އައްޑޫ ހިތަދޫން 500 ބަންޑާރަ ގޯތި ދޫކުރަން ރޭ އިއުލާނުކޮށްފި އެވެ.
26 ޖެނުއަރީ 2023
އައްޑޫ ހިތަދޫން 500 ބަންޑާރަ ގޯތި ދޫކުރަން ރޭ އިއުލާނުކޮށްފި އެވެ.
އެ ކައުންސިލުން ރޭގެ 11:30 ހާއިރު ކުރި އިއުލާނުގައި ބުނީ 1،500 އަކަފޫޓުގެ ގޯތިތައް ހޯދުމަށް އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. ގޯއްޗަށް އެދޭ ފޯމު ބަލައިގަންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެންނެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައި އާބާދީ އެންމެ ބޮޑު ހިތަދޫން ގޯތި ދޫކުރަން މި އިއުލާނުކުރީ 22 އަހަރު ފަހުންނެވެ.
މި ފަހަރު އިއުލާންކުރި އުސޫލުން، ގުރުލައިގެން ގިނަ ބަޔަކަށް ގޯތި ލިބޭ ގޮތަށް ހިތަދޫން އެންމެ ފަހުން ގޯތި ދޫކުރީ 2002 ގަ އެވެ. ނަމަވެސް ވަކިވަކި މީހުންނަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ނުވަތަ ކައުންސިލުން ބޭނުން ވުމުން މީގެ ކުރިން ހިތަދޫން ގޯތި ދީފައި އެބަހުއްޓެވެ. ނަމަވެސް އެއީ އާންމު އުސޫލުން އިއުލާންކޮށްގެން ދޫކުރި ގޯތިތައް ނޫން ކަމަށް ވެ އެވެ.
ސިޓީ ކައުންސިލުން ބުނީ، މި ފަހަރު ގޯތި ދޫކުރާނީ ދެ ކެޓެގަރީއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ކެޓަގަރީގައި ހިތަދޫ މީހުންނަށް 90 ޕަސެންޓު (450 ގޯތި) އަދި އައްޑޫގެ އެހެން ރަށްރަށުގެ މީހުންނަށް 10 ޕަސެންޓް (50 ގޯތި) ދޭނެ އެވެ.
ހިތަދޫން 500 ގޯތި ދޫކުރަން އިއުލާނުކުރިއިރު، އައްޑޫގެ އިތުރު ތިން ރަށަކުން 500 ގޯތި ދޫކުރަން މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ އިއުލާނުކޮށްފަ އެވެ. އެ ފަހަރު އިއުލާނުކުރީ ފޭދޫން 1،500 އަކަފޫޓުގެ 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 2،000 އަކަފޫޓުގެ 100 ގޯއްޗެވެ.
ނަމަވެސް، އަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ކައިރިވެފައި ވަނިކޮށް ގޯއްޗަށް ކުރިމަތިލުމަށް އެދި ދަންވަރު އިއުލާނުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މޭޔަރު ނިޒާރާއެކު އައްޑޫގެ ގިނަ ކައުންސިލަރުން ތާއީދުކުރައްވަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ދިނުމަށެވެ.
އެކަމަށް ފާޑުވިދާޅުވެ، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގޯތިދޫކުރަން ދަންވަރު ހުޅުވާލުމަކީ ކަޑަޖެހުމުގެ އާ މަރުހަލާއަކަށް ގޮސްފައިވާކަން އެނގިފައިވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ގާތު މާމަމެން އަބަދު ވެސް ބުނޭ ދަންވަރު ކުރާނީ ފޮއްޓެއް ފަޅާލުމުގެ މަސައްކަތޭ. ރޭ ދަންވަރު ހަތަރު ދަމު ދާ ފަހުން ގޯއްޗަށް އިއުލާނުކުރުމަކީ ކަޑަ ޖެހުމުގެ އިތުރު މަރުހަލާއަކަށް ގޮސްފައިވާ ކަމަށް އެންމެން ވެސް ހިތަށް އަރާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެކަމަށް ރައްދު ދެއްވައި ނިޒާރު ވިދާޅުވީ ގޯތީގެ ވާހަކަ ނަޝީދު ދައްކަވަނީ ކަމުގެ ހަގީގަތް އެނގިވަޑައިނުގެން ކަމަަށެވެ. ގޯތި ދޫކުރުމަށް އިއުލާން ކުރުމަކީ ކުޑަކަމެއް ނޫން ކަމަށައި އިއުލާން ކުރުމުގެ ބަަލަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނަ ކަމަށެވެ. އެގޮތުން ލޭންޑްޔޫޒް ޕްލޭން ހެދުމާއި ބިން ކަނޑައެޅުމާއި ބިމާ ބެހޭ ގާނޫނާ ފުށުނާރާ ގޮތަށް ކަންކަން ކުރަން ޖެހުނު ކަމަށް މޭޔަރު ވިދާޅުވި އެވެ.
އިސްމެޖިސްޓްރޭޓް، މޭޔަރުނިޒާރާ ބައްދަލުކުރި މައްސަލައެއް
ގޯތިތައް ބަދަލުކުރާނީ ހިތަދޫ ސްޓޭޑިއަމް ސަރަހައްދަށް
އައްޑޫން ދޫކުރާ ގޯއްޗަށް 4،000 ފޯމު ހުށަހެޅި
އައްޑޫން އިއުލާނުކުރި 1،000 ގޯއްޗަށް 4،000ފޯމު
ހިތަދު އާއި ފޭދޫގެ ޗަސްބިންތައް ހިއްކަން ފަށައިފި
އައްޑޫގެ 3ރަށަކުން 500 ގޯތި ދޫކުރަން އިއުލާންކޮށްފި
އައްޑޫގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގަނީ
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
އައްޑޫ ގޯތިތައް އަތުލަން ނިންމީ ރަނގަޅަށް: ހައި ކޯޓް
އައްޑޫ ގޯތިތައް އަތުލުން ހުއްޓުވުމުގެ އަމުރެއް ނުދިން