Roadha Mihaaru
ބާކީމެޗެއް އޮއްވައި ކްރިކެޓްލީގު ޗެމްޕިއަންކަން މިލާނަށް

ބާކީ އެއް މެޗު އޮއްވައި ކްރިކެޓް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިލާނުން ޔަގީންކޮށްފި

23 ޖުލައި 2023

މި އަހަރުގެ ޓީ20 ޕްރިމިއާ ލީގް ގައި ބާކީ އެއް މެޗު އޮއްވައި، މިދިޔަ އަހަރުގެ ލީގު ވެސް ކާމިޔާބު ކުރި މިލާން ކްރިކެޓް އެކަޑަމީ އިން ޗެމްޕިއަންކަން ޔަގީން ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މި އަހަރުގެ ޓީ20 ޕްރިމިއާ ލީގް ގައި ބާކީ އެއް މެޗު އޮއްވައި، މިދިޔަ އަހަރުގެ ލީގު ވެސް ކާމިޔާބު ކުރި މިލާން ކްރިކެޓް އެކަޑަމީ އިން ޗެމްޕިއަންކަން ޔަގީން ކޮށްފި އެވެ.

ފަސް ޓީމާ އެކު މި މަހުގެ ހަތްވަނަ ދުވަހު ފެށި މުބާރާތުގެ ޗެމްޕިއަންކަން މިލާނަށް ޔަގީން ވީ އިއްޔެ ކުޅުނު މެޗުގައި މާލޭ ވެޓެރަންސް އަތުން ވިޔަންސާ ބަލި ވުމުންނެވެ.

މާލޭ ވެޓެރަންސް މި މެޗު ކާމިޔާބު ކުރީ ހަ ވިކެޓުންނެވެ. މެޗުގެ ފުރަތަމަ އިނިންސްގައި ވިޔަންސާ ކުޅެން އަރައި 20 އޯވަރު ތެރޭ އަށް ކުޅުންތެރިން ނުބައި ވެގެން ހެދުނީ 130 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 30 ލަނޑު ހެދި ސައީދުލް އިސްލާމް އާއި 22 ބޯޅައިން 26 ލަނޑު ހެދި ސޮލާހް މިއާ އެވެ. މި އިނިންސްގައި މާލޭ ވެޓެރަންސްގެ ޗަންދަނަ އަމަރަވިކްރަމަ ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި މާލޭ ވެޓެރަންސް ވަނީ 16.5 އޯވަރު ތެރޭ ހަތަރު ކުޅުންތެރިން ނުބައި ވެގެން 132 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ 21 ބޯޅައިން 39 ލަނޑު ހެދި ކުޝާލް ރޮޑްރިގޯ އެވެ.

މިއާ އެކު ލީގުގައި ބާކީ އޮތީ އަންނަ ހުކުރު ދުވަހުގެ ހެނދުނު ކުޅުމަށް ހަމަޖެހިފައިވާ މިލާނާއި އޮއްފު އެފްސީ ވާދަކުރާ ލީގުގެ ފަހު މެޗެވެ.

މިލާން އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. އޮއްފު އެފްސީ އަށް ލިބުނު އެންމެ ޕޮއިންޓަކާ އެކު އެޓީމު އޮތީ އެންމެ ފުލުގަ އެވެ.

އިއްޔެ ކުޅުނު މެޗު ކާމިޔާބުކުރި މާލޭ ވެޓެރަންސް އަށް ހަތް ޕޮއިންޓާ އެކު ލީގުގެ ދެވަނަ ޔަގީން ވެފައި ވާއިރު ތިންވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދާފައިވާ ވިޔަންސާ އެވެ. ހަތަރުވަނައިގައި އޮޔް މާލޭ ސްޕޯޓްސް ކްލަބަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ލީގުގެ ކުޅުން ފުރިހަމަ ކުރުމަށް ފަހު، ވާދަކުރި ފަސް ޓީމާ އެކު ހޮނިހިރު ދުވަހު ޓީ20 ޕްރެޒިޑެންޓްސް ކަޕް ފަށާނެ އެވެ.

ލީގުގެ އެއްވަނަ އަދި ދެވަނައަށް ދިޔަ މިލާން އާއި މާލޭ ވެޓެރަންސް ވަނީ ސެމީ ފައިނަލްގެ ސީދާ ޖާގައެއް ޔަގީން ވެފަ އެވެ. ދެ ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭނެ އެވެ. ސެމީ ފައިނަލްގެ ދެ މެޗު ކުޅުމުގެ ކުރިން ފުރަތަމަ ކުޅޭނީ ޕްލޭއޮފް ދެ މެޗެވެ.

ހޮނިހިރު ދުވަހު ކުޅޭ ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ލީގު އެންމެ ފަހަތުން ނިންމި އޮއްފު އެފްސީ އާއި މާލޭ ސްޕޯޓްސް ކްލަބެވެ. އެ މެޗުން މޮޅުވާ ޓީމެއް ޖެހޭނީ ދެވަނަ ޕްލޭއޮފްގައި، ލީގު ތިންވަނަ ޔަގީން ކުރި ވިޔަންސާއާ ދެކޮޅަށް ކުޅޭށެވެ.

ދެވަނަ ޕްލޭއޮފުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ. މޮޅުވާ ޓީމެއް ފައިނަލްގެ ދެވަނަ ޖާގަ ހޯދަން، ސެމީގައި ވާދަކުރަން ޖެހޭނީ މިލާނާއި މާލޭ ވެޓެރަންސް ބައްދަލުކުރާ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށެވެ.