Roadha Mihaaru
ލިވަޕޫލް މެޗަކީ ޗެލްސީ އަށް އިމްތިހާނެއް: ލަމްޕާޑް

ލިވަޕޫލް މެޗަކީ ޗެލްސީ އަށް އިމްތިހާނެއް: ލަމްޕާޑް

22 ސެޕްޓެމްބަރ 2019

ލަންޑަން (ސެޕްޓެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަކީ ޗެލްސީ އަށް އިމްތިހާނެއް ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ސެޕްޓެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަކީ ޗެލްސީ އަށް އިމްތިހާނެއް ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ލަމްޕާޑްގެ ކޯޗުކަމުގައި ޗެލްސީން ވަނީ ލިވަޕޫލާ ދެކޮޅަށް ޔުއެފާ ސުޕަ ކަޕްގައި ކުޅެފަ އެވެ. އެ މެޗުން ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިވިއިރު، ޖުމްލަ ގޮތެއްގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ލަމްޕާޑްގެ އިރުޝާދުގެ ދަށުން ޗެލްސީން ބައެއް މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، އަމިއްލަ ދަނޑުގައި އެ ޓީމަށް އެކަން ކުރަން ވަނީ އުނދަގޫވެފަ އެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވަނީ ވެލެންސިއާ އަތުން ބަލިވެފަ އެވެ.

"އަހަރެން ޗެލްސީއާ ހަވާލުވިއިރު ވަރަށް ބޮޑު އިސްކަމެއް ދިނިން ޒުވާން ކުޅުންތެރިން ޕްރޮމޯޓްކުރަން. ފުރުސަތު ދީގެން އެ ކުޅުންތެރިން މޮޅުވާނީ. އެކަން ކުރާއިރު އުނދަގޫ ޗެލެންޖްތައް ހުންނާނެ. ލިވަޕޫލަކީ ޔޫރަޕްގެ ޗެމްޕިއަނުން ޕްރިމިއާ ލީގުގައި ވެސް އެ ޓީމުން ތަފާތު ދައްކާ. މި ހުރިހާ ކަމަކަށް ބަލާއިރު މިއީ ޗެލްސީ އަށް އިމްތިހާނެއް،" ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލަމްޕާޑް ބުންޏެވެ.

ލީގުގައި އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު ނުވަ މެޗުން ޗެލްސީ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ފަސް މެޗުން އެއްވަރުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. ލަމްޕާޑް ބުނީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން ހޯދަމުން އަންނަނީ އެ ޓީމަށް ހައްގުވާ ކާމިޔާބީ ކަމަށެވެ.

"އަހަންނަށް ވަރަށް ކަމުދޭ ކްލޮޕް އޭނާގެ ޓީމު ގެންގުޅޭ ގޮތް. އޭނާ ބޭނުންވާ ސްޓައިލަށް ޓީމު ހާނުވަން ކުރާ މަސައްކަތް ވެސް ފުރިހަމަ. މިހާރު ލިވަޕޫލް އެ އޮތް ހިސާބުގައި އޮންނަން ގިނަ ޓީމުތަކުން ބޭނުންވާނެ،" ލަމްޕާޑް ބުންޏެވެ.

ޗެލްސީގެ ޒުވާން ފޯވާޑް ޓެމީ އަބްރަހަމް ހުރީ ރަނގަޅު ފޯމެއްގައި ކަމުން އެއީ ހިތްހަމަޖެހުމެއް ކަމަށާއި އަދި މޭސަން މައުޓާއި އެންގޯލޯ ކާންޓޭ އަށް މި މެޗުގައި ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ލަމްޕާޑް ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ލަމްޕާޑްގެ ޗެލްސީ ޓީމުގައި ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިން އެބަތިބި ކަމަށެވެ.

"ހަނދާންވަނީ ކުރިން އަހަރެން ކޯޗުކޮށްދިން ބޮރޫޝިއާ ޑޯޓްމަންޑް މަތިން. ޗެލްސީގައި މިތިބި ޒުވާން ކުޅުންތެރިންގެ މަސައްކަތް ގިނަ ބަޔަކަށް ފާހަގަވާނެ. އެ ފެންވަރު މި ކުޅުންތެރިން އެ ދަނީ ސާބިތުކޮށްދެމުން،" ކްލޮޕް ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް ޗެލްސީ އަމިއްލަ ދަނޑުގައި މޮޅެއް ލިބިފައިނުވާއިރު، ލިވަޕޫލް އޮތީ ލީގުގައި ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހުރިހާ މެޗަކުން މޮޅުވެ ލީގުގެ އެއް ވަނައިގަ އެވެ. ލިވަޕޫލާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ.