ކިޔަވައިދިނުމަށް ޓީޗަރުންނަށް ދެން ހުއްދަ ލިބޭނީ ހަތަރު އަހަރުގެ ޑިގްރީ ނިންމުމުން ކަމަށް ޓީޗާސް ރަޖިސްޓްރޭޝަން ގަވާއިދުގައި ބުނެފި އެވެ.
26 ޖުލައި 2023
ކިޔަވައިދިނުމަށް ޓީޗަރުންނަށް ދެން ހުއްދަ ލިބޭނީ ހަތަރު އަހަރުގެ ޑިގްރީ ނިންމުމުން ކަމަށް ޓީޗާސް ރަޖިސްޓްރޭޝަން ގަވާއިދުގައި ބުނެފި އެވެ.
ތައުލީމީ ގާނޫނުގެ ދަށުން އިއްޔެ އާއްމުކުރި ގަވައިދުގައި ބުނީ، 2029 ވަނަ އަހަރުން ފެށިގެން ޓީޗާސް ލައިސަންސް ދޭނީ، ޓީޗިންގެ ހަތަރު އަހަރުގެ ޑިގްރީއެއް ފުރިހަމަކުރުމުން ކަމަށެވެ.
ނަމަވެސް، ގިނަ ކޮލެޖު/ޔުނިވާސިޓީތަކުގައި ޓީޗިން މިހާރު ގެންދަނީ ތިން އަހަރަށެވެ. އަދި ބައެއް ތަންތަނުގައި އޮންލައިން އަދި ބްލެންޑު މޯޑަށް ވެސް ޓީޗިން ގެންދެ އެވެ.
އެ ލައިސަންސްގެ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި، ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ކިޔަވައިދިނުމުގެ ކޯސްތަކަށް ގެނައި ބަދަލުތައް ކޮލެޖު އަދި ޔުނިވާސިޓީތަކާ ހިއްސާކުރާނެ ކަމަށެވެ.
"މިއީ، ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް ކޯސްތައް ގެނައުމަށް ގެނައި ބަދަލެއް. އެޑިއުކޭޝަން މިނިސްޓްރީން އަޅުގަނޑުމެން ތައްޔާރުކޮށް، ކޮލެޖު އަދި ޔުނިވާސިޓީތަކާ ހިއްސާ ކުރާނަން ޕްރީސާވިސް ކޯހެއްގައި ހުންނަން ޖެހޭ ސްޓެންޑާޑް. އެ ސްޓެންޑާޑް ހުންނަ ގޮތަށް ހަތަރު އަހަރު ދުވަހުން ތަމްރީނުވާ ކުއްޖާއޭ ކުރިއަށް އޮތް ތަނުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ،" ތާޖުއްދީން ސްކޫލުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އާތިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކިޔަވައިދިނުމުގެ ފެންވަރު، މިނިސްޓްރީން ކަނޑައަޅާ ވަރަށް ބަދަލުކުރަން އަންނަ އަހަރު ފުރުސަތު ދޭނެ ކަމަށެވެ. އެ އަށް ފަހު، ޖެނުއަރީ 2025 އިން ފެށިގެން ކުދިންނަށް ކިޔަވައި ދޭނީ ފޭސް-ޓު-ފޭސް މޮޑެލް އަށް ހަތަރު އަހަރަށް ކަމަށް ވާތީ، އެ ފެންވަރުގައި ޓީޗިން ފަށާ ފުރަތަމަ ބެޗުގެ ދަރިވަރުން ކިޔެވުން ނިންމައި، ޖެނުއަރީ 2029 ގައި ހިދުމަތަށް ނުކުންނާނެ ކަމަށް އާތިޔާ ވިދާޅުވި އެވެ.
މީގެ ފަސް އަހަރު ފަހުން ޓީޗަރުންނަށް ލައިސެންސް ދޭނީ ފޭސް-ޓު-ފޭސްކޮށް ހަތަރު އަހަރުގެ ޑިގްރީ ފުރިހަމަކުރުމުން ކަމަށް އެޑިއުކޭޝަނުން ބުންޏަސް، ޓީޗާސް ރަޖިސްޓްރޭޝަން ގަވައިދުގައި އެކަމެއް ބުނެފައެއް ނުވެ އެވެ. އެ ގަވައިދުގައި ބުނަނީ ހަމައެކަނި ހަތަރު އަހަރުގެ ޑިގްރީގެ ވާހަކަ އެކަންޏެވެ.
"މީގެ ބޭނުމަކީ، އަޅުގަނޑުމެން ބޭނުންވާ ފެންވަރުގެ ޓީޗަރުން ތަމްރީނުކޮށް، ދާއިރާއާ ގުޅެން. މިހާރު މި ކިޔަވާ ކުދިންނަށް އެއްވެސް ބަދަލެއް ނާންނާނެ. އެ ކުދިން ގްރެޖުއޭޓްވެގެން އައީމަ ލައިސެންސް ލިބޭނެ. މި ގަވައިދު އެފެކްޓިވް ވާން ފަށާނީ 2028 ގެ ފަހުން،" އާތިޔާ ވިދާޅުވި އެވެ.
މިއީ ދަރިވަރުންނަށް ޕްރެޝަކުރަންވީ ވަގުތެއް ނޫން
ތައުލީމުގެ ގާނޫނުން ދާއިރާ ތަރުތީބުކޮށްދޭނެ: މިނިސްޓަރު
ޓީޗާސް ލައިސަންސް މުހިއްމު، ކުރަންޖެހޭ ކަންކަން ގިނަ
ސިޓިން ރޫމްތަކުގައި ޕްރީ ސްކޫލު އެބަ ހިންގާ: އާތިޔާ
ޓީޗަރުންނަށް ބެލެނިވެރިންގެ ޝުކުރު މާމެލާމެލިން
"ހެޔޮ ބަދަލެއް ގެންނަން މޮޅު ޓީޗަރުން އުފައްދަންޖެހޭ"
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
ހުރިހާ ޓީޗަރުން ކުރު ދެ ކޯހެއް ފުރިހަމަކުރަން ޖެހިއްޖެ
400 ޓީޗަރުން ހޯދަނީ ގިނަ ދިވެހިންނަށް ފުރުސަތު ދޭން
އާބާދީ މަދު ސްކޫލުތަކަށް މަލްޓި ގްރޭޑް ޓީޗިން ތައާރަފްކޮށްފި