:ހުރަވަޅި ރިސޯޓް

މި ރަސްމިއްޔާތުގައި ރައީސް އާއި ރައީސްގެ އަނބިކަނބަލުންގެ އިތުރުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ސީޕްލޭންގައި މާލެއިން ފުރައިގެން 40 މިނެޓުން ދެވޭ ހުރަވަޅި ރިސޯޓުގައި 60 އޯޝަން ވިލާ އާއި 30 ބީޗް ވިލާ ހުރެ އެވެ. ކޮންމެ ކޮޓަރިއެއް ވެސް ބައްޓަންކޮށްފައި ވަނީ އިރު އަރާ ނުވަތަ އިރުއޮއްސޭ މަންޒަރު ފެންނަ ގޮތަށެވެ.

މި ރިސޯޓަކީ ތިމާވެށްޓާ ރައްޓެހި ވަސީލަތްތައް ބޭނުންކުރާ އެންމެ މަތީ ފެންވަރުގެ ރިސޯޓެކެވެ. އެ ގޮތުުން، އެކި ކަންކަމުން އުކާލާ ފެނުގައި އެކުލެވޭ ހަކަތަ ބޭނުންކޮށްގެން ފިނި ފެން ހޫނު ފެނަަށް ބަދަލުކުރުމާއި ސޯލާ ޕެނަލް ބޭނުންކުރުމާއި އެ ރަށުގައި ހުންނަ ޕްލާންޓަކުން ފެންފުޅި ބަންދުކުރުމުގެ އިތުރަށް، އެ ރަށުގައި މެރިން ބަޔޮލޮޖިސްޓެއް ވެސް ހުރެ އެވެ.