Roadha Mihaaru
ދަރުމަވަންތަ ބަދަލުކޮށް، އަރަބިއްޔާއަށް ވަގުތީ އިމާރާތް

ދަރުމަވަންތަ އާ އިމާރާތަށް ބަދަލުކޮށް، އަރަބިއްޔާއަށް ވަގުތީ އިމާރާތް

12 މާޗް 2023

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން އަންނަ ހަފުތާގައި އާ އިމާރާތަށް ބަދަލުކޮށް، އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އެ އިމާރާތަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން އަންނަ ހަފުތާގައި އާ އިމާރާތަށް ބަދަލުކޮށް، އަރަބިއްޔާ ސްކޫލުގެ ދަރިވަރުން އެ އިމާރާތަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ދަރުމަވަންތަ ސްކޫލުގެ އެކްސްކޯ ޓީމުގައި ހިމެނޭ ބެލެނިވެރިއަކު "މިހާރު" އަށް މިއަދު ބުނީ، ވިލާ ކޮލެޖު ކުރިމަތީގައި ހަދާ އާ އިމާރާތަށް ބަދަލުވުމަށް، ވަގުތީ އިމާރާތުގައި ހުރި ތަކެތި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނަގައި ހުސްކުރަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ނަމަވެސް، ދިރާސީ އަހަރުގެ މެދު ތެރެއިން އަދި ގްރޭޑު 8،9 އަދި 10 ގެ ދަރިވަރުންގެ މޮކް އިމްތިހާނު ފަށާފައިވަނިކޮށް ކުއްލިއަކަށް ސްކޫލު ބަދަލުކުރަން ބެލެނިވެރިން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.

"ކޮމްޕައުންޑެއް އަދި ހޯލެއް ވެސް ނެތް އާ އިމާރާތުގައި. އަޅުގަނޑުމެން ގޮސްފައި ބަލައިފިން. އެ ކަހަލަ ތަނަކަށް އަވަސް އަރުވާލައިގެން ބޭނުމެއް ނޫން ބަދަލުވާކަށް." ބެލެނިވެރިޔާ ބުންޏެވެ.

ދަރުމަވަންތައިގެ އާ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާއެކު އެންމެ ފުރަތަމަ ސޮއިކުރީ ފެބްރުއަރީ 4، 2020 ގަ އެވެ. އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށެވެ.

ނަމަވެސް، ސްކޫލު ކުރެހުމުގައި މައްސަލަތަކެއް ހުރުމުން، އިތުރު 20 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި މިދިޔަ އޮގަސްޓް މަހު ސޮއިކުރި އެވެ. އެއީ، އެ އެއްބަސްވުމުގައި ހިމެނޭ ފިނިޝިން މަސައްކަތްތައް 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެނގިފައިވާ ގޮތުގައި ސްކޫލު ނުހުޅުވި ދިގުލައިގެންދާތީ މިނިސްޓްރީން އެންމެ ފުރަތަމަ މަސައްކަތްކުރީ އަންނަ ބުދަ ދުވަހު އާ އިމާރާތުގެ އެއް ބްލޮކް ބޭނުންކުރަން ފަށައި، އެ ތަނުގައި ކިޔަވައިދޭށެވެ. އެހެންވެ، އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ އެ ބްލޮކްގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ވެސް ހަވާލުކޮށްފަ އެވެ.

ނަމަވެސް، ސްކޫލް ހުޅުވާ މުއްދަތާ ގުޅޭގޮތުން ދަރުމަވަންތައިގެ ބެލެނިވެރިން ފަހުން ސުވާލުކުރުމުން ބުނީ އާ އިމާރާތް ބޭނުންކުރަން ފަށާނީ ދިރާސީ އާ އަހަރާއެކު ކަމަށެވެ. އެކަމަކު، މިނިސްޓްރީގެ ވިސްނުން ފަހުން ބަދަލުވެގެން ދިޔައީ އެވެ.

އެކްސްކޯގެ މެމްބަރު ބުނީ ވަގުތީ އިމާރާތުގައި ދަރުމަވަންތައިގެ ދަރިވަރުން ކިޔަވާތާ ހަތް އަހަރުވެގެން ދާއިރު ވެސް، އާ އިމާރާތް އަވަސްކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ނެގީ، އަމީނީ މަގުގައި ތާރު އެޅުން ލަސްވާތީ އެކަން އެމްޓީސީސީއާ ހަވާލުކުރުމަށެވެ.

"މިއޮތް ހުރިހާ ދުވަހު އަޅުގަނޑުމެން މި ތިބީ މަޑުން. މިނިސްޓްރީން ވެސް ބުނާނެ އެންމެ ބަސް އަހާ ބެލެނިވެރިން ތިބީ ދަރުމަވަންތައިގައޭ. އެކަމަކު ބެލެނިވެރިން ތިބީ މަޑުން ތިބޭ ގޮތަކަށް ނޫން." އޭނާ ބުންޏެވެ.

މެމްބަރު ބުނީ ސްކޫލު ހުސްކުރަން އެންގި ފަހުން އަރަބިއްޔާގެ އިސްވެރިން އެ ތަނަށް ގޮސް ސްކޫލު ބަލާފައިވާ ކަމަށެވެ.

އަރަބިއްޔާގެ ކަންކަމުގައި އިސްކޮށް އުޅޭ ބެލެނިވެރިޔަކު "މިހާރު" އަށް ބުނީ އެ ސްކޫލުގެ ދަރިވަރުންނަށް ދަރުމަވަންތައިގެ ވަގުތީ އިމާރާތް ހަމަޖައްސައިދޭނެ ކަމަށް ނުރަސްމީކޮށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

ނަމަވެސް، އެކަން ކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް މިނިސްޓްރީން ބުނެފައިވާ އަރަަބިއްޔާގެ ބެލެނިވެރިޔާ ބުންޏެވެ.

"ދަރުމަވަންތައިގެ އާ އިމާރާތަކީ އަރަބިއްޔާ މިހާރު ހިންގާ ތަނަށް ވުރެ ރަނގަޅު ތަނެއް." އޭނާ ބުންޏެވެ.

މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލުގެ ކުދިން ވަގުތީ ގޮތުން ކިޔަވަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގަ އެވެ. އެކަމަކު، އެ ތަނުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބެލެނިވެރިން ބުނެ އެވެ. މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އެއްވެސް ބަހެއް ނުލިބުނެވެ.