މާލެ ސަރަހައްދުގައި އިތުރު އިންޓެގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓް ހިންގަން އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
18 ޖެނުއަރީ 2018
މާލެ ސަރަހައްދުގައި އިތުރު އިންޓެގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓް ހިންގަން އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ތައިލެންޑްގެ ސިންގް އެސްޓޭޓުން ހިއްކައިގެން ތަރައްގީކުރާ ކ. އެނބޫދޫފަޅުގައި ހިންގަން ނިންމާފައިވާ ވިޔަފާރިތަކާ ބެހޭ މައުލޫމާތު ދިނުމަށް ނެޝަނަލް އާޓްގެލަރީގައި ބޭއްވި ފޯރަމް ހުޅުވައިދެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންޓެގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓުން އިންވެސްޓަރުން ރާއްޖެ ބަލައިގެންފައިވާ މިންވަރު ވަރަށް ރަނގަޅަށް ދޭހަވާ ކަމަށެވެ.
"މީގެ އިތުރު ޕްރޮޖެކްޓްތައް މާލެ އަތޮޅަށް އަންނާނެ ކަމަށް ބައެއް އިންވެސްޓަރުން މިހާރު ވެސް އަޅުގަނޑުމެންނަށް އިންޑިކޭޓް ކޮށްފައި އެބަހުރި. އަޅުގަނޑަށް ހީވަނީ މިއީ މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ނަތީޖާހެން،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ "މިއީ އަޅުގަނޑުމެން ރާއްޖެ ދެކެން ބޭނުންވާ ގޮތް" ކަމަށެވެ.
"މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރުމާއެކު ދެން ރާއްޖެއަށް އަންނާނެ ބަދަލުތައް މިފެންނަނީ. ޚާއްސަކޮށް މާލެ އަތޮޅަށް. އޭގެ އިތުރަށް ދުރު ސަރަހައްދު ވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވަރަށް ބޮޑަށް ތަރައްގީ ވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި އެނބޫދޫފަޅު ފަދަ އެތައް ޕްރޮޖެކްޓްތަކެއް ޕްލޭންކޮށް ހެދުމުގެ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދެ އެވެ.
ރާއްޖޭގެ ރިސޯޓުތަކުގެ އެނދު އިތުރުވަމުން އަންނައިރު، އެނދުތައް ހުސްކޮށް ހުންނަކަން ފާހަގަކުރެވޭތީ އެކަމާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ޓޫރިސްޓުން އިތުރުކުރެވޭނީ އެނބޫދޫފަޅު މަޝްރޫއު ފަދަ އިންވެސްޓްމަންޓްތަކާއެކު ކަމަށެވެ. އަދި ޓޫރިސްޓުންގެ އަދަދު އިތުރުކުރަން ޕްރޮޑަކްޓް ޕޯޓްފޯލިއޯ ބަދަލުވާންޖެހޭ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
އިއްޔެގެ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ރާއްޖޭގައި ހިންގާ އެންމެ ފުރަތަމަ އިންޓެގްރޭޓެޑް ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 450 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އަދި އެތަނުގައި ތަރައްގީކުރާ އެކި ފެންވަރުގެ ތަފާތު ނުވަ ރަށް ފެނިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި މަޝްރޫއުން ހަމަ ޔަގީނުން ވެސް ރާއްޖޭގެ މަތީ ފެންވަރު ޓޫރިޒަމަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނުވާނެ. އަޅުގަނޑު ވަރަށް ފަހުން އެތަނަށް ދިޔައިން ބަލާލަން. އަޅުގަނޑު ވަރަށް ބޮޑަށް ހައިރާންވި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާ ގޮތް ފެނިފައި،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެނބޫދޫފަޅު ތަރައްގީ ކުރާ ކުންފުނިން ލަފާކުރާ މުއްދަތަށް އެ މަސައްކަތް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް މި އަހަރުގެ އޮކްޓޯބަރަށް ނިމޭނެ ކަމަށް ސިންގް އެސްޓޭޓުން ބުނި ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް އެކަނި 311 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ފުރަތަމަ ދެ ރިސޯޓުގައި 395 ކޮޓަރި ހުންނާނެ ކަމަށާއި އެއާއެކު އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
300 މިލިއަން ޑޮލަރުގެ ކްރޮސްރޯޑްސް ހުޅުވައިފި
ވިލާގެ ރިސޯޓްތަކާ މެދު މަޓީގެ ކަންބޮޑުވުން ޒަމީރަށް
އެނބޫދޫ ރިސޯޓް މަޝްރޫއުގެ ބިންގާ އަޅައިފި
އަންނަ އަހަރު އިތުރު 20 ރިސޯޓެއް ހުޅުވަނީ
އާ ރިސޯޓްތައް ހަދާނީ އެއާޕޯޓަށް އަމާޒުކޮށްގެން
މިމަހު 7،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ
ކޮވިޑް ނެގެޓިވް ވުމުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ
ޓޫރިސްޓުން އިތުރުވާނީ ކޮވިޑް ނަންބަރު ދަށްކުރެވިގެން
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ