Roadha Mihaaru
ޗާޕު ކުރާ ފައިސާގެ އަދަދު އިތުރަށް ލިމިޓް ކޮށްފި

ޗާޕު ކުރާ ފައިސާގެ އަދަދު އިތުރަށް ލިމިޓް ކޮށްފި

23 ޖުލައި 2023

މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން އޯވަޑްރޯ ކުރާ ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާ އަށް ލިމިޓްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން އޯވަޑްރޯ ކުރާ ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާ އަށް ލިމިޓްކޮށްފި އެވެ.

ސަރުކާރުން ފައިސާ ޗާފު ކުރާ އަދަދު ލިމިޓްކުރި އިރު މި އަހަރުގެ މިހާތަނަށް ވަނީ 4.2 ބިލިއަން ރުފިޔާ ޗާޕުކޮށް، އެ ފައިސާ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކޮށްފަ އެވެ.

ހަރަދުތައް ހަމަޖެއްސުމަށް އެމްއެމްއޭ އިން ފައިސާ ޗާޕު ކުރާ އިރު، މިއީ މިހާތަނަށް ސަރުކާރަކުން ފާސްކުރި އެންމެ ބޮޑު ބަޖެޓެއް ވެސް އޮތް އަހަރެވެ. އެއީ 42 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެމްއެމްއޭ އަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ދެ ބިލިއަން ރުފިޔާ އަށް އޯވަޑްރޯ ކުރާ އަދަދު ކުޑަކުރީ މި އަހަރު ޗާޕުކުރި ފައިސާގެ އަދަދު ބޮންޑަކަށް ބަދަލު ކުރުމަށް ފަހު އެވެ. ސަރުކާރުން ވަނީ 2020 އިން ފެށިގެން، ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕު ކުރެވޭނެ ލިމިޓެއް ކަނޑައަޅައިފަ އެވެ. އެ ލިމިޓަށް މި އަހަރުގެ ނިޔަލަށް ފައިސާ ނެގޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އޯވަޑްރޯކުރާ ލިމިޓް ކުޑަ ކުރި ނަމަވެސް، މި އަހަރު ބޮންޑަށް ބަދަލު ކުރި 4.2 ބިލިއަން ރުފިޔާއާ އެކު މި އަހަރު ޗާޕު ކުރާ ފައިސާގެ އަދަދު 6.2 ބިލިއަން ރުފިޔާ އަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އަށް ގުޅުމުން ވަނީ ޖަވާބެއް ލިބޭ ގޮތް ނުވެފަ އެވެ.

ސަރުކާރުން އަންނަނީ މިހާރު ވެސް އެމްއެމްއޭ މެދުވެރިކޮށް ފައިސާ އޯވަޑްރޯ ކުރަމުންނެވެ. މިދިޔަ ޖޫން މަހު 480 މިލިއަން ރުފިޔާ ޗާޕު ކުރި އެވެ. އޭގެ ކުރީ މަހު ވަނީ 1.6 ބިލިއަން ރުފިޔާ ޗާޕުކޮށްފަ އެވެ.

ފައިސާ އިތުރަށް ޗާޕުކޮށްގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ ނަމަ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑު ދަށްވެ، ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް މި އަހަރުގެ ބަޖެޓާ ގުޅިގެން އެމްއެމްއޭ އިން ދިން ލަފާގައި ވެސް ފާހަގަކޮށްފައި ވެ އެވެ.