Roadha Mihaaru
އެމްޓީސީސީއަށް 476 މިލިއަން ރުފިޔާގެ މަޝްރޫއު

އެއް ދުވަހުން އެމްޓީސީސީ އަށް 476 މިލިއަން ރުފިޔާގެ މަޝްރޫއު

26 ޖުލައި 2023

ޕްލޭނިން މިނިސްޓްރީން ފަސް ރަށެއްގައި ހިންގާ 476 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕްލޭނިން މިނިސްޓްރީން ފަސް ރަށެއްގައި ހިންގާ 476 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ؛

• އއ. އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތްކުރުން/ 28 މިލިއަން ރުފިޔާ (6 މަސްދުވަސް)

• އދ. މަހިބަދޫގެ ބިން ހިއްކުން/ 43.6 މިލިއަން ރުފިޔާ (8 މަސްދުވަސް)

• ދ. މާއެނބޫދޫ ބިން ހިއްކުން/ 66.3 މިލިއަން ރުފިޔާ (8 މަސްދުވަސް)

• ލ. މާވަށު ބިން ހިއްކުން/ 82.9 މިލިއަން ރުފިޔާ (10 މަސްދުވަސް)

• ފުވައްމުލަކުގެ އިތުރު މަގުތަކުގައި ތާރުއެޅުން/ 255.2 މިލިއަން ރުފިޔާ (ދެ އަހަރު)

އެމްޓީސީސީން މިހާރު ވެސް އަންނަނީ ފުވައްމުލަކުގެ ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ފުވައްމުލަކުގެ އިތުރު މަގުތަކުގައި ތާރު އަޅަން ހަވާލުކުރި އިރު، ރިޔާސީ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހުކުރު ދުވަހު އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ.

ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުން އަންނަ ވަރަކަށް، ސަރުކާރުން އަންނަނީ ފުލުފުލުގައި އާ މަޝްރޫއުތައް އިއުލާންކޮށް، ހަވާލުކުރަމުންނެވެ.