Roadha Mihaaru
ޝަރުތުތަކާ އެކު ލަންކާ ވޯލްޑްކަޕް ކޮލިފައިންގެ ޑްރޯއަށް

ސަސްޕެންޑްކޮށްފައި އޮތަސް ޝަރުތުތަކާ އެކު ލަންކާ ވޯލްޑް ކަޕް ކޮލިފައިންގެ ގުރުއަތަށް

27 ޖުލައި 2023

ފީފާ އިން ސަސްޕެންޑް ކޮށްފައިވާ ސްރީލަންކާ، ހަރުކަށި ޝަރުތުތަކާ އެކު މިއަހަރު ފަށާ ވޯލްޑް ކަޕް ކޮލިފައިންގެ ގުރުއަތުގައި ބައިވެރި ކުރަން ނިންމައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފީފާ އިން ސަސްޕެންޑް ކޮށްފައިވާ ސްރީލަންކާ، ހަރުކަށި ޝަރުތުތަކާ އެކު މިއަހަރު ފަށާ ވޯލްޑް ކަޕް ކޮލިފައިންގެ ގުރުއަތުގައި ބައިވެރި ކުރަން ނިންމައިފި އެވެ.

ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޖެނުއަރީ މަހު އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވައިފަ އެވެ. ނަމަވެސް ތިންވަނަ ފަރާތެއްގެ ނުފޫޒު ވެދެފައިވާ ކަމަށް ބުނެ ފީފާއިން އެ އިންތިހާބު ބަލައި ނުގަނެ، ފެޑެރޭޝަން ސަސްޕެންޑް ކުރީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓްރީން އެކުލަވާލި ގަވާއިދުގެ ސަބަބުން ސްރީލަންކާ ފެޑެރޭޝަންގެ މިނިވަންކަމަށް އަސަރު ކުރާތީ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 12 ވަނަ ދުވަހު އެވެ. އަދި ދެވަނަ ލެގު ކުޅެން ތާވަލް ކޮށްފައި ވަނީ އޮކްޓޫބަރު 17 ގައެވެ.

ފީފާއިން ލަންކާގެ ފެޑެރޭޝަނަށް ކުރި ޝަރުތަކީ، ކޮލިފައިންގެ ފުރަތަމަ މެޗު ކުޅެން އޮތް ތާރީހަށް ވުރެ އެންމެ ލަސް ވެގެން 10 ދުވަސް ކުރިން ފެޑެރޭޝަންގެ މިނިވަން އިންތިހާބެއް ބޭއްވުމެވެ. އެ ޝަރުތު ފުރިހަމަ ނުކުރެވޭ ނަމަ ކޮލިފައިންގައި ކުލުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

ލަންކާގެ ސްޕޯޓްސް މިނިސްޓަރު ރޯޝަން ރަނަސިންހްގެ ވަނީ އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ބޭއްވުމަށް ތިން މެމްބަރުންގެ ކޮމިޓީ އެއް މިދިޔަ އަންގާރަ ދުވަހު އެކުލަވާލައިފަ އެވެ.

ލަންކާ އާއެކު ރާއްޖެ ވެސް ފަށަން ޖެހެނީ ފުރަތަމަ ބުރުން

ފީފާ ރޭންކިން އަށް ބަލައި، އޭޝިއާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ 26 ގައުމުގެ ތެރޭގައި ނުހިމެނޭ ގައުމުތައް ކޮލިފައިން ފަށަން ޖެހޭނީ ފުރަތަމަ ބުރުންނެވެ. އެގޮތުން ލަންކާ އާއެކު އޭޝިއާގެ 30 ވަނަ ލިބޭ ރާއްޖެ ވެސް ފަށާނީ ފުރަތަމަ ބުރުންނެވެ.

ފުޓްބޯޅައިގެ ހަރަކާތްތަކާ ދުރުގައި އޮންނަތާ ހަ މަސް ވެފައިވާ ލަންކާ މިވަގުތު ވަނީ ރޭންކިންގެ އެންމެ ފުލަށް ވެއްޓިފަ އެވެ. ގަދަ 26 ގައުމުގެ ތެރޭގައި ނުހިމެނޭ 20 ގައުމު ދެ ޕޮޓަކަށް ބަހާލައިފައި ވާއިރު، ސާފް ގައުމުތަކުގެ ތެރެއިން ލަންކާ އާއި ޕާކިސްތާން އަދި ބަންގްލަދޭޝް އާއި ބޫޓާން ހިމެނެނީ ދެވަނަ ޕޮޓްގަ އެވެ. އެއްވަނަ ޕޮޓްގައި ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކަކީ ރާއްޖެ އާއި ނޭޕާލް އެވެ.

ޕޮޓް 1: ހޮންގް ކޮންގް، އިންޑޮނޭޝިއާ، ޗައިނީޒް ޓައިޕޭ، ދިވެހިރާއްޖެ، ޔަމަން، އަފްގާނިސްތާން، ސިންގަޕޫރު، މިޔަންމާ، ނޭޕާލް، ކެމްބޯޑިއާ

ޕޮޓް 2: މަކާއޯ، މޮންގޯލިއާ، ބޫޓާން، ލާއޯސް، ބަންގްލަދޭޝް، ބުރުނާއީ، ޓިމޯ-ލެސްޓޭ، ޕާކިސްތާން، ގުއާމް، ސްރީލަންކާ

ކޮލިފައިންގެ ފުރަތަމަ ބުރުން މޮޅުވާ 10 ޓީމު ދެވަނަ ބުރުގެ ހަތަރުވަނަ ޕޮޓަށް ހޮވޭނެ އެވެ. ދެވަނަ ބުރުން ސީދާ ޖާގައެއް ލިބުނު ދެކުނު އޭޝިއާގެ ހަމައެކަނި ގައުމަކީ އިންޑިއާ އެވެ. އިންޑިއާ އޮތީ ވެސް ދެވަނަ ޕޮޓްގަ އެވެ.