Roadha Mihaaru
މެންކަށް ހުއްދަ ނުދިނީ އާ އުސޫލުގެ ދަށުން: މިނިސްޓްރީ

އިސްލާމީ މަރުކަޒުގައި ހުތުބާ ވިދާޅުވާން މެންކަށް ހުއްދަ ނުދިނީ އާ އުސޫލުގެ ދަށުން: މިނިސްޓްރީ

14 ނޮވެމްބަރ 2016

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުތުބާ ވިދާޅުވާން ހުއްދަ ނުދިނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުތުބާ ވިދާޅުވާން ހުއްދަ ނުދިނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ ހުކުރު ހުތުބާ އަކީ ގައުމީ ޓީވީން ވަގުތުން ދައްކާ، މުޅި ރާއްޖެއަށް ފޮނުވާ އެއްޗަކަށް ވުމުން، އެ ހުތުބާ ވާން ޖެހޭނީ އުމުރުން އެންމެ ދުވަސްވީ މީހާއަށް ވެސް އެނގޭ އެއްޗަކަށް ކަމަށެވެ. އެހެންވެ، އިސްލާމީ މަރުކަޒުގައި ދިވެހި ބަހުން ހުތުބާ ދިނުމަށް މިދިޔަ އަހަރު އުސޫލެއް އެކުލަވާލާފައިވާއިރު، މެންކަށް ހުއްދަ ނުދިނީ އެ އުސޫލުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވަން ހުއްދަ ނުދިން ނަމަވެސް، މާލޭގައި ދެ ވަނައަށް އެންމެ ބޮޑު މިސްކިތް، ފުރުގާން މިސްކިތުގައި އިނގިރޭސި ބަހުން ހުތުބާ ދެއްވުމުގެ ހުއްދަ މެންކަށް މިނިސްޓްރީން ވަނީ ދީފަ އެވެ.

"މިތަނަށް (އިސްލާމީ މަރުކަޒު) ހުކުރަށް އަންނަ މީހުންނަށް ހުތުބާގެ ތަރުޖަމާ އަޅުގަނޑުމެންނަށް ދެވިދާނެ. އެކަމަކު މިއީ މުޅި ރާއްޖެއަށް ދައްކާ އެއްޗަކަށް ވާތީ، ރަށްރަށުގައި ގޭގޭގައި ތިބޭ މީހުންނަށް އެކަމެއް ނުކޮށްދެވޭނެ،" މުސްތަފާ ވިދާޅުވި އެވެ.

"ހުކުރު ހުތުބާއަކީ ހަފުތާއަކު އެއް ފަހަރު، ގައުމުގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭ މެސެޖެއް ކަމުން އެ ވާން ޖެހޭނީ އެންމެންނަށް ވެސް އެނގޭ އެއްޗަކަށް."

އޭނާ ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރިިން އިނގިރޭސި ބަހުން ހުތުބާ ދިން ކަމަށާއި އެކަމާ ގުޅިގެން ގިނަ ބަޔަކު ޝަކުވާ ކުރި ކަމަށެވެ. އަދި މެންކްއަކީ އާ އުސޫލަށް އަމަލު ކުރަން ފެށި ފަހުން ހުތުބާ ދެއްވާ ފުރަތަމަ އިލްމުވެރިޔާ ކަމަށް ވެސް ވިދާޅުވި އެވެ.

މުފްތީ މެންކާއި ދުނިޔޭގެ ގިނަ އިލްމުވެރިންތަކެއް ރާއްޖެ ގެނެސް ބާއްވާ "އިލްމް ޓޯކް" އިންތިޒާމު ކުރާ ޖަމިއްޔަތު ރަހުމާއިން ވަނީ މެންކުގެ ހުތުބާ އާއި ދަރުސް، ޕީއެސްއެމްއިން ލައިވްކުރާ ގޮތަށް އެގްރީމެންޓެއްގައި ސޮއިކޮށްފަ އެވެ.

އެކަމަކު އިސްލާމިކް މިނިސްޓްރީން ބުނީ އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން ޕީއެސްއެމްއާ އެކު ވާހަކަ ދައްކާނެ ކަމަށެވެ.

ފުރުގާން މިސްކިތުގައި ހުތުބާ ވިދާޅުވުމުގެ ހުއްދަ މިނިސްޓްރީން ދިން ނަމަވެސް ރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ދަށުން، އެ ހުުތުބާގެ ދިވެހި ތަރުޖަމާ މާދަމާ މިނިސްޓްރީ އަށް ފޮނުވަން ޖެހެ އެވެ.

އިސްލާމީ މަރުކަޒުގައި ހުތުބާ ނުދެއްވުނު ނަމަވެސް އެތަނުގައި ދަރުސް ދެއްވުމުގެ ހުއްދަ މިނިސްޓްރީން ވަނީ ދީފަ އެވެ.

ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޖަމިއްޔާ އާއި އިސްލާމިކް ޔުނިވަސިޓީ ގުޅިގެން، އިސްލާމީ މަރުކަޒުގައި ބާއްވާ މި ދަރުސްގައި މެންކް ވާހަކަދައްކަވާނީ އެއް މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމަކަށް ލިބިގެންވާ ހައްގުތަކާ ގުޅޭ ގޮތުންނެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާ ގުޅޭ ގޮތުން ދަރުސް ދެއްވަމުން އަންނަ މުފްތީ އަކީ އޭނާ އުފަން، ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމެންޓްގެ އިސް ވެރިޔާ އެވެ. އަދި އޭނާ ވަނީ މި ރޮނގުން ދުނިޔޭގައި ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފަ އެވެ.

މިދިޔަ އަހަރު އޭނާ ރާއްޖޭގައި ދެއްވި ދަރުސަށް ބޮޑު ތަރުހީބެއް ލިބުނު އިރު މުޖުތަމައުގައި ހުރި ތަފާތު މައްސަލަތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ.