Roadha Mihaaru
އާމިރަށް ކުރަނީ ސައިކަލު މަޑުނުކޮށް ދާން އުޅުނުކަމުގެ ތުހުމަތު

އާމިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސައިކަލު މަޑުނުކޮށް، އަމުރަށް ނުކިޔަމަންތެރިވުމުން

25 ޖުލައި 2023

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަގުމަތި ބަލަހައްޓަން ތިބި ފުލުހުން މަޑުކުރަން ބުނުމުން، މަޑުނުކޮށް އަމުރަށް ނުކިޔަމަންތެރި ވުމުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަގުމަތި ބަލަހައްޓަން ތިބި ފުލުހުން މަޑުކުރަން ބުނުމުން، މަޑުނުކޮށް އަމުރަށް ނުކިޔަމަންތެރި ވުމުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާމިރު ރޭ ދަންވަރު ސައިކަލުގައި އިންނަވަނިކޮށް، ބާރުގެ ބޭނުންކޮށްގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާއްމުވެފަ އެވެ. ދެ ފުލުހަކު ވެގެން އޭނާ ހުއްޓުވަން އުޅުމުން އަނިޔާނުކުރާށޭ އާމިރު ވިދާޅުވާ އަޑު އެ ވީޑިއޯ އިން އިވެ އެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ފޭސް 2ގައި މެންދަމު 1:00 ހާއިރު، ޗެކު ޕޮއިންޓު ޖަހައިގެން ފުލުހުން އުޅަނދުތައް ޗެކުކުރަމުން ދިޔައިރު، އެ ސަރަހައްދުން ދުއްވާފައިވާ ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން، ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދިޔުމުން، ފުލުހުން ފަހަތުން ގޮސް ހުއްޓުވާފައިވާ ކަމަށެވެ.

"ސައިކަލު ހުއްޓުވައި ފުލުހުން އޭނާ އާ ސުވާލުކުރުމުން މައުލޫމާތު ދިނުމަށް އިންކާރުކޮށް ފުލުހުންގެ އަމުރަށް ނުކިމަޔަންތެރިވެފައިވޭ،" ފުލުހުން ބުންޏެވެ.

ބާރުގެ ބޭނުންކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް މެމްބަރު އާމިރު ގެންދާ ވިޑިއޯއަކުން ނަގާފައިވާ ފޮޓޯއެއް. --

ބާރުގެ ބޭނުންކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް މެމްބަރު އާމިރު ގެންދާ ވިޑިއޯއަކުން ނަގާފައިވާ ފޮޓޯއެއް. --

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށްފަހު ރޭ އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދުއްވި ސައިކަލު ޓޯކޮށްފައިވާއިރު، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

މި މައުލޫމާތު ހިއްސާކުރަން ފުލުހުން ފޮނުވި މެސެޖުގައި އެ މީހާގެ ވަނަވަރު ހާމަކޮށްފައިނުވި ނަމަވެސް، ރޭގެ ހާދިސާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އާމިރު ކަން ވަނީ އެނގިފަ އެވެ.

މިކަމާ ގުޅޭގޮތުން އާމިރުގެ ބަހެއް އަދި ނުލިބެ އެވެ.