Roadha Mihaaru
ކޮންޓޭ ހަމަޖެހިލައިގެން، ލިވަޕޫލަށް މޮޅެއް މަޖުބޫރު

ކޮންޓޭ ހަމަޖެހިލައިގެން، ލިވަޕޫލަށް މޮޅެއް މަޖުބޫރު

31 ޖެނުއަރީ 2017

ލިވަޕޫލް (ޖެނުއަރީ 31) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު އެ ޓީމަށް މިއީ މޮޅުވުން މަޖުބޫރު މެޗެއް ކަމަށާއި ޗެލްސީން މެޗާ ކުރިމަތިލާނީ ހަމަޖެހިލައިގެން ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (ޖެނުއަރީ 31) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު އެ ޓީމަށް މިއީ މޮޅުވުން މަޖުބޫރު މެޗެއް ކަމަށާއި ޗެލްސީން މެޗާ ކުރިމަތިލާނީ ހަމަޖެހިލައިގެން ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މި މެޗުގެ ކުރިން ލިވަޕޫލް ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެފްއޭ ކަޕާއި ލީގު ކަޕުން ކެޓިއިރު އެ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ބަލިވީ ރެލިގޭޝަން ޒޯނުގައި އޮތް ސްވަންސީ އަތުންނެވެ. ތިން މެޗުން ވެސް ލިވަޕޫލް ބަލިވީ އަމިއްލަ ދަނޑުގަ އެވެ. މިއީ 2012 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ލިވަޕޫލް ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ލީގުގެ އެއް ވަނައިގައި ޗެލްސީ މި ވަގުތު އޮތީ 22 މެޗުން 55 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ލީގުގެ ހަތަރު ވަނައިގައި އޮތީ 22 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުން ބަލިވެއްޖެނަމަ ލިވަޕޫލާއި ޗެލްސީއާ ދެމެދުގެ ފަރަގު 13 ޕޮއިންޓަށް ބޮޑުވާނެ އެވެ.

ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުތަކާ މި މެޗު މުޅިން ތަފާތު ކަމަށެވެ.

"ލިވަޕޫލަކީ ވަރުގަދަ ޓީމެއް. ލީގުގައި އަހަރެމެން މި ފަހަރު ކުޅުނު އެންމެ އުނދަގޫ އެއް ޓީމު. އަހަރެމެން ލިވަޕޫލް އަތުން ބަލިވި ފަހުން ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެއްޖެ. ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުތަކުން ބަލިވުމުން މިރޭގެ މެޗަށް ނުކުންނާނީ ހުރިހާ ގޮތަކުން ވެސް ސަމާލުވެގެން،" ކޮންޓޭ ބުންޏެވެ.

"ބޮޑު މެޗަކުން ބަލިވުމަކީ ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ވެސް އަސަރުކުރާ ކަމެއް. ފޯމު ގެއްލުމުގެ ފުރުސަތު ވެސް ބޮޑު. އެކަމަކު އޭގެ މާނަ އަކީ އަހަރެމެން އޮތީ ޕްރެޝަރުގައެއް ނޫނޭ. ހަމަޖެހިލައިގެން މެޗު ކުޅެވޭނެ ފުރުސަތު ޗެލްސީ އަށް އެބައޮތް."

ޗެލްސީގެ ހަޒާޑް (ކ) ކައިރިން ލިވަޕޫލްގެ މާނޭ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ ހަޒާޑް (ކ) ކައިރިން ލިވަޕޫލްގެ މާނޭ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗަށް ނުކުންނައިރު ޗެލްސީ އަށް އަނިޔާގެ މައްސަލައެއް ނެތެވެ.

މި މެޗަށް ނުކުންނައިރު ލިވަޕޫލަށް ކުޑަ ހިތްހަމަ ޖެހުމެއް އެބައޮތެވެ. އެއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ޗެލްސީ އަތުން ބަލިވެފައި ނެތުމެވެ. ހަތަރު މެޗުގެ ތެރެއިން ލިވަޕޫލް ދެ މެޗުން މޮޅުވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

"އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވިއިރު އަހަރެމެންނަށް އެބަހުރި ގޯސްތަކެއް ހެދިފައި. ތަފާތު ތިން މުބާރާތުން ބަލިވެ. ދެ މުބާރާތް އަހަރެމެންނަށް ނިމިއްޖެ. މި މެޗުން ބަލިވެއްޖެނަމަ އިތުރަށް ހާލަތު ގޯސްވާނެ. އެ ހުރިހާ ކަމަކަށް ވިސްނައިގެން މި މެޗަށް ނުކުންނާނީ،" ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުންޏެވެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ލިވަޕޫލްގެ ޑިފެންޑަރު ނެތަނިއަލް ކްލައިން އަށް ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ. އަދި އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ފަހު ދާދި ފަހުން ޓީމާ ގުޅުނު ސަޑިއޯ މާނޭ އަށް ވެސް ފުރަތަމަ އެގާރައިން ފުރުސަތު ދިނުމާ މެދު އަދި ކްލޮޕް ގޮތެއް ނުނިންމަ އެވެ.

ލިވަޕޫލާއި ޗެލްސީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.