Roadha Mihaaru
އިސްމެޖިސްޓްރޭޓް، މޭޔަރުނިޒާރާ ބައްދަލުކުރި މައްސަލައެއް

އައްޑޫ އިސްމެޖިސްޓްރޭޓް، މޭޔަރު ނިޒާރާއި ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވި މައްސަލައެއް ޖޭއެސްސީން ބަލަނީ

05 ސެޕްޓެމްބަރ 2021

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތައް ނަގަން، އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލަ ކޯޓުގައި ކުރިއަށް ގެންދަނިކޮށް، ހިތަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓާއި އެ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ކައުންސިލްގެ އިތުރު މެމްބަރުންތަކެއް ބައްދަލުކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތައް ނަގަން، އައްޑޫ ސިޓީ ކައުންސިލުން ނިންމި މައްސަލަ ކޯޓުގައި ކުރިއަށް ގެންދަނިކޮށް، ހިތަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓާއި އެ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ކައުންސިލްގެ އިތުރު މެމްބަރުންތަކެއް ބައްދަލުކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި ހިމެނޭ ބަޔަކާ، ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމް ބައްދަލުކުރެއްވި ކަމުގެ ތުހުމަތު ކުރެވޭތީ، އޭނާގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ޖޭއެސްސީން ވެސް މިއަދު ވަނީ ބުނެފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސިޓީ ކައުންސިލްގެ މަސްލަހަތު ހިމެނޭ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، ނިޒާރާއި ކައުންސިލްގެ އިތުރު ބައެއް މެމްބަރުން ހާޝިމްއާ ބައްދަލުކުރައްވާފައި ވަނީ ހިތަދޫ ކޯޓަށް ވަޑައިގެންނެވެ. ނަމަވެސް ހާޝިމަކީ އައްޑޫ ގޯތިތަކުގެ މައްސަލަ ބެއްލެވި ފަނޑިޔާރެއް ނޫނެވެ.

ގޯތިތައް ނަގަން ކައުންސިލުން ނިންމި މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ދެ ގޮތަކަށް ހުކުމް ކޮށްފަ އެވެ.

ހޮސްޕިޓަލް ކައިރިން ދޫކޮށްފައިވާ 40 ގޯއްޗެއް އަނބުރާ ދައުލަތަށް ނަގައި، އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމްގެ ހުޅަނގަށް އޮންނަ ބިމުން ބަދަލުގައި ގޯތި ދޭން ސިޓީ ކައުންސިލުން ނިންމީ މުޅި އެ ސިޓީގެ މަސްލަހަތަށް ކަމަށް ބުނެ އެވެ. ނަމަވެސް، އެކަމާ ދެކޮޅު ހަދައި ބައެއް ގޯތިތަކުގެ ވެރިން ވަނީ މައްސަލަ ހިތަދޫ ކޯޓަށް ހުށަހަޅައިފަ އެވެ.

ސިޓީ ކައުންސިލާ ދެކޮޅަށް 14 މީހަކު ދައުވާ ކުރިއިރު، އޭގެ ތެރެއިން ފުރަތަމަ ހަތް މައްސަލަ ބެއްލެވީ ގާޒީ ރަފީއުއްދީން އަހުމަދެވެ. އަދި ބާކީ ހަތް މައްސަލަ ބެއްލެވީ ރަތަފަންދޫ މެޖިސްޓްރޭޓު ކޯޓުން އައްޑު އަށް ޒިޔާރަތް ކުރެއްވި އިސް މެޖިސްޓްރޭޓު ނިހާމު ރަޝީދެވެ.

އެ މައްސަލައިގައި މިދިޔަ މަހު 10 ވަނަ ދުވަހު ގާޒީ ރަފީއުއްދީން ބެއްލެވި ހަތް މައްސަލައިގައި ހުކުމް ކުރެއްވީ ބަންޑާރަ ބިމަކުން ގޯތި ދޫކުރުމަށް ފަހު، ދައުލަތުން އެ ބިން އަނބުރާ ބޭނުން ވެއްޖެ ހާލަތެއްގައި، ގޯތީގެ ވެރިފަރާތާ މަޝްވަރާ ކުރުމަށް ފަހު، "އަދުލުވެރި އިންސާފުވެރި" ބަދަލެއް ދިނުމަށް އެއްބަސްވެ، ބިން ނެގުމުގެ ބާރު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިދީފައި ވާތީ، އައްޑޫ ކައުންސިލުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

ނަމަވެސް، ބާކީ ހަތް މައްސަލައިގައި ފަނޑިޔާރު ނިހާމު މިދިޔަ މަހު 29 ގައި ހުކުމް ކުރެއްވީ ގޯތިތައް ނަގަން ކައުންސިލުން އިއުލާނު ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ، ކައުންސިލުގެ ނިންމުން ބާތިލު ކަމަށް އެ ގާޒީ ކަނޑައެޅުއްވި އެވެ.

އެއް ބާވަތެއްގެ މައްސަލަތަކުގައި ދެ ގޮތަކަށް ހުކުމް ކުރުމަކީ މީގެ ކުރިން ވެސް ދިމާވެފައިވާ ކަމެކެވެ. އެގޮތުން ހައި ކޯޓުގައި ވެސް އެއް ބާވަތެއްގެ މައްސަލަތައް ދެ ބެންޗަކުން ދެ ގޮތަކަށް ނިންމުމުން އަމަލު ކުރަންވީ ނިންމުމެއް ނޭނގި ބޮޑެތި އޮޅުންބޮޅުން ކުރިމަތިވެފައިވެ އެވެ. އެ މައްސަލަ ހައްލު ކުރަން ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެފަދަ މައްސަލަތައް ބަލަން ޖެހޭނީ އެއް ބެންޗަކުން ކަމަށެވެ.