Roadha Mihaaru
އަފްގާން އެފްއޭގެ ކޮރަޕްޝަން ކުޅުންތެރިން ޓީމު ބޮއިކޮޓް

އަފްގާން ފުޓްބޯޅައިގެ ކޮރަޕްޝަން؛ 18 ކުޅުންތެރިޔަކު ގައުމީ ޓީމު ބޮއިކޮޓް

14 ނޮވެމްބަރ 2023

އަފްގާނިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ފައިސާ ނަހަމަގޮތުގައި އެ ތަނުގެ ވެރިން ބޭނުން ކުރާކަމަށް ތުހުމަތުކޮށް، އެ ގައުމުގެ 18 ކުޅުންތެރިޔަކު ގައުމީ ޓީމު ބޮއިކޮޓް ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަފްގާނިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ފައިސާ ނަހަމަގޮތުގައި އެ ތަނުގެ ވެރިން ބޭނުން ކުރާކަމަށް ތުހުމަތުކޮށް، އެ ގައުމުގެ 18 ކުޅުންތެރިޔަކު ގައުމީ ޓީމު ބޮއިކޮޓް ކޮށްފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ޒޯންގެ ގުރޫޕް އޭ ގައި އަފްގާން މި މަހު ކުޅޭ ދެ މެޗު ބޮއިކޮޓް ކުރި ކުޅުންތެރިންގެ ތެރޭގައި އެންމެ ފަހުގެ ކެޕްޓަން ފަރްޝަދު ނޫރު އާއި ކުރީގެ ކެޕްޓަން ފައިސަލް ޝަޔެސްތާ ހިމެނެ އެވެ.

އެ ކުޅުންތެރިން ވަނީ ފީފާ އަށް ސިޓީ އެއް ފޮނުވައި އަފްގާނިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރާކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދިނުމަށް އެދިފަ އެވެ.

އިންޑިއާގެ އައި ލީގުގެ ޝްރިންޑީ ޑެކަން އަށް ކުޅެމުން އަންނަ ޝަޔެސްތާ ތުހުމަތުކުރާ ގޮތުގައި ފީފާ އިން ދޭ ފައިސާ، އަފްގާން އެފްއޭ ހިންގަން ތިބި ފަރާތްތަކުން އަމިއްލަ ބޭނުންތަކަށް ބޭނުން ކުރެ އެވެ.

"އަހަރެމެން ބޭނުންވަނީ ދުނިޔެ އަށް ޕޮޒިޓިވް އަފްގާނިސްތާނެއް ދައްކަން. އެހެންވީމަ އަހަރެމެން އެދެނީ ފީފާ އިން އަހަރެމެންގެ ފެޑެރޭޝަނަށް މާލީ ގޮތުން ސަޕޯޓް ދިނުން ހުއްޓާލަން. ސަބަބަކީ އެ ފައިސާ އަފްގާނިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގަމުންދާ 'ގޭންގެއްގެ' ޖީބަށް ވަދެގެންދާތީ،" ތުހުމަތުކޮށް ޝެޔެސްތާ ލިޔެފައި ވެއެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މޮންގޯލިއާ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވުމުން، ބޭރުގެ ސްޕޮންސަރެއް މެދުވެރިކޮށް އަފްޣާނިސްތާނުގެ ގައުމީ ޓީމަށް ދިން 30،000 ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު އަމިއްލަ ކަންކަކަމަށް އެފްއޭގެ ވެރިން ބޭނުންކޮށްފައިވާ ކަމަށް ފީފާ އަށް ފޮނުވި ސިޓީގައި ކުޅުންތެރިން ތުހުމަތުކޮށްފައި ވެއެވެ.

އެކަމަކު އަފްގާން އެފްއޭގެ ޖެނެރަލް ސެކްރެޓަރީ ބެހްރާމް ސިއްދީގީ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އޭނާ ވިދާޅުވީ 20،000 ޑޮލަރު ކުޅުންތެރިންގެ މެދުގައި ބެހި ކަމަށެވެ. އަދި އަނެއް 10،000 ޑޮލަރު ބޭނުން ކުރަނީ ޓީމުގެ ޓްރޭނިން ކޭމްޕްގެ ހަރަދުތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ އޯގަސްޓް 2021 ގައި، އަފްގާނިސްތާނުގެ ވެރިކަމަށް ތޯލިބާނުން އައި ފަހުން ފީފާ އިން ސީދާ އެފްއޭ އަށް ފައިސާ ދިނުން ހުއްޓާލި ކަމަށެވެ. ފީފާ އިން އޭގެ ފަހުން ފައިސާ ދިނީ ސީދާ ކުޅުންތެރިންނަށާއި ގައުމީ ޓީމަށެވެ.

އެކަމަކު އަފްގާނީސްތާނުގައި ދިރިއުޅޭ ބައެއް ކުޅުންތެރިން ބުނީ ގައުމީ ޓީމުގެ ޓްރޭނިންތަކަށް މި އަހަރު އެކި ފަހަރުމަތިން ނުކުތް އިރު ވެސް 1،000 ޑޮލަރުގެ ބޯނަސް ވެސް ލިބިފައި ނުވާ ކަމަށެވެ.

އަފްޣާނިސްތާނުގެ އެފްއޭ އިން ވަނީ، ގައުމީ ޓީމުގެ ކޯޗަކަށް ކުރިން އައި ލީގުގައި މަސައްކަތް ކުރި އިނގިރޭސި ވިލާތުގެ އެޝްލީ ވެސްޓްވުޑް ހަމަޖައްސައިފަ އެވެ. އޭނާ އާ އެކު ގައުމީ ޓީމުތައް ތައްޔާރީތައް ކުރިއަށްގެންދާއިރު ޓީމުގެ މުހިންމު ކުޅުންތެރިން ޓްރޭނިންގައި ބައިވެރިއެއް ނުވެ އެވެ. ކުޅުންތެރިން ބުނަނީ އަލުން ގައުމީ ޓީމަށް ކުޅޭނީ، އެފްއޭގެ ރައީސް މުހައްމަދު ޔޫސުފް ކަރަގްރް މަގާމުން އިސްތިއުފާ ދިނުމުން ކަމަށެވެ.

ވެސްޓްވުޑް ބުނީ ކުޅުންތެރިންގެ ކަންބޮޑުވުން އޭނާ އަށް ވިސްނޭ ކަމަށެވެ.

"ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކުޅުންތެރިންނާ އެކު އަހަރެން ޓީމު އެކުލަވާލާނީ،" ވެސްޓްވުޑް ބުންޏެވެ.

ކޮލިފައިންގައި އަފްގާންގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ގަތަރާ ދެކޮޅަށެވެ. އަދި މި މަހު 21 ގައި ކުވައިތާ ދެކޮޅަށް ސައުދީ އަރަބިއާގައި އަފްގާނުން ކުޅޭނެ އެވެ. އަފްގާނިސްތާނުގެ ހޯމް މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ ސައުދީގަ އެވެ.