Roadha Mihaaru
އަރަބިއްޔާގެ ކުދިން ދަރުމަވަންތައިގެ ވަގުތީ އިމާރާތަށް

އަރަބިއްޔާގެ ކުދިން ދަރުމަވަންތައިގެ ވަގުތީ އިމާރާތަށް

25 ޖުލައި 2023

އަންނަ މަހު ފަށާ ދިރާސީ އާ އަހަރާ އެކު، އަރަބިއްޔާ ސްކޫލްގެ ކުދިންގެ ކިޔެވުން ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތުގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަންނަ މަހު ފަށާ ދިރާސީ އާ އަހަރާ އެކު، އަރަބިއްޔާ ސްކޫލްގެ ކުދިންގެ ކިޔެވުން ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތުގައި ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މީގެ ނުވަ އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ވެފައި ހުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލްގެ ވަގުތީ އިމާރާތަކަށް ސަރުކާރުން ހަމަޖައްސައިދިނީ ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތެވެ.

އެކަމަކު، އެއީ ސްކޫލެއް ހިންގަން ޑިޒައިން ކޮށްފައިވާ އިމާރާތަކަށް ނުވުމުން ބެލެނިވެރިންގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ. އެ ތަނުގެ ޖާގައިގެ މައްސަލަ ވެސް އެއީ ބެލެނިވެރިންގެ ބޮލުގެ ރިހުމެކެވެ.

އެ ހުރިހާ ޝަކުވާތަކެއް ހުއްޓަސް ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތުގައި އެއް އަހަރު ކިޔަވައި ދިނުމަށް ފަހު، މި ފަހަރު އަރަބިއްޔާގެ ކުދިންނަށް ހަމަޖައްސައިދިނީ ވެލާނާގެ ބިލްޑިންގް ކައިރިން ދަރުމަވަންތަ ސްކޫލް ވަގުތީ ގޮތުން ހިންގި އިމާރާތެވެ.

ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތް މަރާމާތުކޮށް، ކުލަ ލައި ރީތި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ސަރުކާރުން ނިންމާފައިވާ ގޮތުން ދަރުމަވަންތަ ސްކޫލްގެ ކުދިން ދިރާސީ އާ އަހަރުގައި ކިޔަވަން ފަށާނީ އެ ސްކޫލްގެ އާ އިމާރާތުގަ އެވެ. ވިލާ ކޮލެޖް ކައިރީގައި ހަދާފައިވާ އެ އިމާރާތުގައި މިހާރު ކުރަނީ ފިނިޝިންގެ ކަންކަން އެކަންޏެވެ.

އަރަބިއްޔާ ސްކޫލު އެޅުމަށް މިހާރު ދޫކޮށްފައިވާ ކުރީގެ ބާ ޖަމާލުއްދީން ހުރި ބިން: އެ ތަން ތަޅާލުން ފިޔަވާ އެއްވެސް މަސައްކަތެއް ނުކުރޭ.-- ފޮޓޯ: މިހާރު

އަރަބިއްޔާ ސްކޫލު އެޅުމަށް މިހާރު ދޫކޮށްފައިވާ ކުރީގެ ބާ ޖަމާލުއްދީން ހުރި ބިން: އެ ތަން ތަޅާލުން ފިޔަވާ އެއްވެސް މަސައްކަތެއް ނުކުރޭ.-- ފޮޓޯ: މިހާރު

އަރަބިއްޔާ ސްކޫލްގެ ދާއިމީ އިމާރާތް ހަދަން ހަމަޖައްސާފައި ވަނީ ބާ ޖަމާލުއްދީން ހުރި ބިމުގަ އެވެ. އެ މަސައްކަތަށް ބާ ޖަމާލުއްދީންގެ އިމާރާތް މިހާރު ތަޅާލައިފައިވާ ނަމަވެސް އިތުރު އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައި ވަނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާ ނަމަ އަންނަ އަހަރުގެ ދިރާސީ އާ އަހަރު ހުޅުވޭނެ ކަމަށެވެ.

ނަމަވެސް އެ ތަނުގެ އެއްވެސް މަސައްކަތެއް ނުކުރާތީ އެ ތަން ނިމޭނެތޯ އަރަބިއްޔާގެ ބެލެނިވެރިން އަންނަނީ ސުވާލު ކުރަމުންނެވެ.