Roadha Mihaaru
ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލަން އެމްޓީސީސީއަށް

ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

12 ޖެނުއަރީ 2022

ށ. ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ށ. ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ކޮމަންޑު އާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މަތި ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ފަށާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވަނީ އިއުލާން ކުރައްވައިފަ އެވެ.

އެ މަޝްރޫއުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރީ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލީ އެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އާދަމް އާޒިމެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ކޮމަންޑޫ އާއި މަތި ކޮމަންޑޫ ބިން ހިއްކައިގެން ގުޅުވާލުމުގެ އިތުރުން މަތި ކޮމަންޑޫއިން އިތުރު 16 ހެކްޓަރުގެ ބިން ވެސް އެ މަޝްރޫއުގެ ދަށުން ހިއްކުމާ އެކު ބޮޑު ހިލަ ޖަހައިގެން 1،500 މީޓަރުގެ ތޮށްޓެއް ގާއިމް ކުރުމާ އެކު، ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮކްޓެޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ 730 ދުވަހުން މަސައްކަތް ނިންމަންޖެހޭ ގޮތަށް ހަވާލުކުރި އެ މަޝްރޫއުއަށް 249 މިލިއަނަށް ވުރެ ގިިނަ ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މިހާރު އޮތީ އިއުލާންކޮށްފަ އެވެ. އެ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުން އިއުލާންކުރި ބައި އިލެކްޝަންގައި ތިން ޕާޓީއަކުން ވާދަކުރެ އެވެ.

ބައި އިލެކްޝަން އިއުލާން ކޮށްފައި ވަނިކޮށް ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އިއުލާން ކުރުމުން ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.